ހަބަރު

އެއްމިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި

Sep 9, 2018

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއް މިލިއަން ވަނަ ޓޫރިސްޓަށް ދިވެހި ރާއްޖެއިން މިއަދު މަރުހަބާ ކިޔައިފި އެވެ.

އޭނާ އަށް މަރުހަބާ ކިޔުމަށާއި އެކަން ފާހަގަ ކުރަން ހާއްސަ ރަސްމިއްޔާތެއް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ބާއްވާފަ އެވެ.

އެއް މިލިޔަން ވަނަ ޓޫރިސްޓުގެ ގޮތުގައި ހިމެނުނީ ތުރުކީގެ އެމެރިކާ ދަރިކޮޅު މީހެއް ކޮރްއަލްޕް ގޫނިއާ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ކައިވެންޏަށް ފަހު ހަނީމޫން ހޭދަ ކުރުމަށެވެ. މި ދެމަފިރިންނަށް ލިބުނު ހަދިޔާތަކުގެ ތެރޭގައި މޫވެންޕިކް ރިސޯޓުގައި ފަސް ދުވަހުގެ ހިލޭ ޗުއްޓީ ޕެކޭޖެއް ދިނުމުގެ އިތުރުން ޓީއެމްއޭ އިން ދިން ދަތުރަކާއި ދިރާގުގެ 100 ޖީބީގެ ޑޭޓާ ޕެކޭޖެއް ދިނުން ވެސް ހިމެނެ އެވެ.

ވީއައިއޭގައި މިއަދު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދު އެވެ. މީގެ އިތުރުން ވެސް ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް 848,847 މީހުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި އައި 770,715 މީހުންނާ އަޅާބަލާއިރު 10.1 ޕަސެންޓް އިތުރު ވުމެކެވެ.