ރިޕޯޓް

ހަން ކެނޑިއްޖެ ؛ އައްޑުއަށް ޓޫރިޒަމެއް ނުދިޔަ!

Dec 6, 2021
17

އައްޑު އަތޮޅު ހަންކެޑެއަކީ އެ ސިޓީއަށް ޓޫރިޒަމް ގެންދަން ދައްކާ "ކުލަނެތް ހުވަފެނު" ގައި އަބަދު ވެސް ބޭނުން ކުރާ އެއް ނަމެވެ. ވޯޓަކަށް ގޮވާލަން ރަނގަބީލު އަޅާ ހިސާބުން ހަންކެޑެ "ފިތަށް" އޮބާލަ އެވެ. އައްޑޫއިން ޓޫރިޒަމް އެނދު ހޯދުމުގެ ހިސާބު ނެރެނީ މިގޮތަށެވެ. މިހާރު ވެސް މި އޮތީ އެ ހިސާބު ޖަހަން ޖެހިފަ އެވެ. ރިޔާސީ ވޯޓާ ކައިރިވާން ފެށުމާއެކު އައްޑޫގައި ޓޫރިޒަމް ފައްކާ ކުރުމުގެ ވާހަކަ އަނެއްކާ ވެސް "ތިލަވެފަ" އެވެ. މިފަހަރު އައްޑު އަތޮޅު ހަންކެޑެ ފައްކާކޮށްލަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށެވެ. އެކަމަކު ހަގީގަތަކީ އައްޑުއަށް ޓޫރިޒަމްގެ ދަޅަ ދައްކާތާ ލައްކަ ޒަމާންވެ، އެ މަަސައްކަތް ކޮށްކޮށް ހަންކެނޑުނުއިރު ވެސް އެކަމެއް ނުވި އެވެ. އައްޑޫގައި ޓޫރިޒަމް ފުޅާ ނުވި ސަބަބެއް އޮންނަން ވާނެ އެވެ.

"ހަގީގަތަކީ އައްޑޫގައި ޓޫރިޒަމް ގެންނަން އެއްވެސް ސަރުކާރަކުން ހަގީގީ މަސައްކަތެއް ނުކުރޭ. އެކަމެއް މައުމޫނު ވެސް ޔާމީނު ވެސް ނަޝީދު ވެސް ވަހީދު ވެސް ނުކުރޭ. [އައްޑު] އަށް ޓޫރިޒަމް ގެންނަން ކުރަން ޖެހޭ ކަންކަމުގައި އަތް ވެސް ނުލާ،" ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

އައްޑޫ އަށް ޓޫރިޒަމް ގެންދަން ދެން އިތުރަށް ކުރަންތީ ކޮން ކަމެއް ހެއްޔެވެ؟ އެ މަސައްކަތް ނުކުރެވި އޮތީ ކީއްވެ ހެއްޔެވެ؟

މަޝްހޫރު "ސަދަން ކްރޮސް" ގައި އޮންނަ އައްޑޫއަކީ ރާއްޖޭގެ އެންމެ ގުދުރަތީ ގޮތުން ތަފާތު މާހައުލު އޮތް ސަަރަހައްދެވެ. ރާއްޖޭގެ ރީތި ގޮނޑުތައްތަކާއި ވިލުތައް ހުރި ނަމަވެސް މި ސިޓީން ފެންނާނީ މުޅިން ތަފާތު ގުރުދަތީ ރީތި ކަމެވެ. މި ރީތި ކަމާއެކު އައްޑޫ ސިޓީގައި މިހާ ތަނަށް ޖުމްލަ ފައްކާ ކުރެވިފައި ވަނީ ގެސްޓްހައުސް އާއި ރިސޯޓް އަދި ހޮޓާތަކާއެކު ޖުމްލަ 2600 ކޮޓަރި އެވެ. އަދި ކޮވިޑް-19 އިގެ ސަބަބުން ބަންދުވެ އަލުން ރާއްޖެ ހުޅުވި ނަމަވެސް އެއިން އެއްވެސް ތަނެއް ހުޅުވޭ ގޮތެއް ނުވެ ބަލި މައްޗަަށް ދަނީ ބަލިވަމުންނެވެ. އެހެންވެ އެ ސަރަހައްދަށް ގެސްޓުން ދާން ބޭނުންވި ނަމަވެސް އެކަން ވާކަށް ނެތެވެ.

އެ ސަރަހައްދަށް ޓޫރިޒަމް ގެންދަން މަސައްކަތް ކުރައްވާ ވިޔަފާރިވެރިއެއް ކަމަށްވާ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި އައްޑޫގައި ޓޫރިޒަމް ނެތުމުގެ އެއް ސަބަބަކީ ސިޓީއަށް ނަން މަޝްހޫރު ގިނަ ވިޔަފާރިވެރިން ނިސްބަތްވާއިރު އެ މީހުން އެކަށީގެންވާ މަސައްކަތެއް ނުކުރުމެވެ.

"މިހާތަނަށް އައްޑޫއަށް ޓޫރިޒަމް ގެންދެވޭތޯ މަސައްކަތް ކުރެއްވި އެއް ބޭފުޅެއް ޑރ. ޝަކީލާގެ ބައްޕައަކީ. އޭގެ ފަހުން އެހެން ބޭފުޅަކު މަސައްކަތް ކުރައްވާފައެއް ނެތް. އައްޑޫއަށް ނިސްބަތްވާ ނަން މަޝްހޫރު ނަގާކިޔާ ބޭފުޅުން ވެސް ވަނީ ސިޓީއަށް އިހުމާލުވެފައި،" ވަލީދު ވިދާޅުވި އެވެ.

މިހާތަނަށް އައްޑޫ އަށް ޓޫރިޒަމް ގަނެވޭ ތޯ މަސައްކަތް ކުރެއްވި އެއް ބޭފުޅެއް ޑރ. ޝަކީލާގެ ބައްޕައަކީ. އޭގެ ފަހުން އެހެން ބޭފުޅަކު މަސައްކަތް ކޮށްފައެއް ނެތް.
މުހައްމަދު ޝާޒް ވަލީދު | ރިސޯޓް ލައިފްގެ ވެރިޔާ

އައްޑޫ ސިޓީއަކީ ރާއްޖޭގެ ނަން މަޝްހޫރު ވަރަށް ގިނަ ވިޔަފާރިވެރިންގެ ވަޒަނެވެ. ނަމުން ކިޔާނަމަ ސަންލޭންޑް، ތްރީއޭ، ބީއެޗްއެމް، ކޭޑީއެމް، ސިމްޑީ މި ހުރިހާ ނަމެއް ނިސްބަތް ވަނީ އެ ސިޓީގެ ބަޔަކަށެވެ. ނަމަވެސް އެ ބޭފުޅުންގެ ވެސް މާބޮޑު އިންވޯލްމަންޓެއް އެ ސަރަހައްދު ޓޫރިޒަމް ގެން ދިއުމުގައި ނެތެވެ. ފަހަރުގައި އެކަންނުވެ އޮތީ ހަމަ އަގު ނުލިބޭނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ "ފައިދާއެއް ނެތް ގެއްލުންހުރި އެއްޗެއް ގަންނަން" ބޭނު ނުވަނީ ކަމަށް ވެސް ވެދާނެ އެވެ.

އެ ސަރަހައްދުގައި މިހާރު ޓޫރިޒަމްގެ ހާލަތު ހުރި ގޮތަށް ބަލާއިރު އެންމެ އަވަހަށް ހުޅުވޭނެ ކަމަށް ބެލެވެނީ ހެރެތެރެ އެވެ. އެތަން މި މަހުގެ ފަހުކޮޅު ހުޅުވޭވަރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރި ނަމަވެސް އެއީވެސް އަދި ހަމަހީ އެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު ވިދާޅުވި ގޮތުގައި ހެރެތެރެ ހުޅުވަން އިންސްޕެކްޝަން ހަދައި އެ ރިޕޯޓު ހިއްސާ ކޮށްފައިވާނެ އެވެ. އަދި މިނިސްޓްރީން ސީދާކޮށް ވީހާ އަވަހަކަށް އެ ރިސޯޓު އޮޕަރޭޝަނަށް ގެންނަން އެހީތެރިވެދޭނެ އެވެ. މިމަހު 24 ގައި ހުޅުވޭ ތޯ މަސައްކަތް ކުރަމުންދެ އެވެ.

އައްޑޫ ޓޫރިޒަމް ފުޅާ ކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ އެކަށީގެންވާ ވަރަށް އެނދު ނެތުމުގެ އިތުރުން ސަރަހައްދު ވަށައިގެން ހުރި ހިސާބު ތަކަށް ރަނގަޅު ޓްރާންސްޕޯޓް ވިއުގައަކުން ގުޅާލެވިފައި ނެތުމެވެ. އޭގެ ހައްލަކީ އައްޑޫ އާއި ހުވަދޫ އާއި ފުވައްމުލައް ވައިގެ މަގުން ގުޅާލުމެވެ. އެކަމަށް މަސައްކަތް ކުރާތާ އެތައް ޒަމާނެއްވީއިރު ވެސް "މަޝްވަރާ" ކުރުން ނޫންކަމެއް ނުކުރެވެ އެވެ. ގައުމީ އެއާލައިންގެ ބައިވެރިވުން މިކަމަށް ހޯދަން ސީޕްލޭން ދަތުރުތަކެއް ފަށަން ސޮއިކުރިތާ އަހަރެއްވީއިރު އެކަން ވެސް ދިޔައީ "ޗޮކުން" ނެވެ. އައްޑޫ ޓޫރިޒަމަށް އޮތް އެންމެ ބޮޑު އެއް ހުރަސް އޮތީ ހަމަ އެގޮތުގަ އެވެ.

މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިކަމުގެ އުންމީދު ކުޑަ އެވެ. މަސައްކަތް ދާ ސްޕީޑު ވެސް ވަރަށް ލަހެވެ. އެހެންވެ ފިރާގުގެ ވާހަކައިން ފާހަގަވަނީ އުންމީދު ގެއްލިފައިވާ ކަމެކެވެ.

މިކަން މިގޮތުގައި ހުރި ނަމަވެސް އައްޑޫ ސިޓީ އަށް ސްރީލަންކަން ވަނީ ފަށާފަ އެވެ. މިކަމަކީ އުންމީދެއްގެ ގޮތުގައި މި ސިނާއަތުގެ ސީނިޔަ ބޭފުޅުން ގަބޫލު ކުރެ އެވެ. އަދި މިއާއެކު އިތުރު ޗާޓަރު ތަކެއް ބާއްވައި މިހާރު ހުރި އެނދުތައް ވެސް އޮޕަރޭޝަނަށް ގެނެވި ފުރާލެވިދާނެކަމުގެ އުންމީދު މި ވަނީ އާ ވެފަ އެވެ.

އައްޑޫ ކެނެރީފް ރިސޯޓު ހުޅުވައި އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރައްވާ ވަލީދު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ ދޭއްގައި މި ރިސޯޓް ހުޅުވި ހަމައަކަށް އެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ޑިމާންޑްއަކީ ވެސް ހޯދީމަ ލިބޭ އެއްޗެއް. ހަމަހުރެފަ ލިބޭނެ އެއްޗެއް ނޫން. އައްޑޫއަށް ރާއްޖޭގައި ޓޫރިޒަމް ފެށުމުގެ އަަށް އަހަރު ކުރިން ޓޫރިސްޓުން އައި. އައްޑޫއަށް 1965 ގައި ޔޫކޭ އިން ޗާޓަރުތައް ގެސްޓުންނާއެކު އައިސްފައި އެބަހުރި އެހެންވީމަ މިކަން ނުވާވީ ސަބަބެއް ހަމަ ނުވިސްނޭ،" ވަލީދު ވިދާޅުވި އެވެ.

އެ ސިޓީގައި ހަދައި ނަމަވެސް ވަގުތީ ގޮތުން ބަންދުވެފައި ހުރި ޓޫރިޒަމް އެސްޓަބިލްޝްމަންޓްތައް ނުހުޅުވި، ޓްރާންސްޕޯޓް ވިއުގައިން ގުޅާ ނުލެވި ވަނިކޮށް އައްޑޫ ހަންކެޑެގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ފައްކާ ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެ ރަށަކީ ކުރިން ސިޓީ ހޮޓަލެއް އަޅަން ދޫކޮށް ގާނޫނީ ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓުނު ރަށެކެވެ. ނަމަވެސް ރަަށް އެކަމުން މިންޖުވެ މިހާރު ވަނީ އަލުން އާ ބާބެއް ފަށާފަ އެވެ. އެކަމަކު މި ކަމަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމުގެ އިހުލާސްތެރި ހިތަކާއެކު ސަރުކާރުން ކުރާ ކަމެއް ކަމާމެދު ސަރަހައްދުން އަންނަ ސުވާލުތައް މަދެއް ނޫނެވެ. ސަބަބަކީ އަންނަ އަހަރާއެކު 2023 ވޯޓުގެ ފޯރި ފެށިގެންދާއިރު ކުއްލި ގޮތަކަށް އެރަށް ރިއަލް އެސްޓޭޓް ޓޫރިޒަމް ލިސްޓުގައި ހިމެނީ ހަމައެކަނި "އަނދުނެއް" އަޅުވަން ކަމަށް ބުނުމުގެ ފުރުސަތު ބޮޑު ޕަސެންޓަކުން އޮތުމެވެ.

އަނދުނެއް އެޅުވިއަސް ނޫނީ ލޮލުގައި ކޫރެއް އެޅުވިއަސް މިކަމުން ސަރުކާރަށް ލިބޭނެ މަންފާ ބޮޑެވެ. ފަހަރުގައި މި ރަށް އިންޑިއާ މީހުން ނޫނީ އެހެން ބަޔަކު ނަމަވެސް ނަގާފާނެ އެވެ. ނަގައިފިނަމަ ފައިސާ ކޮޅެއް ލިބޭނެ އެވެ. އެކަމަކު ސުވާލަކީ ހަންކެޑެ ހެދޭނެ ހެއްޔެވެ؟ އައްޑޫ ޓޫރިޒަމް ގެންދަން މަަސައްކަތްކޮށްކޮށް ހަންކެނޑުނުއިރު ވެސް ނުވެ އޮތް ކަމެއް ވެދާނެ ހެއްޔެވެ؟