ހަބަރު

އަދީބު ބަޔާން ނެރުނު މައްސަލަ ބަލަން ޖެހޭ: ސަލީމް

ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލު ހުކުމްތަކެއް އައިސްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިދިޔަ ބުރާސްފަތި ދުވަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ގެއްލުނު ފައިސާއާ ބެހޭ ގޮތުން ނެރުނު ބަޔާނަކީ ގާނޫނާ ހިލާފަށް ނެރެފައިވާ ބަޔާނެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

މާޒް ސަލީމް "އަވަސް" އަށް ވިދާޅުވީ ހުކުމް ކޮށްފައި ޖަލުގައި ހުންނަ އެއްވެސް މީހަކަށް ބަޔާނެއް ނުނެރެވޭ ކަމަށާއި ބަޔާން ނެރެވޭނީ ހަމައެކަނި ކަރެކްޝަން މެދުވެރިކޮށް ކަމަށެވެ. އަދި ބަޔާން ނެރުނު މައްސަލަ ތަހުގީގު ކޮށް އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެކަމަށް ވެސް މާޒް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އަދީބުގެ ލޯޔަރުންނަށް ވެސް ބަޔާން ނުނެރެވޭނެ ކަމަށާއި ނެރެވޭނީ ހަމަ އެކަނި އަދީބު ތަންފީޒް ކުރަމުންދާ މައްސަލައާ ގުޅުން ހުރި ކަންކަމާ ގުޅޭ ބަޔާން އެކަނި ކަމަށެވެ. އަދި އަދީބު އެކަން ކުރަނީ މަސްލަހަތު ނަގާލަން ކަމަށާއި އެ ބަޔާނަކީ އަދީބަށް ނެރެވިގެންވާނެ ބަޔާނެއް ނޫން ކަމަށް ވެސް މާޒް ސަލީމް ވިދާޅުވި އެވެ.

"އެ ބަޔާނަކީ އަދީބަށް ނެރެވޭން ބަޔާނެއް ނޫން. ހުކުމް ކޮށް ޖަލަށް ލާފައި ހުންނަ އެއްވެސް މީހަކަށް ބަޔާނެއް ނުނެރެވޭނެ. ބަޔާން ނެރެވޭނީ ކަރެކްޝަންސް މެދުވެރިކޮށް. ލޯޔަރަކަށްވެސް ނުނެރެވޭނެ. ލޯޔަރަށް ހަމަ އެކަނި ދެއްކޭނީ އޭނަގެ ހުކުމުގެ ވާހަކަ އެކަނި. ނުވަތަ ތަންފީޒު ކުރަމުންދާ މައްސަލައާއި ގުޅުންހުރި ވާހަކަތައް އެކަނި." މާޒް ސަލީމް ވިދާޅުވި އެވެ.

އަދީބު ނެރުނު ބަޔާނުގައި ވަނީ އެމްއެމްޕީއާރްސީން ގެއްލުނު ފައިސާގެ އަދަދާއި އެ ފައިިސާ ހަރަދުކޮށްފައިވާ ގޮތާއި އެ ހުރިހާ ކަމެއްގެ ހަގީގަށް އިނގިވަޑައިގަންނަވާނީ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކަމަށެވެ. އަދި އެ ފައިސާގެ ބޮޑުބައެއް ހަވާލުކޮސްފައިވަނީ ވެސް ރައީސް ޔާމީން އަށް ކަމަށާއި އެ ފައިސާ ސިޔާސީ ބޭނުމަކަށް ބޭނުން ކޮށްފައި ނުވާނެ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.