ހަބަރު

"ލައިވް ކުރަން ހުރަހެއް ނޭޅޭނެ، މުޒާހަރާތައް އޮންނާނީ ގާނޫނާ އެއްގޮތައް"

އިދިކޮޅު ފަރާތްތަކުން މާދަމާ ބާއްވާ މުޒާހަރާ ލައިވް ކުރުމަށް ހުރަސް ނޭޅޭނެ ކަމަށާއި އެ މޫޒާހަރާ އަކީ ގާނޫނީ އިމުގެ ތެރެއިން ކުރާ މުޒާހަރާއެއް ކަމުން ލައިވް ކުރެވެން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ ހިޔާލު ފާޅުކުރުމާ އެއްވެ އުޅުމާ ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި މާދަމާގެ މުޒާހަރާއަކީ ގާނޫނާ އެއްގޮތަށް ކުރިއަށްގެންދާ މުޒާހަރާއެއް ކަމަށާއި އެކަމަށް ބްރޯޑްކޮމް އިން ހުރަހެއް ނޭޅޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ބްރޯޑްކާސްޓަރުން ވެސް ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރާނަމަ އެކަމަކަށް ހުރަހެއް ނޭޅޭނެ ކަމަށާއި އެ އެއްވުން ހުއްޓުވުމަށް އެއްވެސް ގާނޫނަކުން ވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި ބަޔަކަށް ލިބިފައިވާ ހައްގެއްގެ ބޭނުން ހިފުމަށް ހުރަސް ނޭޅޭނެ ކަމަށާއި މުޒާހަރާ ލައިވް ކުރުމަކީ މީޑިއާ ތަކަށް ލިބިދޭ ހައްގެއް ކަމަށް އިބޫ ވިދާޅުވި އެވެ،

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވީ ބްރޯޑްކޮމް އަކީ ސަރުކާރުން އަންގާ އެންގުންތައް ނިންމަން ތިބި ބައެއް ނޫން ކަމަށާއި ގާނޫނަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ބޮރޯޑްކޮމް އަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެބޭފުޅުން ގާނޫނާ ހިލާފަށް އަމަލު ކުރާ ކަމަށްވާ ނަމަ ގާނޫނޫގެ ކުރިމައްޗަށް ގެންނެސް އަޅަން ޖެހޭ ދިޔަވަޅު އަޅާނެ ކަމަށްވެސް ވައްޑޭ ވިދާޅުވީ އެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ފަހަކަށް އައިސް، ރާއްޖެއަށް ދިމާވެފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ގައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ. އަދި ގާނޫނާ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ އެއްވުންތަކާއި މުޒާހަރާތައް ލައިވްކޮށް ދައްކާ ޗެނަލްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.