ވިޔަފާރި

ހިއްސާއަކަށް 4.72ރ. ބަހަން ހުށަހަޅައި، ދިރާގު އަހަރީ އާއްމު ޖަލްސާ މާދަމާ ރޭ

Apr 15, 2015

ރާއްޖޭގެ އެންމެ ބޮޑު ކޮމިއުނިކޭޝަން ކުންފުނި، ދިރާގުގެ އަހަރީ އާއްމު ޖަލްސާ މާދަމާރޭ އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ އަހަރީ އާއްމު ޖަލްސާ އޮންނާނީ ހޮޓެލް ޖެންގައި މާދަމާރޭ 20.30 ގައި ކަމަށެވެ. އަދި އަހަރީ އާއްމު ޖަލްސާގައި ޔައުމިއްޔާ ފާސް ކުރުމާއި ޑިވިޑެންޓް ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް މެންބަރުން އައްޔަން ކުރުންވެސް އޮންނާނެ އެވެ. ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 4.72 ރޭޓުން ބެހުމަށް ކަނޑައަޅައި، ހިއްސާދާރުންވެ ވޯޓަށް ހުށަހެޅުމަށް ނިންމާފަ އެވެ.

ދިރާގުން ބުނީ ފައިނަލް ޑިވިޑެންޓުގެ ގޮތުގައި 358 މިލިއަން ރުފިޔާ ކަނޑައަޅައި، އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ދިރާގުން 2013 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރަކަށް ޑިވިޑެންޑުގެ ގޮތުގައި ޖެހިފައިވަނީ 5.72ރ. އެވެ. އަދި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު 483 މިލިއަން ރުފިޔާގެ ސާފު ފައިދާގެ ތެރެއިން ބަހާފައިވަނީ 435 މިލިއަން ރުފިޔާ އެވެ.

ދިރާގަށް 2013 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ހަރަދަށް މިދިޔަ އަހަރު ހޭދަކޮށްފައިވަނީ 712 މިލިއަން ރުފިޔާ އެވެ.