ޓޫރިޒަމް

ފުރަތަމަ ހަ ދުވަސް: އެންމެ ގިނައީ ރަޝިއާ ފަތުރުވެރިން

ރާއްޖެއަށް މިއަހަރުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކަށް ރަޝިއާވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި ޖުމްލަ 33،807 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރޭގައި ރަޝިއާގެ 5،725 ފަތުރުވެރިން ހިމެނެ އެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގައި އޮތް އިޓަލީވިލާތުން 5،156 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން މި އަހަރުގެ މި މުއްދަތުގައި 2،372 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 2،238 ފަތުރުވެރިން އައިސްފައިވެ އެވެ.

ޖަރުމަނުން މިއަހަރު 1،960 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެމެރިކާއިން 1،350 ފަތުރުވެރިން އަދި ކަޒަކިސްތާނުން 1،033 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާ މި ވަގުތު އޮތީ ފަތުރުވެރިކަމުގެ މާކެޓްގެ އަށް ވަނައިގަ އެވެ. އެ ގައުމުން 897 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ ނުވަ ވަނައިގައި އޮތް ރޯމޭނިއާއިން 803 ފަތުރުވެރިން އަދި 10 ވަނައިގައި އޮތް ފްރާންސުން 766 ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މިހާރު 176 ރިސޯޓާއި 810 ގެސްޓްހައުސް އާއި 146 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ބޭނުންކުރަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 61،750 އެވެ.