ތޮއްޑޫ

ރަޝިއާ ޓޫރިސްޓުން މަދުވެ، ތޮއްޑޫ ޓޫރިޒަމް އަޑިއަޅާލައިފި

ޔުކްރޭން ހަނގުރާމައިގެ ސަބަބުން އއ. ތޮއްޑޫއަށް އަންނަ ރަޝިއާ މީހުންގެ އަދަދު މަދުވެ، އެ ރަށުގެ ޓޫރިޒަމް އަޑިއަޅާލައިފި އެވެ.

ރަޝިއާ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު އެއް ރަށް ކަމަށްވާ އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިއާ މީހުން އައުން މަދުވެ އެ ރަށަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.

"ކުރީގަ ދުވާލަކު 100 އަށްވުރެ ޓޫރިސްޓުން އާދެ. މިހާރު އަންނަނީ 20 ވަރު. މިހާވަރަށް ބޮޑު ގެއްލުމެއް ވަނީ ޔުކްރޭންގެ އިތުރުން ރަޝިއާގެ ފްލައިޓް ނާންނާތީ. މީގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް މުޅި މި ރަށަށް ވަމުން އެބަދޭ،" ކަރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޯޓް ދަތުރުތައް ހުއްޓާލުމަކީ މި ރަަށަށް އެންމެ ބޮޑު ގެއްލުމެއް ވެގެން ދިޔަ އެއް ކަންތައް ކަމަށެވެ.

"މިހާރު އަންނަ މީހަކު ވެސް މި އަންނަނީ އެހެން އެއާލައިންއަކުން. މި ފްލައިޓް [ޔޫރޯފްލޯޓް] ހުއްޓާލީމަ ފޫބަށްދަން ދަތި ގެއްލުމާ ވަނީ ކުރިމަތިވެފަ،" ކަރަމް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައާއެކު ރަޝިއާ އިން ވަނީ އޭރޯފްލޯޓް ދަތުރުތައް މުޅި ދުނިޔެ އަށް ވަގުތީގޮތުން ހުއްޓާލާފަ އެވެ. "ވޯޓާ މިލަން އައިލެންޑް" ގެ ނަމުގައި މަޝްހޫރު 2،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތޮއްޑޫގައި ހައްދާ ފަޅޮލަކީ ރަޝިއާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް އުފެއްދުމެވެ.