ހަބަރު

ފަލާހަށް ރިޝްވަތު ހުށަހެޅި މައްސަލައެއް ހުށައެއް ނާޅާ: ފުލުހުން

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހަށް އިދިކޮޅު ފަރާތްތަކުން ރިޝްވަތު ހުށަހެޅި މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ސަރުކާރުގެ ކޯލިޝަން ދެ ޕާޓީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހު ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމަށް ޕެޓިޝަންގައި ސޮއި ކުރުމަށް އިދިކޮޅު ފަރާތްތަކުން އޭނާއަށް 32 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ފަލާހު ވިދާޅުވީ އެކަން އަންގަން ޖެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން މިރޭ ބުނީ ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލައެއް ފަލާހު އެ އިދާރާއަށް ހުށަނާޅުއްވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅުއްވައިފިނަމަ ނަމަ ތަހުގީގު ކުރައްވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރިޝްވަތު ހުށަހެޅި ކަމަށް ފަލާހު އިދިކޮޅު ފަރާތްތަކަށް ތުހުމަތު ކުރައްވާ އިރު ފުލުހުން މިހާރު ވެސް އަންނަނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އަދި މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރެއްވި، އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ ރިޝްވަތު ހުށަހެޅި މައްސަލައެއް ފުލުހަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ފާރިސް ރިޝްވަތު ދޭން އުޅުން ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.