- ގާތްގަނޑަކަށް 5،000 ޓޫރިސްޓުންގެ ރަށެއް
- މި ރަށުގައި 1600 ޓޫރިސްޓުން އެނދު
- ބޮޑެތި ހޮޓާ، ގެސްޓްހައުސްތައް ހިމެނޭ
ރާއްޖެއަށް މެދު ފަންތީގެ އެނދު ތަކެއް ބޭނުންވެ އެވެ. އެ މަގުސަދުގައި ސަރުކާރުން ވަނީ ބަރެސްދޫ- ގެސްޓްހައުސް އައިލެންޑް މަޝްރޫއު ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން 1600 އެނދު އަންނަ އަހަރު ބާޒާރަށް ނެރޭނެ އެވެ. މި މަޝްރޫއު ސަރުކާރުން މިހާރު ހަވާލުކޮށްފައިވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއެވެ. ސުވާލަކީ މި މަޝްރޫއަކީ ޓޫރިޒަމަށް ކޮން ކަހަލަ ރަހަ އަކަށް ވާނެ ހެއްޔެވެ؟
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަންނަ އަހަރު އަހަރު މަޝްރޫއު އެއްކޮށް ނިންމައި ހުޅުވަން،" އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު "އަވަސް" އަށް ވިދާޅުވި އެވެ.
ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބެލެހެއްޓި މި މަޝްރޫއު ސަރުކާރުން މިހާރު ވަނީ އެމްއައިޓީޑީސީއާ ހަވާލުކޮށްފަ އެވެ. ބަރެސްދޫގައި 30 އަށްވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ ތިން ހޮޓާ ހުންނާނެ އެވެ. ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުރެ އެވެ. އަދި ގެސްޓްހައުސްތަކަކީ 25 ކޮޓަރި އާއި 50 ކޮޓަރީގެ ތަންތަނެވެ. މިގޮތުން މި ރަށުގައި ޖުމްލަ 1600 އެނދު ހުންނާނެ އެވެ. ގާތްގަނޑަކަށް 5،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ.
އެމްޑީ ޝާހިދު ވިދާޅުވީ މަޝްރޫއުގެ ދަށުން ހަދާ ތިން ހޮޓަލުގެ ތެރެއިން އެއް ހޮޓާލާއި 25 ގެސްޓްހައުސް ވެސް ކުއްޔަށް ނަގާފައިވާ ކަމަށެވެ.
ބާކީ މި އޮތީ ގާތްގަނޑަކަށް 15 ވަރަށް ޕްލޮޓް. މި ތަންތަން ކުއްޔަށް ދިނުމުގެ މަސައްކަތް އަޅުގަނޑުމެއް ކުރާނަން. އިންވެސްޓަރުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެ ބަހުރި،" ޝާހިދު ވިދާޅުވި އެވެ.
"ކުންފުނިތަކުގައި ބޭރުގެ ހިއްސާ ނެތެކޭއެއް ނޫން. މުޅިންވެސް މި ތަންތަން ނަގާފައިވަނީ ދިވެހި ކުންފުނިތައް. މި މަޝްރޫއުގެ ދަށުން ހުރި ބިންތަކަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް. އިންވެސްޓާސްގެ ޝައުގުވެރިކަން ވަރަށް ބޮޑު،" ޝާހިދު ވިދާޅުވި އެވެ.
ގެސްޓްހައުސް އައިލެންޑް މަޝްރޫއު ކުރި އަށް ގެންދާ ބަރެސްދޫގައި ތަރައްގީ ކުރާ ރަށް ފަރުމާ ކޮށްފައިވަނީ ރިސޯޓު ކޮންސެޕްޓާ ތަފާތު ގޮތަކަށެވެ. ރާއްޖޭގެ ރިސޯޓުތަކުގައި ހުރިހާ ހިދުމަތެއް ވެސް ދެނީ އެއް މެނޭޖުމަންޓްކުން، އެ ކުންފުނީގެ ދަށުންނެވެ. ނަމަވެސް ގެސްޓްހައުސް އައިލެންޑް މަޝްރޫއު ފަރުމާކޮށްފައިވާ ގޮތުން އެ ރަށުގައި ދޭ ހުރިހާ ހިދުމަތެއް ވަކި ކުންފުނިތަކުންދޭ ގޮތަށެވެ. މިގޮތުން ގެސްޓްހައުސް އައިލެންޑުގައި ފެނުގެ ހިދުމަތާއި ކަރަންޓު އަދި ރެސްޓޯރެންޓާއި ލޯންޑްރީ ހިދުމަތް އަދި މޫދު ކުޅިވަރުގެ ހިދުމަތް ވެސް ދޭނީ ވަކި ކުންފުނިތަކުންނެވެ. މި ކޮންސެޕްޓުގެ މަގުސަދަކީ ކުދި އަދި މެދުފަންތީގައި ހިމެނޭ ކެޓަގަރީގެ ވިޔަފާރިތަކަށް ފުރުސަތު ތަނަ ވަސް ކޮށްދިނުމެވެ. މި މަޝްރޫއުގައި ބަރެސްދޫ އާއި އިންވެގެން އޮންނަ މާކަންފުށީގެ ބަނދަރުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މިހާރު ކުރިއަށް ދަނީ ބަރެސްދޫގެ މަގުތައް ހެދުމުގެ މަސައްކަތެވެ.
"އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު"
އެމްޑީ، ޝާހިދު ވިދާޅުވި ގޮތުގައި ގެސްޓްހައުސް އައިލެންޑް މަޝްރޫއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ކަމަށާއި، މި މަޝްރޫއަށް މުޅިން ވެސް ކުރިމަތިލާފައިވަނީ ދިވެހި ކުންފުނިތަކެވެ.
"ކުންފުނިތަކުގައި ބޭރުގެ ހިއްސާ ނެތެކޭއެއް ނޫން. މުޅިންވެސް މި ތަންތަން ނަގާފައިވަނީ ދިވެހި ކުންފުނިތައް. މި މަޝްރޫއުގެ ދަށުން ހުރި ބިންތަކަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް. އިންވެސްޓާސްގެ ޝައުގުވެރިކަން ވަރަށް ބޮޑު،" ޝާހިދު ވިދާޅުވި އެވެ.
އަގު ހެޔޮކޮށް ޓޫރިސްޓުން އުފުލަދާނެ
ބަރެސްދޫ-ގެސްޓް ހައުސް އައިލެންޑުގައި އިންވެސްޓްކުރާ ފަރާތްތަކަށް ދިމާވާނެ، އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓްރާންސްޕޯޓުގެ ދަތިކަމެވެ. އެހެންވެ މިކަމަށް ހައްލު ގެނެސް ދިނުމަށް ވަނީ މޯލްޑިވިއަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކުންފުނިން ވަނީ ބަރެސްދޫ އަށް އަގު ހެޔޮކޮށް ޓޫރިސްޓުން އުފުލައިދޭނެ ކަމަށް ކުރިން ބުނެފަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ބަރެސްދޫއަށް އެއްފަހަރާ ވަރަށް ބައިވަރު ގެސްޓުން ދާނެ އެވެ. އެހެންކަމުން މިއީ އެއާލައިނަށް އޮންނާނެ އެޑްވާންޓޭޖެކެވެ.
"ވަރަށް ބަލްކުކޮށް އެއް ފަހަރާ މީހުން ގެންނަން ލިބޭނެ. އެހެންވެ އެއާލައިން އޮޕަރޭޓާސް އަށް ބަލްކް ލިބޭ. އެހެންވެ މިއީ މިޑްރޭންޖަށް ކޭޓާ ކުރުމަށް ރަނގަޅު ބަލްކެއް ލިބޭ،" ޝާހިދު ވިދާޅުވި އެވެ.
ގެސްޓްހައުސް އައިލެންޑް އަންނަ އަހަރު ހުޅުވާނެ އެވެ. ޔަގީނުންވެސް މި ތަން ހުޅުވުމުން ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށެވެ. އެއް ފަހަރާ މެދު ފަންތީގެ އެނދުތަކެއް އައުން ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށެވެ.