ހަބަރު

"އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ރާއްޖެ ބަދަލުކޮށްދެއްވީ ރައީސް ޔާމީން"

  • އެއާޕޯޓް މަޝްރޫއާއެކު އިންގިލާބެއް އަންނާނެ
  • މިފަދަ މާހައުލެއް ކުރިން ގާއިމުވެފައެއް ނެތް
  • ޓޫރިޒަމަށް އައި އިންވެސްޓްމަންޓްތައް ވަނީ އިތުރުވެފައި

ރާއްޖެއާ ބޭރުގެ އިންވެސްޓަރުން އިތުބާރާ ފަސޭހަ ކަމާއެކު އިންވެސްޓް ކުރެވޭނެ ފަދަ މާހައުލެއް ރާއްޖޭގައި ގާއިމްކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރަން ފަށާފައިވާ ނިސްބަތް އިތުރުވެފައި ވުމަކީ އޭގެ ހެއްކެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރަން މިހާރުގެ ސަރުކާރުން އަދަދު ނުކުރެވޭ މަސައްކަތްތަކެއް ކުރާ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަކީ ރައީސް ޔާމީންގެ އިގްތިސާދީ ތަރައްގީގެ އެޖެންޑާގެ އެންމެ މައި އަސާސު ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ސަރުކާރުން ކުރަމުންގެންދާ ބައެއް މަސައްކަތްތަކަށް ވެސް އަލި އަޅުވައިލެއްވި އެވެ.

ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި ޒަމީރު ވިދާޅުވީ، ޓޫރިޒަމްގެ ފައިދާ އެންމެންނަށް ލިބިދެވޭނެ ގޮތްތަކެއް ހެދުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް ސިޔާސަތުގެ ބައެއް ކަމަށާއި، ޓޫރިޒަމުން ސީދާ ގޮތެއްގައި ފައިދާ ލިބޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވެސް ފުރުސަތުތަކެއް ހުޅުވައިލާފައިވާ ކަމަށެވެ.

އެގޮތުން މެދު ފަންތީގެ ޓޫރިޒަމަށް ހާއްސަކޮށް ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ، "މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް މިއަހަރުގެ އޮގަސްޓު މަހު އުފައްދާފައިވަނީ "އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ތައް ހިންގަން ކަމަށެވެ.

ހުޅުވޭ ރިސޯޓްތަކުގެ އަދަދު ގިނަވަމުން އަންނަ އިރު، މައި އެއާޕޯޓް އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓް ނިމުމުން، 7.5 މިލިއަން ދަތުރުވެރިންނަށް އެއާޕޯޓުން ހިދުމަތް ފޯރުކޮށްދެވޭނެ، މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ދެ ފޯރަމެއް ވެސް މިވަނީ ބާއްވާފަ. އެ ދެ ފޯރަމަކީ ވެސް ވަރަށް ގިނަ ކަންތައްތަކެއް ނިންމިގެންދިޔަ ވަރަށް ކާމިޔާބު ދެ ފޯރަމް،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ރާއްޖެއާ ރާއްޖޭން ބޭރުގެ ފަތުރުވެރިންނަށް ފަސޭހަ އަދި އިތުބާރާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރަން ފުރުސަތު ލިބުނު މާހައުލެއް މީގެ ކުރިން ރާއްޖޭގައި ގާއިމްވެފައި ނެތް ކަމަށާއި ފާއިތުވި ދެ އަހަރު ތެރޭގައި ބޭރުގެ އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އިންވެސްޓްކުރި ކުރުން އެތައް ގުނައަކަށް އިތުރުވެގެން ދިއުން އެއީ އޭގެ ހެއްކެއް ކަމަށެވެ.

"ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖެއަށް ބޭރުގެ އަމިއްލަ ފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާގެ ޕްރައިވެޓް ޕްރޮޖެކްޓްތަކަށް ދިން ލޯން ތަކަކީ ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު މީގެ ކުރިން ދުވަހަކުވެސް ނެތް ވަރަށް ވަރުގަދަވެފައިވާކަން ހާމަވާ ކަމެއް. އެނގިވަޑައިގަންނަވާނެ ފަދައިން ބެންކްތަކަކީ އިންވެސްޓް ކުރުމުގެ ކުރިން އެންމެ ގިނަ ކަންތައްތަކަށް ބަލާ އެންމެ ބޮޑަށް ރިސްކް ޕޮސިބިލިޓީއަށް ބަލާ ފަރާތްތައް، އެހެނަސް މި ދެ އަހަރު ތެރޭ، އެންމެ ކުރިއަރާފައިވާ ސިންގަޕޫރު ފަދަ ގައުމުތަކުގެ ބެންކްތަކުން މިވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮޖެކްޓްތަކަށް ދޭ ލޯން މިވަނީ އިތުރުކޮށްފައި،" ޒަމީރް ވިދާޅުވި އެވެ. "އިންވެސްޓް ކުރުމަށް މިއައްވުރެ ފަހި ދުވަހެއް މީގެ ކުރިއަކުން ރާއްޖެއަކަށް ނާދޭ، މިއީ އަޅުގަނޑުގެ ހާޒިރުގައި ފަރުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ބަހެއް"