ރިޕޯޓް

ރަޝިއާއަކީ ރާއްޖެއަށް ނަމްބަރެއް ނޫން އާމްދަނީގެ ބޮޑުބައި



ސަބަބަކީ ރަޝިއާ އިން އަންނަ ޓޫރިސްޓުންގެ ސަބަބުން އިތުރުވަނީ ހަމައެކަނި ޓޫރިޒަމްގެ "ނަމްބަރަށް" ނުވާތީ އެވެ. ރަޝިއާގެ ޓޫރިސްޓުންގެ ސަބަބުން ޓޫރިޒަމް އާމްދަނީ އަށް ބޮޑު ކުރި އެރުމެއް ލިބެ އެވެ. މިއީ ޓޫރިޒަމްގެ "ހާޑް ކޭޝް" މާކެޓެވެ. އެހެންވެ މި މާކެޓު ގެއްލި އަލުން "ރިބައުންސް" ނުވެ ލަސްވާ ފަދަ ސަބަބެއް އަތުވެއްޖެނަމަ ރާއްޖޭގެ ޓޫރިޒަމް "ޑްރައި ސީޒަނަށް" ދާނެ އެވެ.

"ރަޝިއަންސް އަކީ އެހެން ޓޫރިސްޓުންނާ އަޅާބަލާއިރު ސްޕެންޑިން ޕަވާ [އެންމެ ބޮޑަށް ހަރަދު ކުރާ] މީހުން. އެހެންވެ މި [މިހަނގުރާމަ] ނިމިގެންވެސް އަލުން ނުލިބިއްޖެނަމަ ވަރަށް ގެއްލުން ބޮޑުވާނެ،" ރާއްޖެ އަށް ގިނަ އެއާލައިންތައް ގެންނަ އެއް ކުންފުނި ކަމަށްވާ، އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 އަށްފަހު ރާއްޖޭގެ ޓޫރިޒަމް ޕީކް ކުރަން އެންމެ ބޮޑު ބާރަކަށްވީ ރަޝިއާ އެވެ. އަދި ބޯލްކަން ރީޖަންގެ ޔޫކްރޭން ފަދަ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ގައުމު ތަކެވެ. އެ ސަރަހައްދުން ރާއްޖެ އަށް އައި ރަޝިއާގެ ގައުމި އެއާލައިން ޔޫރޯފްލޯޓުން އެކަނި ހަފުތާއަކު 14 ފްލައިޓް، އެވްރެޖުކޮށް ދުވާލަކު ދެ ފްލައިޓް އެޅި އެވެ. އަދި ޔޫކްރޭންގެ އެއާ އަސްތާނާ ފަދަ އެއާލައިން ތަކަކީ ޓޫރިޒަމް ޕީކް ކުރުމުގައި އެންމެ އިސް ރޯލެއް ކުޅުނު އެއާލައިން ތަކެވެ. ދެހާސް ވިހިވަނަ އަހަރު ރަޝިއާއިން 31,800 މީހުން އައިސްފައިވެ އެވެ. އަދި މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 44,055 މީހުން އައިސްފައިވެ އެެވެ؛ މިއީ ހަމައެކަނި ނަމްބަރުގެ ވާހަކަ އެވެ.

ޕްރައިވެޓް ޖެޓުގެ ބޮޑު މާކެޓެއް

ކޮވިޑް-19 އަށްފަހު ޓޫރިޒަމް އެރައިވަލް މަތިވެ، ޓޫރިޒަމް އިހުގެ ހާލަތަށް ހިނގައިދާނެ ކަމުގެ ފެހި ނިޝާންތައް ފެނުނީ މި ދެ މާކެޓުން ފެންނަމުން ދިޔަ އުއްމީދުގެ ހުޅުކޮޅުންނެވެ. ނަމަވެސް މި ދެ މާކެޓު އެއްކޮށް ހުއްޓުން ވެގެންދަނީ ޓޫރިޒަމް އެއްކޮށް ހުއްޓުން ފަދަ ކަމަކަށެވެ. ހާއްސަކޮށް ރަޝިއާ މާކެޓުން އަންނަ މީހުން މަދުވުމަކީ ޓޫރިޒަމްގެ އާމްދަނީ ބޮޑުތަން ދަށްވެގެން ދާނެ ކަމަށެވެ.

ޔޫރަޕުގެ އެހެން ގައުމުތަކުން އަގު ދަަށް ކުރަން "ބާގޭން" ކުރަން ހިފަ އެވެ. ނަމަވެސް ރަޝިއަންސްއަކީ އަގު ދަށް ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެ މީހުން ބޭނުންވާ ހިދުމަތް ލިބޭނަމަ އެ ތަނަކަށް ފަސޭހަކަމާއެކު އަންނަ ބައެކެވެ.

މި މާކެޓުން އަންނަ ޓޫރިސްޓުން އެވްރެޖުކޮށް ދަތުރެއްގެ މައްޗަށް ހޭދަކުރާ އަދަދު އެހެން މީހުންނަށްވުރެ 12 ނޫނީ 15 ޕަސެންޓު އިތުރެވެ. މިއީ "ހާޑްކޭޝް" އާއެކު އެންމެ ގިނައިން ދަތުރުކުރާ މީހުން ތިބި އެއް މާކެޓެވެ. މިއީ ޕްރައިވެޓް ޖެޓުގެ އެންމެ މުހިއްމު މާކެޓެވެ. ނަމަވެސް މިހާރު މި މާކެޓު ވަނީ ގާތްގަނޑަކަށް "ބުރަކި" ޖެހިފަ އެވެ.

ރާއްޖެ އަށް ޔުނިވާސަލް އޭވިއޭޝަންގެ ދަށުން ޖެޓުތައް ގެންނަ، އިނަ މޯލްޑިވްސް ފިރާގު ވިދާޅުވި ގޮތުގައި ނިމިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް 10 ނޫނީ 12 ބުކިން ލިބުނު ނަމަވެސް މިހާރު އެވްރެޖުކޮށް މި އަދަދު ވަނީ ފަހަކަށް ވެއްޓިފަ އެވެ.

"މި ވަގުތު ބޮޑު ކެންސަލޭޝަނެއް ނެތް. ނަމަވެސް ސްވިފްޓް ކަނޑާލުމުން ޑޮލަރުގެ ޓްރާންސެކްޝަނަށް ދަތިވާނެ. އެކަމަކު އެކަން އަޅުގަނޑުމެންނަށް މެނޭޖު ކޮށްލެވޭނެ. މިކޮޅުގައި ޓްރެވަލް އެޖެންޓުން ސްޓޭޝަން ވެގެން ތިބޭތާ ތިން އަހަރު ވެއްޖެ. އެ މީހުން ފުދޭވަރެއްގެ ބޮޑު ޑިޕޮސިޓެއް ގެންގުޅޭ. އެހެންވެ މިހާރު އަންނަ މީހުންނަށް މާބޮޑު ދައްޗެއް ކުރިމައްޗެއް ނުވެ އެކަން އެބަ އެރޭންޖު ކޮށްލެވޭ،" ފިރާގު ވިދާޅުވި އެވެ. "ނަމަވެސް ދިގުލައިގެން ދާނަމަ މައްސަލަތައް ކުރިމަތިވާނެ."

ރާއްޖޭން ރަނގަޅަށް އަމަލު ކުރަން ޖެހޭ

ރަޝިއާ މީހުންނަކީ އެވްރެޖުކޮށް ބަލާނަމަ ރާއްޖޭގައި އެންމެ ގިނަ ދުވަހު ވެސް ތިބޭ މީހުންނެވެ. އެހެންވެ މި މާކެޓު އަލުން ލިބޭނެ ގޮތަކަށް އަމަލު ކުރަން ޖެހެ އެވެ. މި މާކެޓުން އަންނަ މީހުން އެވްރެޖުކޮށް ނުވަ ދުވަހު ރާއްޖޭގައި މަޑު ކުރެ އެވެ. މަދު ޓޫރިސްޓުން އަންނަ ދުވަސްވަރެއްގައި އާމްދަނީ އިތުރުވާނެ ހަމައެކަނި ގޮތަކީ ގިނައިން ޓޫރިސްޓުން އަންނަ މާކެޓުތައް ހިފެހެއްޓޭނެ ގޮތަކަށް އަމަލު ކުރުމެވެ.

ރަޝިއާ އިން އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއް ކުންފުނި ކަމަށްވާ ރިސޯޓް ލައިފްގެ ވެރިޔާ ޝާޒް ވަލީދު ވިދާޅުވި ގޮތުގައި ރަޝިއާ އިން އަންނަ ޓޫރިސްޓުން ހަފުތާއެއްގެ މައްޗަށް ބަލާނަމަ އެވްރެޖުކޮށް 4،000 ޑޮލަރު ވަރު ހޭދަ ކުރާނެ އެވެ. އެހެންވެ މި މާކެޓު ގެއްލުމަކީ ހަމައެކަނި ނަމްބަރެއް ދަށްވުން ނޫން ކަމަށް އޭނާ ވެސް ފާހަގަ ކުރެއްވި އެވެ.

"ނަމަވެސް، ދަތުރުކުރާ ރަޝިއާ މީހުންނަށް އިންޝުއަރެންސް ބޮޑުވުން ފަދަ މައްސަލަތަކުގެ ސަބަބުން މި މާކެޓަށް ވަނީ ބޮޑު އަސަރެއް ކޮށްފަ،" ވަލީދު ވިދާޅުވި އެވެ.

ރަޝިއާ މާކެޓަކީ ޕްރައިވެޓް ޖެޓުގައި އަންނަ މީހުން އެންމެ ގިނަ ގައުމެވެ. ގިނަ ޖެޓު ތަކަކީ ރަޝިއާ މީހުންގެ އެއްޗިއްސަށްވީ ނަމަވެސް ޖެޓްތައް ރަޖިސްޓްރީކޮށްފައި ހުންނަނީ އެމެރިކާގަ އެވެ. އެހެންވެ މި ހާލަތުގައި މި ޖެޓު ތަކަށް ފިޔަވަޅެއް އަޅައިފިނަމަ މި މާކެޓަށް ވެސް ބޮޑު އަސަރެއް ކުރާނެ އެވެ. މީގެ އިތުރުން މިހާރު ރާއްޖޭން ރަޝިއާއާ މެދު އަމަލު ކުރާނެ ގޮތަކީ ވެސް މި މާކެޓު އަލުން "ޕީކް ކުރަން" މުހިއްމު ބަޔަކަށްވާނެ އެވެ.

ޓޫރިޒަމް ދާއިރާގައި ދުވަސްވީ ބޭފުޅަކު ވިދާޅުވި ގޮތުގައި ރާއްޖޭން "ރަޝިއާގެ ހެކަރެއް" އެމެރިކާއާ ހަވާލު ކުރި ކުރުން ފަދަ ބޮޑު ގޯހެއް މިހާލަތުގައި ހަދައިފިނަމަ ރާއްޖެ އަށް ލިބޭ ގެއްލުން ބޮޑުވާނެ އެވެ.

"އަހަރެން ގަބޫލުކުރަނީ ރާއްޖޭން ޔޫއެންގައި ދިން ވޯޓަކީ ވެސް ޔޫޒްލެސް [ބޭކާރު] އެއްޗެއްގެ ގޮތުގައި. ބޭކާރު ޕްރެޝަރެއްގެ ތެރެއަށް އިކޮނޮމީ ވައްޓާލީ،" ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

"މިހާރު ރަޝިއާ އަށް އަމަލު ކުރާ ގޮތަކީ މުސްތަގުބަލުގައި މި މާކެޓު ލިބޭނެތޯ ނުވަތަ ނޫންތޯ ބަލަން ނެގޭނެ ޑިސިޝަނެއް. މިސާލަކަށް ޗައިނާ މާކެޓު އަލުން ހުޅުވާއިރު ރާއްޖެ އަށް އެ މާކެޓް ގެއްލި އަދި ރަޝިއާ އަލުން ހުޅުވިގެންދާއިރު އެ މާކެޓު ޕީކް ކުރުން ލަސްވެއްޖަނަމަ ވަރަށް ބޮޑު މައްސަލައެއް ދިމާވާނެ،"

ކޮންމެ ގޮތަކަށް ބެލިނަމަވެސް މުޅި ދުނިޔެ ރަޝިއާ އަށް ޖައްސާލާފައިވާއިރު މިކަމުގެ އަސަރު ރާއްޖެ އަށް ކުރާނެ އެވެ. ނަމަވެސް ރާއްޖެ އަށް މިކަމުގައި ކުރެވޭނެ އެއް ކަމަކީ ރާއްޖޭގެ އަމަލުތައް "ސޮފްޓް" ކޮށް ބެހެއްޓުމެވެ. ސަބަބަކީ ރަޝިއާއަކީ ހަމައެކަނި ޓޫރިޒަމް ނަމްބަރު އިތުރު ކުރާ ބައެއް ނޫންނެވެ. މި މާކެޓަކީ އިކޮނޮމީ އަށް ޑޮލަރު ވައްދާ ބޮޑު މާކެޓެވެ. އާމްދަނީގެ ބޮޑުބައި ހިއްސާ ކުރަނީ ރަޝިއާ މީހުންގެ ފަރާތުންނެވެ.