ޓޫރިޒަމް

ރަޝިއާއިން އެއްލައްކަ ފަތުރުވެރިން

ރަޝިއާ އިން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ރަޝިއާގެ 100،677 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މި އަދަދާއެކު ރަޝިއާ އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގަ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 981،070 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 10.3 ޕަސެންޓަކީ ރަޝިއާ ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއް ވަނައިގައި އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 113،702 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އިނގިރޭސިވިލާތުން 91،032 ފަތުރުވެރިން އައިސްފައިވާއިރު އިޓަލީ އިން 78،515 ފަތުރުވެރިން އަދި ޖަރުމަނުން 76،324 ފަތުރުވެރިން މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެވެ.

އިންޑިއާއިން މި އަހަރުގެ މިހާތަނަށް 61،052 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެމެރިކާއިން 35،120 ފަތުރުވެރިން ރާއްޖެ އައިސްފަައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 ޕަސެންޓް އިތުރުވެފަ އެވެ.