ހަބަރު

އެމްބީއެސް އާއި އެލިއާ ގުޅިގެން ލޭ ހަދިޔާ ކުރާ ދުވަސް ފާހަގަ ކޮށްފި

މޯލްޑިވްސް ބުލަޑް ސާވިސަސް (އެމްބީއެސް) އަދި އެލިއާ އިންވެސްޓްމެންޓްއާ ގުޅިގެން ދުނިޔޭގެ ލޭ ހަދިޔާ ކުރާ ދުވަސް ފާހަގަ ކޮށްފި އެވެ.

ނޭޝަނަލް އާޓް ގެލަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންސްޕާގެ ސީއީއޯ އިސްމާއީލް އައްޒާމް ވަޖީހް ވިދާޅުވީ ދިވެހި މުޖުތަމައުގައި ދުވަހަކުވެސް ލޭ ހަދިޔާ ނުކުރާ އެތައް ބަޔަކު އެބަތިބި ކަމަށާއި މި ކަމަކީ ފަރުދީ ޒިންމާއެއް ކަމަށްދެކި އިސްނަގައިގެން ލޭ ހަދިޔާ ކުރަން ޖެހޭ ކަމަށެވެ. އަދި ލޭ ހަދިޔާ ކުރާ މީހުންގެ މިންވަރު އިތުރު ކުރުމުގެ ގޮތުން ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ބާއްވައި ވީހާވެސް ގިނަ ފަރުދުންނަކީ ލޭ ހަދިޔާ ކުރާ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އައްޒާމް ވިދާޅުވި އެވެ.

"ބައެއް މީހުން ދެކޭ ގޮތުގައި ލޭ ހަދިޔާ ކުރުމަކީ ވަކި މީހެއްގެ ކަމެއް. ގިނަ ބައެއްގެ ވިސްނުން ހުންނަނީ ލޭ ހަދިޔާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް. އެކަމަކު ކެރިގެން ލޭ ދޭން ކެރެނީ ވަރަށް މަދު ބަޔަކަށް. ލޭ ދިނުމަކީ ސިއްހީ ގޮތުންވެސް ހަށިގަނޑަށް ވަރަށް ފައިދާ ކުރި ކަމެއް." އައްޒާމް ވިދާޅުވި އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ޖުލައިމަހުގެ 14 ވަނަ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ "ކާރިސާއެއް ދިމާވުމުގެ ކުރިން މަޑު ނުކުރައްވާ، ކޮއްދެވޭނީ ކޮންކަމެއް، ލޭ ހަދިޔާ ކުރައްވާ، މިހާރު ލޭ ހަދިޔާ ކުރައްވާ، ގިނަގިނައިން ލޭ ހަދިޔާ ކުރައްވާ" މިއެވެ.

މި ރަސްމިއްޔާތުގައި އެމްބީއެސް ގެ ލޯގޯ ވަނީ އިފްތިތާހް ކޮށްފަ އެވެ. އަދި ވޭތުވެދިޔަ އަހަރުތަކު ތެރޭގައި އެންމެ ގިނައިން ލޭ ހަދިޔާ ކުރި ފަރާތްތަކަށް ހާއްސަ އެވޯޑެއްވެސް ވަނީ އަރުވާފަ އެވެ. އަދި އެލިއާ އިންވެސްޓްމަންޓް އިން ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަސް ފާހަގަ ކުރުމުގައި ވޭތުވެދިޔަ ތިން އަހަރު ބައިވެރިވެފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެފަރާތަށް ވެސް ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

މި ރަސްމިއްޔާތުގައި އިސްމާއިލް އައްޒާމް އާއި އެލިއާގެ މުއައްޒަފުންގެ އިތުރުން އެމްބީއެސްގެ ބައެއް ބޭފުޅުން ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ.