ރިޕޯޓް

ރަށްފަޅު: ޓޫރިޒަމަށް އާ ސަހަރެއް ފައްކާވަނީ

May 23, 2017
4
  • މަޝްރޫއުގެ ބޮޑުބައި އަންނަ އަހަރު ނިމޭނެ
  • މިތަނުގައި ދިވެހިންނަށް ހާއްސަ ފުރުސަތުތައް
  • ތިން ރިސޯޓާއި އެންމެ މަތީ ހިދުމަތް ލިބޭނެ

އެ ތަނުން މިހާރު ފެންނަނީ ހަމައެކަނި ދޮން ފަސްކޮޅެކެވެ. ދޮންވެލި ގަނޑެކެވެ. ފަޅު ފިލުވައި ދެނީ ހަމައެކަނި ކުޑަ ކުޑަ ހައިމާކް އެކެވެ. މިއީ މާލެ އިން ފުރައިގެން 45 މިނެޓުގެ ރާސްތާގައި އޮންނަ ކ. ރަށް ފަޅެވެ. ޓޫރިޒަމްގެ މުޅިންއާ މަޝްރޫއެއް ފެށިފައިވާއިރު، މިތަން ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް މުޅިންއާ ސަރަހަރަކަށެވެ. ޓޫރިޒަމަށް ފެނުން ތޮޅެލި އާ ސަރަހަރަކަށެވެ.

"ރަށްފަޅު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ފުރިހަމަ ހިދުމަތް ދޭ ތަނަށް. އެކަމަށްޓަކައި ހުރިހާ ފޯކަސްއެއް މިހުރީ،" ރަށްފަޅު ތަރައްގީ ކުރާ ސިންގަޕޫރުގެ ޕޮނިޓިއާކް ލޭންޑް ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސިންގަޕޫރުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު އެއް އާއިލާ ކަމަށްވާ "ކޭވީ" އިން ތަރައްގީ ކުރާ ރަށްފަޅުގެ މަސައްކަތް ވަނީ ފެށިފަ އެވެ. މި މަޝްރޫއުގެ އަގު 500 މިލިއަން ޑޮލަރަށް ވުރެ އެންމެ ތަން ފުކެއް ވެސް ކުޑަ ނުވާނެ އެވެ. ސަބަބެއް ކަމަށް ބުނެވޭނީ މިތަނަށް އަންނާނެ ކަންތައްތަކެކެވެ. މި ހުރިހާ ފެސިލިޓީއެއް ގެނައުމަށް ޕޮނިޓިއާކް ލޭންޑް ކުންފުނިން ވަނީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. މިގޮތުން މިތަނުގައި އެންމެ މަތީ ފަންތީގެ ތިން ހޮޓަލެއް ނުވަތަ ރިސޯޓެއް ހުންނާނެ އެވެ. މި ތަންތަންތަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ މާހައުލުގެ އަސްލު ނުގެއްލޭ ގޮތަށް ރާއްޖެއާ އެންމެ ގުޅޭނެހެން ނެވެ.

ޓޫރިޒަމް މިނިސްޓްރީގައި މި މަޝްރޫއުގެ މައުލޫމާތު ދެއްވަމުން ސިންގަޕޫރު ކުންފުނީގެ އޮފިޝަލް ވިދާޅުވީ އެ ކުންފުނިން މި މަޝްރޫއު ހިންގުމަށްޓަކައި ދުނިޔޭގެ އެންމެ މޮޅެތި ފަރުމާ ކުރުންތެރިން ނަގާފައިވާނެ ކަމަށެވެ.

"ސީދާ ކުންފުނީގެ އެންމެ މަތީ ލެވަލް އިން މިކަން މި ކުރަނީ. މި މަޝްރޫއު ފަރުމާކޮށްފައިވަނީ ޖަޕާނާއި ބްރެޒިލްގެ ފަރުމާ ކުރުންތެރިން،" ސިންގަޕޫރުގެ މިލީނިއަމް ޓަވަރާއި ކޮންޓިނެންޓަލް ޓަވަރު އަދި ރިޒްކާލްޓަން ހޮޓަލް ތަރައްގީ ކޮށްފައިވާ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

މަތީ ފަންތީގެ ހޮޓާތައް

ޓޫރިޒަމް ކިޔަވައިދޭ މަރުކަޒު

ސިންގަޕޫރު ތަރައްގީވުމުގެ ސިއްރަކީ ތައުލީމަށް ދިން އިސްކަމުގެ ބޮޑު ކަމެވެ. އެހެންވެ ސިންގަޕޫރުގެ މި ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރާއިރު އެންމެ އިސްކަމެއްދޭނެ އެއް ކަމަކީ ތައުލީމް ދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. މިގޮތުން ޕޮނިޓިއާކް ލޭންޑް ކުންފުނިން ރަށްފަޅުގައި "ހޮސްޕިޓާލިޓީ އެކެޑަމީއެއް" ގާއިމް ކުރާނެ އެވެ.

"ހޮސްޕިޓާލިޓީ އެކަޑަމީ ހިންގާނީ ކަމާބެހޭ ފަރާތްތަކާވެސް ގުޅިގެން. އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއެކު މަސައްކަތްތަކެއް ކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މި މަރުކަޒުގައި ޓޫރިޒަމާ ގުޅުންހުރި އެކި ހަރަކާތްތައް ހިންގާނެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ރައިޓާސް ފެސްޓިވަލްތައް ބޭއްވުން ހިމެނެ އެވެ.

މެރީނާ ވިލެޖެއް

ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ގައުމެކެވެ. އެހެންވެ މި ހިތްގައިމު ފަޅުގައި ރިސޯޓު ތަރައްގީކުރާއިރު، ސިންގަޕޫރުގެ މި ކުންފުނިން އެންމެ އިސްކަމެއްދޭ އަނެއް ކަމަކީ މެރީނާއެއް ވެސް މި މަޝްރޫއުގައި ހިމެނުމެވެ. މިގޮތުން މިތަނުގައި އެއް ފަހަރާ 15-20 ސުޕަޔޮޓަށް ހިދުމަތްދެވޭ ވަރުގެ މެރީނާއެއް ވެސް މިތަނުގައި ހަދާނެ އެވެ.

ދިވެހިންނަށް އިސްކަން ދޭނެ

ރަށްފަޅު މަޝްރޫއުގެ ބޮޑުބައެއް އަންނަ އަހަރު ފުރިހަމަވާނެ އެވެ. ނަމަވެސް މި މަޝްރޫއު އެއްކޮށް ނިންމާލާނީ 2019 ވަނަ އަހަރު އެވެ. މި މަޝްރޫއު އެއްކޮށް ނިމޭއިރު މިތަނުން 1000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ އެވެ. އެހެންވެ މި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ނަށް އެންމެ ފުރިހަމަ ހިދުމަތް ދޭން ޕޮނިޓިއާކް ލޭންޑް އިން ވަނީ ތައްޔާރުވެފަ އެވެ. މިގޮތުން މުވައްޒަފުން ނަށް ހަދާ ވިލެޖުގައި ފުޓު ބޯޅަ ދަނޑާއި ފުރިހަމަ އަށް ފަރުމާކޮށްފައިވާ އެހެނިހެން ވަސީލަތްތައް ގާއިމް ކުރާނެ އެވެ. މިގޮތުން މިތަނުގައި ހަދާ ފުޅުބޯޅަ ދަނޑު ފަރުމާ ކުރަނީ ބޮޑެތި ފުޅުބޯޅަ މުބާރާތްތައް ވެސް އިންތިޒާމު ކޮށްލެވޭ ފެންވަރަށެވެ. އަދި މުވައްޒަފުންނަށް ހާއްސަ ބީޗާއި މިނޫން ވެސް ވަސީލަތްތައް ގާއިމް ކުރާނެ އެވެ.

ސިންގަޕޫރުގައި 1959 ވަނަ އަހަރުން ފެށިގެން އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނީގެ މަސައްކަތް މިވަނީ ފަށާފަ އެވެ. އެ ކުންފުނީގެ އަޒުމަކީ މިތަން ހުޅުވައި ދިވެހިންނަށް އޭގެ މަންފާ ހޯދައި ދިނުމެވެ.