ޓޫރިސްޓް އެރައިވަލް

ނުފުރިތިބި ޔޫކްރޭން ޓޫރިސްޓުންގެ މައުލޫމާތު ހޯދަނީ

ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާއެކު، އެ ގައުމަށް ނުދެވި ރާއްޖޭގައި ތިބި ޔޫކްރޭންގެ ޓޫރިސްޓުންގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން އެއްކުރަން ފަށައިފި އެވެ.

އަވަސް އަށް ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޔޫކްރޭންގެ އެެއާ ސްޕޭސް ބަންދުކުރުމާއެކު އެ ގައުމަށް ދިއުމުގައި މިހާރު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާ، އެހެންކަމުން މިހާރު ރާއްޖޭގައި ތިބި ޓޫރިސްޓުންގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށެވެ.

"ޔޫކްރޭންގެ ޓޫރިސްޓުން އެބަތިބި މިހާރުވެސް ރާއްޖޭގައި. ނަމަވެސް ސީދާ ތިބި އަދަދެއްގެ މިދަނީ ހޯދަމުން. މިވަގުތު ޔޫކްރޭން ބަންދުކޮށްފައި އޮތް ނަމަވެސް ކައިރި ގައުމުތަކަށް ދެވޭ،" މައުސޫމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާލަތުގެ ސަބަބުން އެއްވެސް ޓޫރިސްޓަކަށް ދަތިކަމެއް ކުރިމަތި ނުވާނެހެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އިމިގްރޭޝަން ކޮމްޓްރޯލަރާ ވެސް މަޝްވަރާ ކުރެވިއްޖެ މިކަމުގައި. ކޮންޓްރޯލަރު ވެސް ވަނީ ޔަގީންކަން ދެއްވާފައި ވިސާގެ ކަންކަމުގައި ވެސް އެ މީހުންނަށް [ނުފުރި ތިބި ޔޫކްރޭން ޓޫރިސްޓުންނަަށް] ފަސޭހަ ގޮތްތަކެއް ހަމަ ޖައްސައިދޭނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

އަންދާޒާ ކުރެވޭ ގޮތުގައި މިހާރު ރާއްޖޭގައި ނުފުރި 500އާ ގާތްކުރާ އަދަދަކަށް ޔޫކްރޭން ޓޫރިސްޓުން ތިބޭނެ އެވެ.

ޔޫކްރޭނަކީ ރާއްޖޭގެ ޓޫރިޒަމަށް އުއްމީދީ މާކެޓެކެވެ. މި މާކެޓު ބޮޑަށް ރަނގަޅު ވެފައިވަނީ ކޮވިޑް-19 އަށްފަހު އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 16ގެ ނިޔަލަށް އެ ގައުމުން 7,002 ޓޫރިސްޓުން އައިސްފައިވެ އެވެ.