ލައިފްސްޓައިލް

ގައިން ނުބައިސް ވަސް ދުވުމަކީ ސިއްހީ މައްސަލަތަކެއްގެ ނިޝާނެއް!

Jul 28, 2017

ގައިން ނުބައި ވަސް ދުވުމަކީ ބައެއް މީހުންނަށް އެކަން ހައްލު ކުރަން ބޮޑު ތަކުލީފަކަށް ވެފައިވާ ކަމެކެވެ. ފާޑުފާޑުގެ ބޮޑީ ސްޕްރޭތަކާއި ޑިއޯ ފުޅިތަކުން "ފެންވަރައިގެން" ނުކުންނަތާވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ބައެއް މީހުންގެ ގައިން ނުބައި ވަސް ދުވަ އެވެ. އެކަމުގެ ސަބަބުން އެކުގައި އުޅޭ މީހުންނަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހެ އެވެ. އެހެން ވުމުގެ ސަބަބުން އެންމެ ފުރަތަމަވެސް ގޮސް ފެންވަރަނީ އެވެ. އެއަށްފަހު ބޮޑީ ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރެ އެވެ. އެންމެ ފަހަރަކުވެސް އެއީ ސިއްހީ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ކަމެއްތޯ ނުބެލެ އެވެ.

އާންމުކޮށް ގައިން ނުބައިވަސް ދުވާވަރަށް ވުރެ ގަދަޔަށް ގައިން ވަސް ދުވާނަމަ އެއީ އާދައިގެ ކަމެއް ނޫނެވެ. އެކަމާ ވިސްނަން ވެއްޖެ އެވެ. އެއީ ސިއްހީ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. އަނގައިން ނުބައިވަސް ދުވުމުގެ އިތުރުން ފޮނި ވަހެއް ނުވަތަ މޭވާއިން ދުވާ ކަހަލަ ވަހެއް ދުވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކާށެވެ. ސިއްހީ މާހިރުން ބުނަނީ އެއީ ހަކުރު ބަލީގެ އަލާމާތެއް ކަމަށެވެ.

ހަމުގެ މައްސަލަތައް ކުރިމަތިވެފައި ވާ ނަމަ ގައިން ނުބައިވަސް ދުވާނެ ކަމަށްވެ އެވެ. ހަމުގެ މައްސަލަތައް ޖެހި ގައިން ނުބައި ވަސް ދުވަން މެދުވެރިވަނީ ހަންގަނޑުގައި ހުންނަ ޓިޝޫތައް މަރުވުމުގެ ސަބަބުންނެވެ.

އަނގައިން ނުބައިވަސް ދުވާނަމަ ހައްލެއް ކަމަށް ބެލެވެނީ ގިނައިން ފެން ބުއިމާއި، ދަތް އުނގުޅުން ފަދަ ކަންކަމެވެ. އެތެރެ ހަށީގެ ގުނަވަންތަކުގައި މައްސަލަތައް ހުންނަނަމަ އަނގައިން ނުބައިވަސް ދުވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. ހާއްސަކޮށް ލިވާ އަދި ކިޑްނީގެ މައްސަލަތަކެއް ހުންނަ ނަމަ އެވެ. ދަތް އުނގުޅައިގެންވެސް އަނގައިން ނުބައިވަސް ދުވުން ނުހުއްޓުވޭނަމަ އެއީ ބަނޑުގެ ނުވަތަ ހަޖަމް ކުުރުމުގެ ނިޒާމްގައި މައްސަލަތަކެއް އުޅޭކަމުގެ އަލާމާތެއް ކަމަށްވެ އެވެ.

ކަސްރަތުކޮސް، ކުޅެ ހެދުމުން ނުވަތަ އެހެންވެސް ސަބަބަކާއި ހުރެ ދާހިއްލާއިރު ދަލުން ގަދަޔަށް ނުބައިވަސް ދުވާނަމަ އެއީ ތައިރޮއިޑްގައި މައްސަލަތަކެއް ހުންނަކަމުގެ އަލާމާތެއް ކަމަށްވެ އެވެ. ސްޓްރެސް ވުމުން މާބޮޑަށް ދާހިއްލާނަމަ އެއީ އެންޒައިޓީ ޑިސްއޯޑާގެ އަލާމާތެއް ކަމަށްވެ އެވެ. އަދި އެ ދަލުގައި ނުބައިވަސް ދުވާނަމަ ވީހާވެސް އަވަހަކަސް ސިއްހީ މާހިރެއްގެ ލަފާ ހޯދަން އިލްތިމާސްކުރެ އެވެ.