ސަރުކާރުން ކުރިއަށް ގެންދާ ކަންތައްތަކާއި ގުޅިގެން ރައްޔިތުން އަތްޖަހަންވީ ސަބަބުތައް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެދެއްވައިފި އެވެ.
ޕީޕީއެމްއާ އަލަށް ގުޅޭ މެންބަރުންގެ ފޯމްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުން އަތް ޖަހަންވީ އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރު 33 ބަނދަރު ނިންމާ 39 ބަނދަރެއްގެ މަސައްކަތް ކުރިއަށް ގެންދިއުމާ އަދި މިހާރު ކުރިއަށް ގެންދާ 7،000 ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ އަތްޖަހަންވީ ސަބަބެއް ކަމަށެވެ.
"ހަތް ހާސް ހައުސިން ޔުނިޓަކީ ރާއްޖޭގައ ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ހިޔާލުކުރެއްވި އަދަދެއް ނޫން. ޔޫތު ސިޓީގެ މަސައްކަތް ކުރިއަށް ދަނީ. ތިން ހާސް ޓީޗަރުންނެއް ގްރެޖުއޭޓް ލެވަލް އަށް ކިޔަވައިދީގެން ރާއްޖެއިން ބޭރަށް ތައުލީމް ހޯދަންދާ ކުދިން ފޮނުވުމުގެ ބަދަލުގަިއ ތައުލީމީ ފެންވަރު ރަނގަޅުވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދެހާސް އަށް ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކުރިއެރުމަށް ބަލާއިލިއިރު އެވްރެޖްކޮށް އިތުރުވެފައިވަނީ 600 ބެޑު ކަމަށާއި 2009 އިން 2013 އަށް 563 ބެޑު ކަމަށް އަދި 2014 އިން ފެށިގެން މިހާތަބަށް 1،034 ބެޑު އިތުރުވެފައި ވުމަކީ ރައްޔިތުން އަތްޖަހަން ޖެހޭ ސަބަބެއް ކަމަށެވެ.
ދެހާސް އަށަކުން 2013 އަށް ރާއްޖެ އައި ފަތުުރުވެރިންގެ އަދަދު އުޅެނީ އަށް ލައްކައިގައި ކަމަށާއި 2014 އިން 2016 އަށް 1.2 މިލިއަނަށްވުރެ އެއަދަދު އިތުރު ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ މި ހުރިހާ ކަމެއް ކޮށްދެއްވާތީ އޭ އަތްޖަހަން ޖެހެނީ." މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުން އަތްޖަހަން ޖެހޭ އިތުރު ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ 2008ގެ ކުރިން 2.5 ރިސޯޓު އަހަރަކު ހުޅުވުނު އިރު މިހާރު އެވްރެޖްކޮށް ހަ ރިސޯޓު ހުޅުވުމެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަޝްރޫއަކީވެސް ރައްޔިތުން އަތްޖަހަންވީ ސަބަބެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ކުރިން 25 ބުރީގެ އިމާރާތެއް ރާއްޖޭގައި އަޅާނެ ކަމަށް އުންމީދު ނުކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދާދިފަހުން ހުޅުވި ތައިލެންޑުގެ ސިންހާ ކުންފުނިން ތަރައްގީކުރި ރިސޯޓުގެ ޕްރޮޖެކްޓް ފެށުމުގެ ކުރިން އެކުންފުނީގެ ޗެއާމަން އަޅުގަނޑަށް ގުޅާފައި ވާހަކަ ދައްކަވަމުން ވިދާޅުވީ ތިމަންނަމެން މި ޑިސިޝަން ނަގާ ސަބަބަކީ ރައީސް ޔާމީން މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަވަން ވިސްނަވާފައި އޮތް ތަރައްގީ އެއީ ޔަގީން ކުރެވޭ ޕްރޮޖެކްޓެއްހޭ. އަޅުގަނޑު ދެންނެވިން ޔަގީނޭ މިހާރު ހުރިހާ ކަމެއް ނިމިފައޭ އެހެރީ. ބޭނުންވާ ލޯނާ ހުރިހާ ކަމެއް ނިމިފަ އޭ. ދެން އެބޭފުޅުން ވިދާޅުވީ ތިމަންނަމެން އެ ޕްރޮޖެކްޓާއެކީ ކުރިއަށް ދާނަމޭ، އެ ފީޒިބިލިޓީއަކީ ރައީސް ޔާމިނުގެ ވިޝަން. އެހެންވީމަ އަތްޖައްސަވަންވީ އިނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއަށް މިދިޔަ ތިން އަހަރު ލިބުނު ކުރިއެރުމުގެ ސަބަބުން ބޭސްފަރުވާއަށް ހޭދަވާ ފައިސާތަކުން މިހާރު ރިސޯޓުތަކުގައި ދިވެހިންނަށް ޗުއްޓީ ހޭދަކޮށްލާ ހަދާލެވުމަކީ އަތްޖަހަން ޖެހޭ ސަބަބެއް ކަމަށެވެ. ތިން ކުންފުންޏަކުން އެކުންފުނިން ހިންގާ ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްއަށް 1.5 ބިލިއަން ޑޮލަރު އިންވެސްޓްކުރި ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުގެ ހިތަށްވެސް މީގެ ކުރިން އުންމީދު ނުކުރެވޭ މިހާ ހިސާބަށް އަޅުގަނޑުމެންގެ ތަރައްގީގެ ކަންކަން އަތުވެދާނެ ކަމަކަށް. އެހެންވީމަ އަޅުގަނޑުމެން އަތްޖަހަންވީ ނޫންތޯ. އަތް ޖައްސަވާ."
އަތް ޖަހަންވީ އިތުރު ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ މިހާރު ގެނެވުނު ބަދަލާއެކު ރައްޔިތުންގެ މަޖިލިން މެންބަރުންނަކީ މިހާރު ކޮރަޕްޓް ނޫން ބައެއް ކަމަށް ރައްޔިތުން ބަލައިގަނެ ގަބޫލުކުރަން ފެށުން ކަމަށެވެ.