ޑރ. އަބްދުﷲ މައުސޫމް

ރަޝިއާ-ޔުކްރޭން މައްސަލަ: ރާއްޖެއަށް ގެއްލުން ކުޑަވާ ގޮތެއް ނެތް

ރަޝިއާ- ޔުކްރޭން ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވި ރަޝިއާ- ޔުކްރޭން ހަމަނުޖެހުންތައް ދިވެހި ސަރުކާރުން ވަރަށް ގާތުން ބަލައި ސަރުކާރުގެ ފެންވަރުގައި ގެއްލުން ކުޑަކުރަން ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގެ ފައިދާއާއި ގެއްލުން ބިނާވަނީ ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށް ކަމަށްވާތީ ބޮޑު ހަމަނުޖެހުމެއް ނުވަތަ ހަނގުރާމައެއް ހިނގައިފިނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ނުވެ ނުދާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެ ކަންކަމަކީ ދިވެހި ސަރުކާރާ ގުޅުމެއް ނެތް ހަމަނުޖެހުންތަކަކަށް ވާތީ އެގޮތަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ގޮތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އެމްއެމްޕީއާރްސީން ވަކި ގައުމެއް ވަކި ސަރަހައްދެއް އިސްތިސްނާ ނުކޮށް އަދި ވަކި ސަރަހައްދަކަށް އިހްމާލު ނުވެ ވަރަށް ރަނގަޅަށް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ރަޝިއާ- ޔުކްރޭން ހަަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުން އަންނަ ފަތުރުވެރިން މަދުވާނެ ކަމަށް ބަލައި އިޝްތިހާރު ކުރާ ގޮތް ބަދަލުކޮށްލުމަކުން ނުވަތަ އިތުރު ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކޮށްގެންވެސް ރާއްޖެ އަށް އަންނަ ފަތުރުވެރިން އިތުރު ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ޗައިނާ އަލުން ހުޅުވާލާ އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވެއްޖެނަމަ އުއްމީދެއް އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

"އެމްއެމްޕީއާރްސީން މާކެޓް ކުރުމުގައި އެއްވެސް ކަމެއް އިގްނޯއެއް ނުކުރާނެ. އަޅުގަނޑަށް އެކަން ޔަގީން. ރަޝިއާ އަކީ އަޅުގަނޑުމެންގެ މިވަގުތު ލީޑިން މާކެޓް. އަދި ޔުކްރޭނަކީ ވެސް ޔޫރަޕް ސަރަހައްދުން ރާއްޖެ އަށް ގިނަ ފަތުރުވެރިންތަކެއް އަންނަ ގައުމެއް. އެހެންވެ އެ ދެ ގައުމުން އެ އަންނަ އަދަދު މަދުވެއްޖެނަމަ އެ އަދަދު މާކެޓް ކޮށްގެން އިތުރު ކުރެވޭނެ ކަމަކަށް ނުބެލެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ ރަޝިއާ- ޔުކްރޭން ހަމަނުޖެހުންތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު ދުނިޔޭގެ ބޮޑެތި ބާރުތަކުން ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން ޔަގީންކުރެވޭ ކަމަށެވެ. އެ ހާލަތުގައި ރަޝިއާގެ ފައިސާގެ އަގު ވެއްޓި އެ ގައުމުގެ އިގްތިސޯދަށް ލިބޭ ގެއްލުންތައް ރަޝިއާގެ ބޮޑެތި ވިޔަފާރިވެރިންނަށް ވެސް ކުރާނެ ކަމަށެވެ.

"ވިޔަފާރިވެރިންނަށް ލިބޭ ކޮންމެ ގެއްލުމެއް ރަޝިއާ ރައްޔިތުންނަށް ވެސް ކުރާނެ. އަނެއްކާ ހަމަނުޖެހުންތަކުގެ ސަބަބުން ޔުކްރޭން ރައްޔިތުންނަށް ވެސް ކުރިމަތިވާނެ އިގްތިސޯދީ މައްސަލަތަކެއް ހުންނާނެ. އަދި މިފަދަ ކޮންމެ ހަމަނުޖެހުމަކާ އެކު ދުނިޔޭގެ ވައިގެ ދަތުރުތަކަށް ވެސް އެނގުންވެލާ. އެ ހާލަތުގައި ރަޝިއާ ޔުކްރޭން ދަތުރުތައް ވެސް މަދުވެ، ފަތުރުވެރިން އެ ދިމާލުން އައުން މަދުވުމަކީ ހަމަވެދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ހާލަތުގައި ސަރުކާރަށް ކުރެވޭނެ މައިގަނޑު ކަމަކަށް އޮންނާނީ ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށް ގޮވާލައި އެކަމަށް ބާރު އެޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރަޝިއާ- ޔުކްރޭން ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުން ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ޓްރެވަލް އެޖެންސީ ތަކުގެ ކަންބޮޑުވުންތައް ވެސް ހުންނާނެ ކަމަށާއި ސަރުކާރުން އެ ފަރާތްތަކާ ވާހަކަދައްކާނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ގައުމަކުން ދުނިޔޭގެ ހަމަޖެހުމަށް މަސައްކަތް ކުރުމަށް،" މިނިސްޓަރު އެދިވަޑައިގަންނަވާ ގޮތް ހާމަކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާ ބުތަކަށް ބަލާއިރު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާ އިންނެވެ. އެއީ 33,191 މީހުންނެވެ. އަދި އަށް ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޔުކްރޭނުންނެވެ. އެއީ 7,002 މީހުންނެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ރާއްޖެ ގަޑިން މިއަދު ހެނދުނު 8 ޖަހާ އެހާއިރު ރަޝިއާ ރައްޔިތުންނާ މުހާތަބު ކުރައްވާ އެ ގައުމުގެ ސިފައިން ޔުކްރޭންގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ވަނީ އިއުލާންކުރައްވާފަ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޔުކްރޭން ގިނަ ސިޓީ ތަކެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވާ ރޮކެޓް ހަމަލާތަކެއްގެ އަޑު އިވިގެން ދިޔަ ކަމަށް ބައިނައަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެ އެެވެ.