ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަށް އިންޑިއާ އަނެއްކާވެސް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މި އަހަރުގެ މިހާތަނަށް 205،278 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 11.2 ޕަސަންޓެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގައި އޮތް ރަޝިއާއިން މި އަހަރުގެ މިހާތަނަށް 203،539 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު މިއަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް މާކެޓްގެ އެއްވަނައަށް އިންޑިއާ އެރި އެވެ. ނަމަވެސް ޖުލައި މަހުގެ ތެރޭގައި ރަޝިއާ ވަނީ އަލުން އެއްވަނަ އަރާފަ އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- އިންޑިއާ - 205،278 ފަތުރުވެރިން
- ރަޝިއާ - 203،539 ފަތުރުވެރިން
- ޗައިނާ - 185،761 ފަތުރުވެރިން
- އިނގިރޭސިވިލާތް - 152،284 ފަތުރުވެރިން
- ޖަރުމަނު - 132،188 ފަތުރުވެރިން
- އިޓަލީ - 111،272 ފަތުރުވެރިން
- އެމެރިކާ - 73،079 ފަތުރުވެރިން
- ފްރާންސް - 47،968 ފަތުރުވެރިން
- ސްޕެއިން - 39،688 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 36،258 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް 1.83 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1.63 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 12.3 ޕަސަންޓް އިތުރު މިންވަރެކެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު 1،143 ފެސިލިޓީއެއް ދަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި 176 ރިސޯޓާއި 807 ގެސްޓްހައުސްގެ އިތުރުން 146 ސަފާރީ އުޅަނދު އަދި 14 ހޮޓާ ހިމެނެ އެވެ.