ވިޔަފާރި

ރަޝިއާ އިން ފްލައިޓެއް، ރަށު ޓޫރިޒަމަށް އުންމީދެއް!

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީ ނުވަތަ ރަށު ޓޫރިޒަމްގައި ރަޝިއާއަކީ މުހިންމު އެއް މާކެޓެވެ. މި ވިޔަފާރީގައި އުޅޭ ގިނަ ބަޔަކު ބުނާ ގޮތުގައި ރަޝިއަން މާކެޓުން މި ވިޔަފާރިއަށް ކޮންމެ އަހަރުވެސް އެތަށް ބަޔަކު އާދެ އެވެ. އެ ގައުމުގެ މީހުންގެ މެދުގައި ރާއްޖޭގެ "ބަޖެޓް ޓޫރިޒަމް" ގެ މަގުބޫލުކަން ބޮޑެވެ. އެހެންވެ ރަޝިއާ އިން ރާއްޖެ ސީދާ ފްލައިޓުތަކުން ފަށަން ނިންމުން ވެގެންދަނީ ހީނަރުވެފައިވާ މި ވިޔަފާރިއަށް ލިބުނު އުންމީދީ ހަބަރަކަށެވެ. އެކަމަކު މިކަން ކާމިޔާބު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެއް ކަމަކީ މާކެޓު ކުރުމުގައި އެކަމަށް ގިނަ މަސައްކަތް ތަކެއް ކުރުމެވެ.

"ރަޝިއާ ފްލައިޓް ފަށައިފިނަމަ ނޮވެމްބަރު ހިސާބު މި ގެސްޓްހައުސްގެ އޮކިއުޕެންސީ 50 ޕަސެންޓަށް އަރާނެ. މި ރަށުގެ އޮކިއުޕެންސީ ވެސް ބަލާ ގާތްގަނޑަކަށް 40 ޕަސެންޓަށް އެރުމުގެ އުންމީދު އެބަ އޮތް،" އއ. ތޮއްޑޫ ސެރީނާ ގެސްޓްހައުސްގެ ވެރިޔާ، އަހުމަދު ކަރަމް ވިދާޅުވި އެވެ.

ރަޝިއާ/ ރާއްޖެ ފްލައިޓް ފަށާ ވަގުތަކީ ގެސްޓްހައުސް ހުޅުވަން ތައްޔާރުވެފައިވާ ވަގުތެވެ. އެހެންވެ މި ވިޔަފާރިއަށް ލިބިގެންދާނެ އުންމީދެއްގެ ގޮތުގައި މި ވިޔަފާރި ކުރާ ފަރާތްތަކުން ދެކެ އެވެ. ސަރުކާރުން ވަނީ ގްރޭޓާ މާލެ ރީޖަން ސަރަހައްދު ނޫން އެހެން ހުރިހާ ސަރަހައްދުތަކެއްގެ ގެސްޓްހައުސްތަކެއް އަންނަ މަހުގެ 15 ގައި ހުޅުވަން ނިންމާފަ އެވެ. އެހެންވެ މި ވަގުތާއި ރަޝިއާއިން އެއޮރޯ ފްލޮޓް ފެށުމާ ދިމާވުމަކީ މި ވިޔަފާރީގެ ކުރިމަގު އިތުރަށް ފަހި ވެގެންދާނެ ކަމެވެ.

ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކާނި ކުންފުނީގެ ސީއީއޯ އަބްދުﷲ ނަޝީދު ވެސް ދެކެވަޑައި ގަންނަވަނީ މި ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖުމްލަކޮށް ހުރިހާ ގެސްޓްހައުސް ތަކަށް ވެސް މި ފްލައިޓުން ފައިދާ ކުރާނެ ކަމަށެވެ.

"މި ގެސްޓްހައުސް އަށް ގިނަ އިން މި އަންނަނީ ރަޝިއަންސް. މިހާރުގެ ބުކިންގެ ޓްރެޑަށް ބަލާނަމަ ވެސް 50 ޕަސެންޓް އޮތީ ރަޝިއާ އާއި ޔޫރަޕުގެ ގައުމުތަކުން. އެހެންވެ ރަޝިއާއިން ފްލައިޓެއް ފަށާނަމަ ހަމަ ގައިމުވެސް އަޅުގަނޑުމެނަށް ލިބިގެންދާނެ ބޮޑު އުންމީދަކަށް ވާނެ،" ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކާނި ކުންފުނީގެ ސީއީއޯ އަބްދުﷲ ނަޝީދު ވިދާޅުވި އެވެ.

ދުނިޔެ އަށް ހުޅުވާލާ ތިން ގައުމުގެ ތެރޭ ރާއްޖެ

ރާއްޖެއާ ޔޫރަޕުގެ އެހެން ގައުމުތައް ގާތް ނަމަވެސް ޔޫރަޕުން މިފަދަ އިސް ނެގުމަށް ނުފެނު ނަމަވެސް ރަޝިއާއިން މި ފްލައިޓު ރާއްޖެއަށް ފެށުނަވީ ހާއްސަ ކަމަށެވެ. މިދިއަ ބުރާސްފަތި ދުވަހު ރަޝިއާ ސަރުކާރުން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، ރާއްޖޭގެ އިތުރުން މިސްރަށާއި ދުބާއީ އަށް ފްލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށެވެ. އެގޮތުން، ކައިރޯ އަށް ހަފުތާއަކު ތިން ފްލައިޓުގެ އިތުރުން ރާއްޖެއަށާއި ދުބާއީ އަށް ހަފުތާއަކު ދެ ފްލައިޓު އޮޕަރޭޓު ކުރާނެ ކަމަށް ބުނެފައިވެ އެވެ. ދުނިޔޭގައި ރަޝިއާ ހުޅުވާލާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ މި މާކެޓުން އުންމީދުއާ ވެގެންދާ ސަބަބެކެވެ.

ރަޝިއާ އަކީ ރާއްޖެ އަށް އެންމެ މުހިއްމު އެއް މާކެޓަށްވާއިރު، ފްލައިޓުތައް އަލުން ފެށުމަކީ ޓޫރިސްޓުން އަންނަ މިންވަރު އިތުރު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ބާރަކަށް ވެގެން ދާނެ އެވެ.

މާކެޓިންގައި ރަޝިއާ އަށް އިސްކަން ދޭން ޖެހޭ

ރާއްޖެ އަށް މިހާރު ބޭނުން ވަނީ ޓޫރިސްޓުން އަންނާނެ ގޮތެއް ހެދުމެވެ. ދުނިޔެ ހުޅުވަމުންދާއިރު ދުނިޔެ އާއި ރާއްޖޭގެ ކަނެކްޓިބިޓީ ރަނގަޅު ކުރުމެވެ. އެހެންވެ މި ވަގުތު މޮސްކޯ އިން ފްލައިޓެއް ފެށުމަކީ ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މިހާރު ކުރަން ޖެހޭ މައިގަނޑު ކަމަކީ އެމްއެމްޕީއާރުސީގެ މާކެޓިންގެ ފޯކަސް ރަޝިއާއާ ދިމާލަށް ބަދަލު ކުރުމެވެ. އެ ކުންފުނިން ކުރަމުން ގެންދާ "މަޑު ގިނީގެ މާކެޓިން" ކެމްޕޭންތައް އަވަސްކޮށް އިފެކްޓިވް މާކެޓިންއެއް ކުރުމެވެ. ރަޝިއާ މީހުންނަށް ޕޮޒިޓިވް ނިއުސް ތަކެއް ދިނުމެވެ. މިދިޔަ އަހަރު 1.7 މިލިއަން ވަނަ ޓޫރިސްޓަކީ ރަޝިއާ މީހެކެވެ. މިއީ އޭނާގެ ވާހަކަ އަލުން ނަގަންވީ ވަގުތުމެވެ. ބޭނުން އަލުން ކުރަންވީ މި ވަގުތެވެ.

ރަޝިއާއަކީ ޕޮޓެންޝަލް އޮތް މާކެޓެކެވެ. މިއީ ހަމައެކަނި ގެސްޓްހައުސް ވިޔަފާރި އަަށް ހާއްސަ މާކެޓެއް ވެސް ނޫނެވެ. މަހުޖަނުން ގިނަ ގައުމެކެވެ. އަތްމަތި ތަނަވަސް މީހުން އޮތް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރުވެސް ގައުމުން ބޭރަށް 45 މިލިއަންނަށްވުރެ ގިނަ މީހުން ބޭރަށް ދަތުރު ކުރި އެވެ. އެ ގައުމުގެ މީހުންނަކީ ޔޫރަޕުގެ އެހެން ގައުމުތަކުގެ މީހުންނާ އަޅާ ބަލާއިރު ސްޕެންޑިން ޕަވާ ވެސް ވަރުގަދަ ބަ އެކެވެ. ޔޫއެންޑްޑަބްލިއުޓީއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 23 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ ބޭރަށް ދަތުރުކުރާ ރަޝިއާ މީހުން ހޭދަ ކުރެ އެވެ.

މާކެޓިން އަށް ވެކްސިން ބޭނުންވޭ!

ޓޫރިޒަމް ސިނާއަތުގެ މާކެޓިންގައި ހަރަކާތްތެރިވާ މާހިރުންގެ ނަޒަރުގައި މިހާރު ރަޝިއާއާއެކު ޑިޕްލޮމެޓިވް ލެވަލްގައި ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ދައުލަތުގެ އެންމެ މަތީ ލެވަލް އިން ފެށިގެން މި ވަގުތު ރަޝިއާ މާކެޓަށް މަސައްކަތް ކުރަން ޖެހޭ. ރަޝިއާއަކީ މަހުޖަނުން ގިނަ ގައުމެއް. ރަޝިއާ އަށް ރަނގަޅަށް މާކެޓިން ކޮށްފިނަމަ ކުރި އަށް އޮތް ދުވަސްތަކުގައި މި މާކެޓު ވަރަށް ރަނގަޅު ވެގެން ދާނެ. އެހެންވީމަ ވަރަށް މަަސައްކަތް ކުރަން ޖެހޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މިހާރު ދުނިޔެ އޮތް ގޮތުން މާކެޓިންގައި ވެސް "ކޮވިޑް-19" ބޭނުން ކުރެވިދާނެ އެވެ. ސަބަބަކީ ގިނަ ބައެއްގެ ސިކުނޑީގައި މި ހަބަރުތައް ހަރުލާފައިވުން ބޮޑުވުމެކެވެ. ރަޝިއާ އިން ރާއްޖެ އަށް ފްލައިޓެއް ފަށާއިރު އެ ގައުމުން ވަނީ ކޮވިޑް-19 ގެ ވެކްސިންއެއް އުފައްފާފަ އެވެ. މިހާރު ރާއްޖޭން އެ ވެކްސިން ދިވެހިން "ބޭނުން" ނުވާންވީ ކީއް ވެގެން ހެއްޔެވެ؟ މިއީ ބޮލުން ކުޅެން ޖެހޭ ވަގުތެވެ.

މުޅި ދުނިޔޭގެ ވިސްނުން ހުރީ ކޮވިޑް-19 އަށް، އެންމެން މި އުޅެނީ ބަލީގެ ވެކްސިން ހޯދަށެވެ. އެހެންވީމަ ވެކްސިނަކާ ބެހޭ ގޮތުން ދުނިޔޭގައި ދައްކާ ވާހަކަތައް ފެތުރުން އަވަހެވެ. އެހެންވީމަ މި ވަގުތު ހުރިހާ ފޯކަސްއެއް އިންޑިއާ އަށް ބޭއްވުމުގެ ބަދަލުގައި ހަމަ ވިސްނުމުން ވިސްނަން ޖެހޭ އެވެ. ސަރުކާރުގެ މަތި ފަޑި މިވަގުތު ހަމަ ބިމަށް ފައިބާ ރަނގަޅަށް ވިސަން އެބަ ޖެހެ އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ ދިވެހިން ރަޝިއާގައި އުފެއްދުމެއް ބޭނުން ނުވާންވީ އެއްވެސް ސަބަބެއް. ރަޝިއާ ޑޮކްޓަރުން ކަމުދޭ. މެޑިސިން ކިޔަން ދާން ވެސް އެ ގައުމު ރަނގަޅު. އެކަމަކު ވެކްސިން ހޯދަން ބޭނުމެއް ނުވޭ. މި ވަގުތަކީ އެ ވާހަކަ ދައްކަން ޖެހޭ ވަގުތު،" ޓޫރިޒަމް މާކެޓުގައި އިސްކޮށް ހަރަކާތެރިވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަތުރުކޮށް ވިދާޅުވި އެވެ.

ރަޝިއާ އިން ރާއްޖެ އަށް ފްލައިޓް ފަށާއިރު ޓޫރިޒަމް މިނިސްޓްރީން ވަނީ މި މަހުގެ 10 އިން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ. މި ބަދަލާއެކު ރާއްޖެ އަންނައިރު ނެގެޓިވް ޕީސީއާރް ޓެސްޓުގެ ސެޓްފިކެޓެއް ހުށަހަޅަން ޖެހެ އެވެ. މިއީ މި ވަގުތަށް ދުނިޔެ އަށް ދެވޭނެ ރަނގަޅު މެސެޖެކެވެ. އަދި މިއީ ގެސްޓްހައުސް ފަދަ ކޮމިއުނިޓީއާ ގުޅުން ބޮޑު ވިޔަފާރިއެއް ދުނިޔެ އަށް ހުޅުވާލާއިރު މި ވަގުތު ރައްޔިތުންނާއި ޓޫރިސްޓުންނަށް ލިބިގެންދާނެ އިތުރު އުންމީދަކަށް ވާނެ އެވެ. މީގެ ފައިދާ ވެސް އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހެ އެވެ.

މި ހުރިހާ ކަމަކާއެކު ރަޝިއާ ފްލައިޓް ވަނީ މިވަގުތުތަށް މުހިންމު ފެށުމަކަށެވެ. އެކަމަކު މި ފެށުން އެންމެ ރަނގަޅު ގޮތުގައި ކުރިއަށްދާނީ ސަރުކާރުން މަސައްކަތް ކޮށްގެންނެވެ. ހަމައެކަނި ފްލައިޓު ގެންނަ ކުންފުނިން އުޅެގެން މިކަމެއް ނުވާނެ އެވެ. ގެސްޓްހައުސް ވިޔަފާރިއަށް ހަގީގީ އުންމީދާ ހަމައަށްދާން އަދި ލައްކަ މަސައްކަތް ބޭނުންވެ އެވެ.