ޓޫރިޒަމް

އޭރޯފްލޮޓް ހުއްޓައެއް ނުލާ، ފްލައިޓް އިތުރުކުރަނީ

ރަޝިއާގެ ގައުމީ އެއާލައިން -- އޭރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް އިތުރު ކުރަން ނިންމައިފި އެވެ.

ރަޝިއާ އިން ޔޫކްރެއިން އަށް އަރައިގަތް މައްސަލާގައި ޔޫރަޕާއި އެމެރިކާގެ ފިއްތުންތަކާ އެކު ރަޝިއާގެ ގައުމީ އެއާލައިން -- އޭރޯފްލޮޓް އަށް ވަނީ އެކި ގައުމުތަކަށް ދަތުރު ކުރަން ތާށިކޮށްފަ އެވެ. އެގޮތުން އޭރޯފްލޮޓް ސްރީލަންކާ އަށް ދަތުރުތައް ފެށިނަމަވެސް އެ ގައުމުން މި އެއާލައިން ހިފެހެއްޓި މައްސަލައާ ގުޅިގެން ވަނީ ދަތުރުތައް މެދުކެނޑިފަ އެވެ.

މި ދަތުރުތައް ސްރިލަންކާ އަށް ހުއްޓާލުމާއެކު ރާއްޖެ އަށް ވެސް ދަތުރުތައް ހުއްޓާލަން އުޅޭކަމަށް އަޑުތައް ފެތުރިގެން ދިޔަ އެވެ. ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ އެ ފަދަ ނިންމުމެއް އައިސްފައި ނެތް ކަމަށް ބުނެފަ އެވެ. އަދި ރަޝިއާ އިން ރާއްޖެއަށް ޓޫރިސްޓުން ގެންނަ ބައެއް އެޖެންޓުން ވެސް ވަނީ އެ އެއާލައިން ހުއްޓާލަން ނޫޅޭކަން ޔަގީންކޮށްދީފަ އެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީނިޔައެއާވޯތްނަސް އިންޖިޔާ، އަދި ސްޕޯކްސް ޕާސަން އިބްރާހިމް މުހައްމަދު ވިދާޅުވީ ރަޝިއާގެ ގައުމީ އެއާލައިން ރާއްޖެއަށް ހުއްޓާލަން އުޅޭކަން ސިވިލް އޭވިއޭޝަނަށް އަންގާފައި ނެތް ކަމަށެވެ.

ރަޝިއާ އިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއް ކުންފުނި ކަމަށްވާ ރިސޯޓްލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު ފްލައިޓް އިތުރުކުރާނެ ކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ވިޔަފާރި ވެސް މި ކުރިއެރުމާއެކު ކޮވިޑުގެ ކުރީގެ އަދަދާ ގާތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ރަޝިއާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުން އާދެ. ފުދޭވަރެއްގެ ރަނގަޅު އަދަދު ތަކެއް ޖޫން އިން ފެށިގެން އަންނާނެ ކަމަށް ބެލެވެނީ،" ވަލީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 67,088 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި މިހާތަނަށް ރާއްޖެއަށް ޖުމްލަ 706،468 ޓޫރިސްޓުން އައިސްފައިވެ އެވެ.