ހަބަރު

މަޖީދީ މަގުގެ މަސައްކަތް އަންނަ މަހު ފަށަނީ

މާލޭ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަޖީދިމަގު ހެދުމުގެ މަސައްކަތް ރޯދައަށް ހުއްޓާލުމަށް ފަހު އަންނަ މަހު އެއްވަނަ ދުވަހު މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ރޯދައަށް ހުއްޓާލާފައިވާ މަސައްކަތް އަންނަ މަހު އެއްވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ.

މަޖީދީ މަގުގައި އަލުން ގާ އަތުރައި މަރާމާތު ކުރާ މަޝްރޫއުގެ މަސައްކަތް ރޯދައަށް ހުއްޓާލިއިރު ހަދަމުން އައީ އަލިކިލޭގެފާނު މަގުން އޮލިމްޕަހާ ހަމަ އަށެވެ.

މަޖީދީ މަގުގެ އިތުރުން މާލޭގެ އިތުރު 12 މަގެއް ހަދައެވެ. އމި މަޝްރޫއު ނިމޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މަގުތައް އަލުން ހެދުމަށް ކޮށްފައިވާ ޕްލޭންގެ ދަށުން، މަގުތަކުގައި ޒަމާނީ ފެން ހިންދާ ނިޒާމް ގާއިމް ކޮށް، ކޭބަލް އެޅުމަށް މުޅި މަގުތައް ކޮންނަން ނުޖެހޭ ގޮތަށް ޒަމާނީ ކޭބަލް ޖަންގްޝަންތައް ގާއިމް ކުރެ އެވެ. މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން މަގުތައް ބޭނުންކުރެވޭނެ ގޮތަށް ދުވާރު އަލުން ރީޑިޒައިން ކޮށް، މަގުތައް އަލުން ލެވެލްކޮށް މިހާރު އަތުރާފައި ހުރި ގާތައް އެކީ ބަދަލު ކުރެ އެވެ.

އެ މަސައްކަތުގެ ބޮޑު ބައެއް ނިންމާފައިވާއިރު ކޮށްފައިވާ މަސައްކަތާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ފާޑު ކިޔުން އަމާޒުކޮށްފައި ވެއެވެ.