ސ. އިސްމެހެލާ ހެރާގައި ރިސޯޓު ތަރައްގީ ކުރާ ދިވެހި ކުންފުނިން، އިކުއެޒިޝަން ފީ މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައިފި އެވެ.
އައްޑޫގައި ބޭއްވި، އިންވެސްޓާސް ފޯރަމްގެ ހަވާސާގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިސްމެހެލާ ހެރަގައި ރިސޯޓު ތަރައްގީ ކުރުމަށް ހަވާލުވެފައިވާ ދިވެހި ކުންފުނިން އެކުއެޒިޝަން ފީ ދެއްކުމަށްފަހު މިހާރު ތައްޔާރުވަމުން ދަނީ އީއައިއޭ ހެދުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ.
"ގެޒެޓު ކުރީމަ ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކޮށްގެން އެ ކުންފުންޏަށް ލިބުނީ. އެ ކުންފުންޏަށް އެންމެ މަތިން މާކްސް ލިބުނީ. އެހެންވެ މިހާރު އެ މަސައްކަތް ދަނީ ކުރަމުން،" ޒަމީރު ވިދާޅުވި އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މި ރިސޯޓު ތަރައްގީ ކުރަނީ މަސް އެކްސްޕޯޓު ކުރުމާއި އެއާލައިން އެޖެންޓުކަމާއި ޓޫރިޒަމް ވިޔަފާރިވެސް ކުރާ ކުންފުންޏަކުންނެވެ. އަދި މި ކުންފުނިން ދާދިފަހުން ވަނީ އިންޝުއަރެންސް ވިޔަފާރީގެ ތެރެއަށްވެސް ވަދެފައެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އިސްމެހެލާ ހެރާގައި ތަރައްގީކުރަނީ 150 ކޮޓަރިގެ ރިސޯޓެއް ކަމަށެވެ.
ސ. އިސްމެހެލާ ހެރާގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ވާހަކަ ދައްކާާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. މީގެ ހަ އަހަރު ކުރިން ވެސް މި ރަށުގައި ރިސޯޓެއް ހެދުމުގެ ވާހަކަ ދެއްކި އެވެ. އަދި އެންމެ ބާރަށް މި ރަށުގެ ވާހަކަ ދައްކަން ފެށިފައިވަނީ 2015 ވަނަ އަހަރު އެވެ.
އިސްމެހެލާ ހެރާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ކުންފުންޏަކާ ހަވާލު ކުރިއިރު، އައްޑު އަތޮޅުގައި މެދު ފަންތީގެ ޓޫރިޒަމް ބޮޑު މަޝްރޫއެއް ހިންގަން ނިންމައި، ސަރުކާރުން ވަނީ އިއުލާނު ކޮށްފަ އެވެ. މޯލްޑިވްސް އިންޓަގްރޭޓެޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ހިންގާ މި މަޝްރޫއުގެ ދަށުން މުޅިން އަލަށް 3،000 އެނދު އައްޑޫގައި ތަރައްގީ ކުރާނެ އެވެ. މި މަޝްރޫއުގެ މަސައްކަތް ދެ މަސް ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ސަރުކާރުން ވަނީ މި ދައުރުގައި 50 ރިސޯޓެއް ބާޒާރަށް ނެރޭނެ ކަމަށް ބުނެފަ އެވެ. މި ދިޔަ އަހަރު ވެސް 11 ރިސޯޓެއް ހުޅުވާފައިވެ އެވެ.