ދެހާސް ސާދަ ވަނަ އަހަރު ރާއްޖޭގެ ސުކޫލުތަކަށް ތައާރަފްކުރި ޕިއާސަން ބީޓެކް ސަނަދުގެ 2016 ވަނަ އަހަރު ޑިޕްލޮމާ ލެވެލް ދޭއް ނިންމި 319 ދަރިވަރުންނަށް ސެޓްފިކެޓް ދީފި އެވެ.
ދަރުބާރު ގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޕިއާސަން ބީޓެކް ޑިޕްލޮމާ ލެވެލް ދޭއް ނިންމާ ފާސް ގްރޭޑް ހާސިލް ކުރި 210 ދަރިވަރުންނާއި ބީޓެކް ޑިޕްލޮމާ ލެވެލް ދޭއްގެ މެރިޓް ހާސިލް ކުރި 86 ދަރިވަރަކަށާއި ޑިސްޓިންކްޝަން ހާސިލް ކުރި 11 ދަރިވަރެއްގެ އިތުރުން ޑިސްޓިންކްޝަން ސްޓާ ހާސިލް ކުރި 12 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފައި ވެއެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގައުމަށް ބޭނުންވާ ތަރައްގީ އަކީ އެންމެން ޝާމިލް ވެގެން ގެނެވޭނެ ތަރައްގީއެއް ކަމަށާއި އެކަމުގައި ތައުލީމީދާއިރާގެ ވަރަށް ބޮޑު ޒިންމާ އެކުލެވިގެންވާ ކަމަށެވެ. ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އެކަން ހާސިލް ކުރުމަށް އެންމެ ކުއްޖަކުވެސް ބާކީ ނުވާ ސިޔާސަތު ކަނޑަ އަޅުއްވާ ތަންފީޒް ކުރައްވަން ފެއްޓެވީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 319 ކުދިންނާއެކު ފެށި ކޯހުގައި މިއަދާ ހަމައަށް 3000 ވުރެ ގިނަ ދަރިވަރުން ރެޖިސްޓާވެފައިވާ ކަމަށެވެ. އަދި 2014 ވަނަ އަހަރު ބީޓެކް ތައާރަފް ކުރެވިގެން ދިޔައީ އޯލެވެލް ފެންވަރަށް ކިހަވާދޭ 11 ސުކޫލަކަށް ކަމަށާއި މިއަދު އޯލެވެލް ކިޔަވާދޭ ހުރިހާ ސުކޫލަކަށް ތައާރަފް ކުރެވި 28 ސުކޫލެއްގައި އޭ ލެވެލް ފެންވަރަށް ވެސް ކިޔަވާ ދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"2014 ވަނަ އަހަރު ހުނަރުގެ ދާއިރާއިން ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ބަލައިގަންނަ އިނގިރޭސި ވިލާތުގެ ސަނަދެއް ކަމަށްވާ ބީޓެކް ރާއްޖޭގެ ސުކޫލުތަކަށް ތައާރަފް ކުރެވިގެންދިޔަ. ޕިއާސަން ބީޓެކް އަކީ ވަރަށް ގިނަ ދާއިރާތަކުން ގިނަ ފަންނާއި ހުނަރު ހާސިލް ކުރެވޭ ޕްރޮގްރާމެއް." މިނިސްޓަރު ވިދާޅުވި އެވެ. "ފުރަތަމަ ސުކޫލް ތަކަށް ބީޓެކް ތައާރަފް ކުރީ ތިން ދާއިރާއަކުން. އެއީ އާޓް އެންޑް ޑިޒައިންއާ ސްޕޯޓްސް އަދި ބިއުޓީ ތެރަޕީ. ވޭތުވެދިޔަ ތިން އަހަރު އާ ދާއިރާތަކެއް ތައާރަފް ކުރެވިފައިވޭ. އެއީ ހޮސްޕިޓާލިޓީ، ބިޒްނަޒް، އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަންވެސް ހިމެނެ."