ޓޫރިޒަމް

ރަޝިއާ އާއި ޔޫކްރެއިން ޓޫރިސްޓް ނަމްބަރު ހިފެހެއްޓިފައި

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ރަޝިއާ އާއި ޔޫކްރެއިން ޓޫރިސްޓުންގެ އަދަދު ބޮޑުތަން މަދުނުވެ އަދި ހުރީ ހިފެހެއްޓިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރަޝިއާއިން ޔޫކްރެއިންއަށް އަރައި ގަނެ ހަނގުރާމަ ފެށުމުގެ ކުރީގައި ޔޫކްރެއިން އިން އެވްރެޖުކޮށް އަންނަނީ 7،000 މީހުންނެވެ. އަދި އެ ގައުމު އޮތީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އަށް ގައުމުގެ ތެރޭގަ އެވެ. މިހާރުވެސް އެ ނަމްބަރަށް ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކަ އެވެ.

މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރަޝިއާއިން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 48,173 ޓޫރިސްޓުންނެވެ. އަދި އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 15 ޕަސެންޓް ހިއްސާ ކުރި އެވެ. އަދި ޔޫކްރެއިން އިން މި މުއްދަތުގައި އައިސްފައިވަނީ 8,049 ޓޫރިސްޓުންނެވެ. އަދި އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 2.5 ޕަސެންޓް ހިއްސާ ކުރި އެވެ.

ރަޝިއާ / ޔޫކްރެއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިވަގުތު މަދު ނުވާކަމަށް ދެއްކިނަމަވެސް މިމާކެޓުން ބޮޑު ބައެއް މިހާރު އޮތީ ގެއްލިފަ އެވެ. މި ދެ ގައުމުން ރާއްޖެއަށް ސީދާ ދަތުރުކުރާ ހުރިހާ އެއާލައިންތަކެއް ހުއްޓާލާފައިވާއިރު މިކަމުގެ ސަބަބުން ޓޫރިޒަމް ބޮޑު އިމްޕެކްޓެއް އަންނާނެ ކަމަށް މާހިރުން ގަބޫލު ކުރެ އެވެ.

ރަޝިއާއިން ޔޫކްރެއިން އަށް އަރައިގަތުމާއެކު ޔޫކްރެއިންގެ މާކެޓު ވަނީ އެއްކޮށް ހުއްޓިފަ އެވެ. އަދި ދުނިޔެ އިން ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުން މީހުންނަށް ވެސް ގައުމުން ބޭރަށް ދަތުރު ކުރުމުގައި ވަނީ ހުރަސްތަކާ ކުރިމަތިވެފަ އެވެ. މިގޮތުން ގައުމުން ބޭރުގައި ފައިސާގެ މުއާމަލާތް ކުރުމުގައި އިންޓަނޭޝަނަލް ފައިސާ ޓްރާންސްފާ ސިސްޓަމްތައް ބްލޮކް ކުރުމުން ވަނީ ދަތިވެފަ އެވެ.