ޓޫރިޒަމް

އައްޑޫގެ ފަތުރުވެރިކަން ވާނުވާގައި!

Nov 14, 2021
3

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުން ވެގެން ދިޔައީ މިއިން ޒަމާނަކު ވެސް ރާއްޖެއަށް ކުރިމަތި ނުވާފަދަ ބޮޑު ގޮންޖެހުމަކަ ށެވެ. ފަތުރުވެރިކަމަށް މުޅިންހެން ބަރޯސާ ވެފައި އޮތް ރާއްޖެއަށް ކުރިމަތިލާން ޖެހުނީ ހީވެސް ނުކުރާ ފަދަ ތަދު ދުވަސްތަކަކާ އެވެ. ނަަމަވެސް ނަސީބު ރަނގަޅުކަމުން މި ދުވަސްތައް މާ ގިނަ ދުވަހު ބަރުދާސްތުކުރަން ނުޖެހި ހަތަރު މަހެއްހާ ދުވަސް ފަހުން ބޯޑަރު ހުޅުވާލި އެވެ. އެއާއެކު މާޔޫސްވެފައި ތިބި އެތައް ދިވެހީންނަށް އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ.

ބޯޑަރު ހުޅުވިތާ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު ކޮވިޑްގެ ކުރިން ފަތުރުވެރިކަން އޮތް ވަރާ ގާތަށް ފަތުރުވެރިން މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. އެހެން ނަމަވެސް އަދިވެސް ފަތުރުވެރިކަމުގެ ފޮނި މޭވާއިން މަހުރޫމުވެފައި އެތައް ބަޔަކު ރާއްޖޭގައި އެބަތިއްވެވެ.

މިދައްކަނީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީގެ ވާހަކަ އެެވެ. އައްޑޫ ސިޓީގައި އެންމެ ތިން ރިސޯޓު އޮންނަ އިރު ކޮވިޑާ ގުޅިގެން ރިސޯޓުތައް ބަންދުކުރި ގޮތަށް މިހާރު އޮޕަރޭޓްކުރަނީ އިސްމެހެލާ ހެރައިގައި ތަރައްގީކޮށްފައިވާ ސައުތު ޕާމް ބީޗު ރިސޯޓު އެކަންޏެވެ.

ކޮވިޑާ ގުޅިގެން ބަންދުކުރި ކެނެރީފް ރިސޯޓު އަންނަ ޑިސެމްބަރު މަހު ހުޅުވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނި ނަމަވެސް އެ މުއްދަތުގައި އެތަން ހުޅުވޭނެކަމާ މެދު މިހާރު ޝައްކު އުފެދެ އެވެ. އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބްވެސް އެކަމާމެދު ސުވާލު އުފައްދަ އެވެ.

"ރިސޯޓު ޑިސެމްބަރު މަހު ހުޅުވޭނެކަމަށް ކުރިން ބުންޏަށް ރިސޯޓު ހުޅުވޭނެކަމުގެ ޔަގީންކަމެއް ޓުއަރިޒަމް މިނިސްޓްރީން ދެއްވާފައެއް ނުވޭ" އިލިޔާސް އަވަސް އަށް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ބަންދުކުރި އައްޑޫގެ އަނެއް ރިސޯޓަކީ ވިލިނގިލި ޝަންގްރިއްލާ ރިސޯޓެވެ. ސަރުކާރުގެ 30 ޕަސެންޓު ހިއްސާވާގެން ހިންގާ އެ ރިސޯޓު ހުޅުވޭނެކަމުގެ އެއްވެސް އަލިމަގެއް އަދި ނުފެނެ އެވެ. އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ވެސް ނުލިބެ އެވެ.

ހެތެރެރެއާ ޝަންގްރިއްލާ ނުހުޅުވި ގިނަ ދުވަސްވަމުންދާ އިރު އެ ދެ ރިސޯޓު ވީރާނާވުމުގެ ބިރު ވެސް މިހާރު ވަނީ ބޮޑުވެފަ އެވެ.

އެ މަންޒަރު އެންމެ ގާތުން ދުށް އެއް ބޭފުޅަކީ ރާއްޖޭގެ ޓުއަރިސްޓު އޮޕަރޭޓަރެއް ކަމަށްވާ އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގެވެ. އޭނާ މީގެ ދެ މަހެއްހާ ދުވަސް ކުރިން އެ ރަށަށް ކުރެއްވި ދަތުރުން ޝަންގްރިއްލާގެ ހާލަތު ވަރަށް ބޮޑަށް ސާފުވި އެވެ.

"ޝަންގްރިއްލާ ބަންދުކުރި ފަހުން އެތަން ބެލެހެއްޓިފައެއް ނެތް. ކޮޓަރިތަކުގެ ފުރާޅުން ފެން ފައިބައިގެން ފަރުނީޗަރުތަކާއި އަގު ބޮޑެތި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި" ފިރާގު އަވަސްއަށް ވިދާޅުވި އެވެ.

ފިރާގު ދެކެވަޑައިގަންނަވާ ގޮތުގައި ޝަންގްރިއްލާ އެންމެ އަވަހަށް ވެސް ހުޅުވޭނީ އަށް މަހެއްހާ ދުވަހުގެ ބޮޑު މަރާމާތަކަށް ފަހު އެވެ. އެކަަމަށް 15 ވަަރަކަށް މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އޭނާ އަންދާޒާ ކުރައްވަ އެވެ.

ޝަންގްރިއްލާއެކޭ އެއްގޮތަށް ކެނެރީފް ވެސް މަޑުމަޑުން ވީރާނާވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު އަވަސްއަށް ވިދާޅުވީ ކެނެރީފްވެސް ހުޅުވޭނީ ވަރަށް ބޮޑު މަރާމާތަކަށް ފަހު ކަމަށެވެ.

"ކެނެރީފްއަކީ އޭގެ ޒާތުގައި ދެ ކިލޯ މީޓަރުގެ ރިސޯޓެއް. އެހެންކަމުން އެއްވެސް ކަހަލަ އަޅާލުމެއް ނެތި އެހާ ގިނަ ދުވަހު ބަންދުކޮށްފައި އޮތީމަ އަނެއްކާ އަލުން ހުޅުވަން ޖެހޭއިރު އެތައް ހަރަދެއް ކުރަން ޖެހޭ. ހުރިހާ ރޫމްތައް މެއިންޓެނެންސްކުރަން އެބަ ޖެހޭ. އިންޖީނުގެވެސް އެހާ ބޮޑުވާނެ. އިންޖީނުތައް ނުހިންގާ ހުރުމުގެ ސަބަބުން އިންޖީނުތައް ވެސް ހުރީ ގާގްގަނޑަކަށް ހުއްޓިފައި. ދެން އިތުރަށް އެތައް މިލިއަން ޑޮލަރު ހޭދަކޮށް ރިނޮވޭޓްކޮށްގެން ނޫން ގޮތަކަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ނުބެލެވޭ" ޝާހިދު ވިދާޅުވި އެވެ.

އައްޑޫ ދެ ރިސޯޓު ހުޅުވޭނެކަމުގެ އެއްވެސް އަލިމަގެއް ނުފެންނަ އިރު އެކަމަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާތައް ވެސް ވަނީ ފުނިޖެހިފަ އެވެ. ހުދު ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުގެ 30 ޕަސެންޓު ހިއްސާވެގެން ހިންގާ ރިސޯޓެކެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ދެކެވަޑައި ގަންނަވާ ގޮތުގައި ސަރުކާރުގެ 30 ޕަސެންޓު ހިއްސާއާއެކު ވެސް ނުވަތަ އެ ނޫން ގޮތެއް ހޯދައިގެން ވެސް އެ ރިސޯޓު ހިންގޭނެ ގޮތެއް ހޯދަން ޖެހެ އެވެ.

"ހެރަތެރެ(ކެނެރީޕް) ހިންގެން ޖެހޭ. އަޅުގަނޑުމެންނަކަށް ނެތް ނެގޯޝިއޭޓް ކޮށްކޮށް ތިބެވޭކަށް. އެއް އަހަރަށް ވުރެ ގިނަ ވެއްޖެ ނެގޯޝިއޭޓް ކޮށްކޮށް، އަޅުގަނޑުމެން ބަލަބަލައި ތިބޭތާ. ހެރެތެރެއާ ޝަންގްރިއްލާ އަކީ ގާތްގަނޑަކަށް 1000 މީހުންގެ ވަޒީފާ. އައްޑޫއާ ހާއްސަކޮށް އެ ސަރަހައްދުގެ މީހުން ވަޒީފާ ބޭނުންވޭ. ވަޒީފާގައި އެތައް ބަޔަކު މަހުރޫމުވެގެން ތިބީ ކޮވިޑާއެކީ" އިލްޔާސް ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު ޝާހިދުގެ ވާހަކަ ވެސް ހުރީ ހަމަ އެ މޭރުމުން ނެެވެ. ސަރުކާރުގެ އެއްބާރުލުން ލިބޭނަމަ މިހާރު ވެސް އެ ރިސޯޓު އޮަޕަރޭޝަނަށް ގެނެވިދާނެ އެވެ. ނަމަވެސް އައްޑޫ ސިޓީއާ މެދު ސަރުކާރުން އަމަލުކުރީ ވަރަށް އިހާނާތްތެރިކޮށް ކަމަށާއި އަދި ދެ ރިސޯޓުގެ 1200 މީހުންގެ ވަޒީފާ ގެއްލި މަގުމަތިވީ ސަރުކާރުން އަޅާނުލުމުގެ ސަބަބުން ކަމަށް އޭނާ ދެކެވަަޑައިގަންނަވަ އެވެ.

" ކެނެރީޕްއަކީ ވަރަށް ބޮޑު ރަށެއް. ކުލި މި ނެގެނީ ބޮޑު މިނަަށް ބަލައިފައި. އެހެންކަމުން ވަަރަށް ބޮޑު ކުއްޔެއްގައި އެ ރިސޯޓް އޮޕަރޭޓްކުރަމުން ދިޔައީ. އެހެންވެ އެ ރިސޯޓުގެ ވެރިންގެ ކަންބޮޑުވުން ސަރުކާރާ ހިއްސާކުރާތާ އެތައް ދުވަހެއް ވެއްޖެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ލުއިތަކެއް ނުދީ ދިޔައީ. ދެން ކޮވިޑާ ގުޅިގެން ސަރުކާރުން ވަަރަށް ބޮޑު ލުއިތަކެއް ގިނަ ރިސޯޓުތަކަށް ދިނުމުގެ ސަބަބުން ކުރީގެ ހާލަތަށް މި އާދަވުނީ. އެކަމު ބައްލަވާ ޝަންގްރިއްލާ އެއީ ސަރުކާރު ހިއްސާވާ ރިސޯޓެއް. އެކަމަކު އެއްވެސް ކަހަލަ ލުއިތަކެއް ދީފައި ނެތުމުގެ ސަބަބުން އެ ރިސޯޓު ބަންދުކުރަން ޖެހުނީ" ޝާހިދު ވިދާޅުވި އެވެ.

ކެނެރީޕްއާ ޝަންގްރިއްލާގެ ނުހުޅުވިގެން އުޅެނީ ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަަމަށް އައްޑޫގެ ބައެއް މެމްބަރުން ވިދާޅުވި ނަމަވެސް އައްޑޫގެ މޭޔަރު އަލީ ނިޒާރު އެކަން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ދެ ރިސޯޓު ހުޅުވަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.

"އެހެން ވިޔަސް އާންމު ބައެއްގެ ޕްރޮޕަޓީތަކެއް، ވިޔަފާރިތަކެއް ވީމަ އެތައް ހުޅުވައިގެންތާ ހުޅުވޭނީ" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ފަތުރުވެރިކަމުގެ ބޮޑުބައި މިހާރު އޮތީ ހުއްޓިފަ އެވެ. އެ ސިޓީއަކީ ކާން ބޯން މާގިނަ މަސައްކަތްތަކެއް ކުރަން އޮންނަ ތަނަކަށް ނުވާތީ އެތައް ބައެއްގެ ވަޒީފާ މިހާރު ވަނީ ގެއްލި އާމްދަނީ ދަތިވެފަ އެވެ. މިއަދު އެ އެންމެންގެ އެދުމަކީ ވެސް ރިސޯޓު ހުޅުވޭނެ ދުވަހެއް އަލުން ފެނިގެން ދިއުމެވެ. އެެހެންކަމުން މި މައްސަލަ ހައްލުކުރަން ސަރުކާރުން އިސް ނަގަން ޖެހެއެވެ.