އެމްއައިޓީޑީސީ

އެމްއައިޓީޑީސީ: ޒުވާން ޓީމަކާއެކު އުންމީދުގައި

މި އޮފީސް ވަރަށް ތަފާތެވެ. އޮފީހުގެ ޑިޕާޓްމަންޓްތައް ބައިބައި ކޮށްފައެއް ނުހުރެ އެވެ. ސަރުކާރުގެ އެހެން އޮފީސްތަކާ ތަފާތުވަނީ މިހެންވެ އެވެ. މުވައްޒަފުންގެ މޭޒު ވަކިކުރަން ޖަހާ ފުޅައްގަނޑަކީ މި އޮފީހާ ބީރަށްޓެރި އެއްޗެކެވެ. އޮފީސް ފެންނަނީ ހޯލެއްގެ ސިފައިގައި، ހޯލުގައި މޭޒު ޖަހާފައި ހުރީ މަސައްކަތުގެ މާހައުލުން ހިތް ގައިމުކަން ލިބޭ ގޮތަށެވެ. މިއީ މެދު ފަންތީގެ އެނދުތަކެއް ތަރައްގީ ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި މޯލްޑިވްސް އިންޓަގްރޭޑެޑް ޓޫރިޒަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އެވެ. މި ކުންފުނި، ޒުވާން ޓީމްއަކާއެކު މި ތިބީ މުހިންމު މަސައްކަތެއް ކުރުމަށް ނުކުމެ އުންމީދުގަ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޓީމެއްގެ ގޮތުގައި ފެންނަން. މަސައްކަތް ކުރަމުން މިދަނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް،" އެމްއައިޓީޑީސީގެ ހިތްހެޔޮ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު "އަވަސް" އަށް ވިދާޅުވި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މި ކުންފުނީގައި 10 މުވައްޒަފުން މަސައްކަތް ކުރެ އެވެ. ކުންފުނި އުފެއްދިތާ މާގިނަ ދުވަހެއްނުވެ އެވެ. އަދި ރަސްމީ އޮފީހެއްގެ ގޮތުގައި މަސައްކަތް ކުރާތާ މިއީ އެންމެ ދެ ހަފުތާ އެވެ.

އެމްޑީ ޝާހިދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޓޫރިޒަމަށް ގިނަ އެނދު ތަކެއް ނެރުމެވެ. އެ މަގުސަދުގައި އެ ކުންފުނީގެ ޒުވާން ޓީމުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

"މެދު ފަންތީގެ މުޅިން އާ ޓޫރިޒަމް ޕްރޮޑަކްޓް ތަކެއް ނެރުން. ކުންފުނި މި އޮޕަރޭޓް ކުރަނީ ޑިވެލޮޕްމަންޓް އެޖެންސީއެއެއްގެ ވެސް ގޮތުގައި. ހަމައެކަނި ކޮންޓްރެކްޓްތައް ހަދައި އެވޯޑު ކުރުމެއް ނޫން. އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުވެސް ވަރަށް ވަރުގަދަ ވާނެ،" ޝާހިދު ވިދާޅުވި އެވެ.

އެމްއައިޓީޑީސީއިން ޒުވާން ޓީމެއް ގޮވައިގެން ނުކުމެ، މަސައްކަތް ފެށއިރު ކުންފުނީގެ ބޮލުގައި އެޅިފައިވާ ޒިންމާ ކުޑައެއް ނޫނެވެ. މި ކުންފުނީގެ ބޮލުގައި އޮތް އެންމެ ބޮޑު އެއް ޒިންމާއަކީ ލ. ބަރެސްދޫ- ގެސްޓްހައުސް އައިލެންޑް މަޝްރޫއެވެ.

އެމްޑީ ޝާހިދު ވިދާޅުވީ މި މަޝްރޫއުގެ އިތުރުން، މުޅިން އަލަށް ވެސް ބައެއް މަޝްރޫއުތައް ފަށަން ނިންމާފައިވާ ކަމަށެވެ.

"އެންމެ ބޮޑު ކަމަކީ ބަރެސްދޫ ޕްރޮޖެކްޓް. މީގެ އިތުރުން ބައެއް ފަޅުތައް ހިތްކުމާއި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުން،" ޝާހިދު ވިދާޅުވި އެވެ.

މި ކުންފުނީގެ ވާހަކަ އައުމާއެކު، ސަރުކާރުން ޓޫރިޒަމަށް ކުރިން އުފެއްދި، ކުންފުނީގެ ހިޔާލު އާދެ އެވެ. ނަމަވެސް ޝާހިދު ވިދާޅުވި ގޮތުގައި އެމްއައިޓީޑީސީގެ މަގުސަދަކީ ރާއްޖޭގެ އިގްތިސާދާއި ރައްޔިތުންނަށް ފައިދާހުރި ކުންފުންޏެއްގެ ގޮތުގައި އަމިއްލަ ފައިމައްޗަށް ތެދުވާ ކުންފުންޏަކަށްވުމެވެ.

އެމްއައިޓީޑީސީގެ އަމާޒަކީ ޒުވާން ޓީމަކާއެކު ނުކުމެ، ރާއްޖޭގެ ޓޫރިޒަމަށް މުޅިންއާ ޕްރޮޑަކްޓްތަކެއް ފައްކާ ކުރުމެވެ. އެ މަގުސަދުގައި ރާއްޖޭގެ އިގްތިސާދަށް އެ ކުންފުނިން ދެނީ ވަރަށް ޕޮޒިޓިވް އުންމީދެކެވެ.