ވިޔަފާރި

އެމްއައިޓީސީ އިން ބަރެސްދޫ އާއި ކާށިދޫ މަޝްރޫއު ހުއްޓައެއް ނުލާނެ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ލ. ބަރެސްދޫ އާއި ކާށިދޫގައި ފެށި މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްއައިޓީޑީސީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ބަރެސްދޫ އިންޓަގްރޭޑެޓް ޓޫރިޒަމް މަޝްރޫއަކީ ރަނގަޅު މަޝްރޫއެއް ކަމަށާ ނަމަވެސް މައްސަލައަކީ މި މަސައްކަތް ކުރުމުގައި އަމަލު ކުރި ގޮތް ކަމަށެވެ. އަދި ކާށިދޫ މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންނާ ގުޅިފައިވާ މަސައްކަތެއް ކަމަށާއި އެހެންކަމުން މި ދެ މަޝްރޫއު ވެސް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ލޯނުގައި މި [ކާށިދޫ] މަސައްކަތް ކުރަނީ އެހެންވެ ގަސްތެއް ނުކުރަން ހުއްޓާލާކަށް. ސަރުކާރާއި ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން މި ޕްރޮޖެކްޓް ކުރި އަށް ގެންދެވޭނީ ކިހިނެއް ތޯ ބަލަން،" ރާއިދު ވިދާޅުވި އެވެ.

އެމްއައިޓީޑީސީ އިން ފެށި ބަރެސްދޫއަކީ 3000 ކޮޓަރީގެ ބޮޑު މަޝްއޫއެއް ފަށާފަ އެވެ. އަދި ކާށިދޫ ގެސްޓްހައުސް ވިލެޖުގެ ނަމުގައި ފެށި މަޝްރޫގައި 250 ކޮޓަރި ހުރެ އެވެ.

އެމްޑީ ވިދާޅުވީ ބަރެސްދޫ އާއި ކާށިދޫ މަޝްރޫއު ހުއްޓާލަން ނުޖެހޭ ސަބަބަކީ މަސައްކަތްތައް ފެށުމަށްފަހު، އެ ނިންމާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުން ކަމަށެވެ.

"ބަރެސްދޫ ނަމުގައި ލާރި ހަރަދު ކޮށްފައިހުރީ. އެކަމަކު ގިނަ މަސައްކަތް ތަކެއް ނުކުރޭ. އެކަމަކު އެ މަސައްކަތް ވެސް ހުއްޓާލުމުގެ ވިސްނުމެއް ނެތް. އެ ރަށުގައި ހަމައެކަނި ހުރީ ބަނދަރު ހަދާ، ކޯސްވޭ ހަދާފަ. އެހެން ވެ އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް،" ރާއިދު ވިދާޅުވި އެވެ.

ލ. ބަރެސްދޫއަކީ 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރަން ޕްލޭން ކުރި ތަނެކެވެ. މި ރަށުގައި ތިން ހޮޓާ ވެސް ހުންނާނެ ކަމަށް އެމްއައިޓޯީޑީސީއިން ބުނެފައިވެ އެވެ. ކާށިދޫ ޓޫރިސްޓް ވިލެޖްގެ ނަމުގައި އެ ރަށުގައި ފެށި މަޝްރޫއުގެ ދަށުން 60 ކޮޓަރި ހުރެ އެވެ. އަދި މި މަޝްރޫއު އެއްކޮށް ނިމޭއިރު 250 ކޮޓަރި ހުންނާނެ ކަމަށް އެމްއައިޓީޑީސީއިން ބުނެފައިވެ އެވެ.