ރިޕޯޓް

އައްޑޫއަށް ޕައުންޑު ވެއްދޭނީ އެއާޕޯޓު ހިންގިގެން

Jan 6, 2021
34

އައްޑޫގައި ތަރައްގީ ކުރުމާއި އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަކީ ސަރުކާރުގެ އަބަދުގެ ވެސް ވައުދެކެވެ. މިއީ ހަމަައެކަނި މި ސަރުކާރުގެ ވައުދެއް އެކަންޏެއް ވެސް ނޫނެވެ. ކޮންމެ ސަރުކާރެއްގެ ވެސް މައިގަނޑު އެއް ވައުދެވެ. އެކަމަކު މި ތަރައްގީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮތް ސިޓީ އަށް ގެނެސް ދެވޭ ގޮތެއް ނުވެ އެވެ. މީގެ ބަހަނާ އަކަށް ދައްކަނީ އައްޑޫގައި ޓޫރިޒަމް ފައްކާ ނުވުމެވެ.

އައްޑޫ އެއާޕޯޓަށް ދިރުން ނައުމެވެ. އައްޑޫ އެއާޕޯޓަށް ދިރުން ނުގެނެވެނީ ހެއްޔެވެ؟ ނޫނީ ނުގެންނަނީ ހެއްޔެވެ؟ އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާ ކުރަން ބޭނުން ނުވަނީ ހެއްޔެވެ؟ މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ހެއްޔެވެ؟ އައްޑޫ އެއާޕޯޓަށް މި ހާލަތުގައި ޝެޑިއުލް ނުފެށެނީ ކީއްވެގެން ހެއްޔެވެ؟ މައި އެއާޕޯޓް ވީއައިއޭގެ ލޯޑު ކުޑަ ކުރަން އެ ފަދަ ފްލައިޓް ތަކެއް ނުފެށޭނެ ހެއްޔެވެ؟

"އެކި ގޮތް ގޮތުން މަސައްކަތް ކުރެވިއްޖެ، އައްޑޫ އެއާޕޯޓު ހުޅުވައި ފްލައިޓް ގެންނަން. އެކަމަކު ސަރުކާރުން އެކަމެއް ނުކޮށްދިން. ހަގީގަތަކީ އެކަން ކުރަން ބޭނުން ނުވަނީ. ބޭނުންވާނަމަ މި ހާލަތުގައި އެކަން ކުރެވުނީސް ސަރުކާރަށް،" އައްޑޫ ސިޓީގެ ގިނަ ވިޔަފާރިވެރިން ގުޅިގެން އުފައްދާފައިވާ، އައްޑޫ ޑިވްލޮޕްމަންޓް ކޮމެޓީ (އޭޑީސީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ އެކަހެރި، އެކަމަކު އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީއަކީ ސްޓްރެޓެޖިކަލް ގޮތުން ރާއްޖެ އަށް މުހިންމު ސަރަހައްދެކެވެ. އަދި މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ ހިލާފަށް ޓޫރިޒަމް ތަރައްގީ ކުރިނަމަވެސް ތަފާތު ވިސްނުމެއްގައި މަސައްކަތް ކުރަންޖެހޭ ސަރަހައްދެކެވެ. ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ވިކޭ އެއް ތަނަކީ ރީތި ބީޗް ތަކެވެ. އެކަމަކު އައްޑޫއަކީ މި ރީތި ބީޗް މަދު ސިޓީއެކެވެ. ނަމަވެސް އައްޑޫ އަށް ހުރި އެޑްވާންޓޭޖްތައް ވެސް މަދެއް ނޫނެވެ. މިއީ ތާރީހީ ގޮތުންނާއި ތިމާވެށީގެ ގޮތުން މުއްސަނދި ސިޓީ އެކެވެ. ދުނިޔެއަށް ކިޔައިދެވޭނެ ލައްކަ ވާހަކަ އޮތް ސިޓީ އެކެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި އައްޑޫގައި މި ވަގުތަށް އޮތް އެންމެ ބޮޑު "ޖަވާހިރަކީ" ގަން އިންޓަނޭޝަނަލް އެއާޕޯޓް އެވެ. މައި އެއާޕޯޓަށް ލޯޑު ބޮޑުވެ ކޮށި އަރާފައިވާއިރު ގޭން އޮޕަރޭޝަނަށް ގެނެވޭނެ ގޮތެއް ވެއްޖެނަމަ މީގެ ފައިދާ އެ ސިޓީއަށް ކުރާނެ އެވެ. އެކަމަކު ގަން އެއާޕޯޓްއަކީ އިންޓަނޭޝަނަލް ތަނަކަށް ވިނަމަވެސް ހަމައެކަނި އޮތީ ނަމެއްގައި އިންޓަނޭޝަނަލް ވެފަ އެވެ. މި އެއާޕޯޓުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމާ ހަމައަށް ގެނެވިފައެއް ނުވެ އެވެ. ކޮންމެ ސަރުކާރަކުން ވެސް އައިސް ކުރާ ކަމަކީ އެއާޕޯޓުން ތަންކޮޅެއް ހެދުމެވެ. ތަރައްގީ ކުރުމެވެ. ހެދުމަށްފަހު ދޫކޮށްދަނީ އެވެ. ފަސް އަހަރު ވެގެންދާއިރު ވެސް މި ސިޓީއަށް ބޭނުންވާ ހަގީގީ ކަންތައް ނުފުދެ އެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުން ހަގީގީ، އިންޓަނޭޝަނަލް ދަތުރު ތަކަށް ހުޅުވުމެވެ. ދަމަކުން ބަޑިއެއް ޖަހާހެން ޗާޓަރެއް ޖެއްސުމުގެ ބަދަލުގައި ޝެޑިއުލް ފްލައިޓް ތަކަށް ހުޅުވޭނެ މަގު ތަނަވަސް ކުރުމެވެ.

އައްޑޫއަކީ ކޮވިޑް-19 އިގެ ބަލި އައުމާ ހަމަ އަށް ވެސް ސްރީލަންކަން އެއާލައިންސް އިން ޝެޑިއުލް ދަތުރުތަކެއް ކުރަމުން ދިޔަ ސިޓީ އެކެވެ. ނަމަވެސް ސްރީލަންކަން އެއާލައިންސް ވެސް މި ދަތުރު ކުރަމުން ގޮސްފައިވަނީ "ނޭވާ ނުލަ" އެވެ. ދަތުރު ފެށީއްސުރެން ފެށިގެން އާދޭސް ކުރަމުން ދިޔަ ގިނަ ކަންތައް އަހަރު ދެ އަހަރުވީއިރު ވެސް ސަރުކާރަށް ފުއްދައި ނުދެވުނެވެ. އޭރު އެދުނު ކަންތައްތަކުން ބައެއް ފުއްދައިދީ ނިމިފައިވަނީ އިހަކަށް ދުވަހު އެވެ. އެއީވެސް ދެވަނަ ޗޮއިސްއެއް ނެތިގެންނެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތަކެއް މި ވަގުތު ވެސް ފެށިދާނެ އެވެ. އެކަމަށް ބޭނުންވާ އެއް ބައި މިހާރު ވެސް އޮތީ ފުރިހަމަ ވެފަ އެވެ. މި ވަގުތަކީ ޓޫރިޒަމްގެ ނަފާ މުޅިރާއްޖެ އަށް ފުޅާ ކުރުމަށްޓަކައި އެކަން ކުރަން ޖެހޭ ވަގުތެވެ.

"އައްޑޫ އާއި ހުވަދޫ އާ ދެމެދު ފްލައިޓް ކަނެކްޓިވިޓީ ތަކެއް ހެދީމަ ނިމުނީ. އައްޑޫ އިން ހަ ގަޑިއިރުގެ ރާސްތާގަ އެބައޮތް ރާއްޖެ އަށް އެންމެ ގިނަ އިން ޓޫރިސްޓުން ގެނެވިދާނެ ގައުމުތައް. ކީއްވެގެން ބާ އެ ގައުމުތަކާ އައްޑޫ ގުޅާ ނުލެވެނީ؟،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.

އައްޑު އަތޮޅާ އެންމެ ގާތުގައި އޮތް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ ދެކުނު އެފްރިކާ އެވެ. މިއީ ޕޮޓެންޝަލް ހުރި ޑެސްޓިނޭޝަން އެކެވެ. މޫދު އަޑި ބަލަން ފީނުމުގެ ބޮޑު ކޮމިއުނިޓީއެއްވެސް އޮންނަ ގައުމެކެވެ. މީގެ ކުރިން އެފްރިކާ އާއި އައްޑުއާ ދެމެދު ޗާޓަރު ފްލައިޓް ތަކެއް ވެސް ބޭއްވި އެވެ.

ނަމަވެސް މިފަދަ ދަތުރު ތަކެއް ދާއިމީކޮށް ކުރި އަށް ނުގެންދެވި އޮތް ސަބަބަކީ އެ ސިޓީގައި ޓޫރިޒަމް ފުރިހަަމަށް ފައްކާ ނުވުމަކީ އަބަދުގެ ބަހަނާ އެވެ. ދެން އޮތީ އިނރޭސިވިލާތެވެ. ކޮންމެ އިނގިރޭސިއެއްގެ ކައިރީ އައްޑޫއޭ ބުނާއިރަށް އެނގޭނެ އެވެ. އެއީ އެމީހުން ޒަމާން ގަންޑެއް ވަންދެން ތިބި ތަނެވެ. އެ މީހުންގެ ތާރީހާވެސް ފާޑަކަށް ގުޅިފައިވާ ސިޓީ އެކެވެ. އެކަމަކު މިއަދާ ހަމައަށްވެސް މި އެޑްވާންޓޭޖުތައް އައްޑޫގެ ގޮނޑުދަށަށް ބީއްސާލެވިފައެއް ނުވެ އެވެ. މި ސީޓީގައި ޓޫރިސްޓުން ގެނެވޭ ފަދަ ރިސޯޓް ފެސިލިޓީގެ ގޮތުގައި ހަތަރު ތަނެއް މިހާރުވެސް އެބައޮތެވެ. އަދި ހުވަދު އަތޮޅާއި އެއްކޮށްލުން އެނދުގެ އަދަދު 4،000 އަށް ވުރެ މަތިވެ އެވެ. މި ވަރު މަދު ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އައްޑޫ ރައްޔިތުންގެ ޖީބަށް "ޕައުންޑް" ވަންނާނެ ކަމަށް ވިދާޅުވިއަވަސް ހަގީގަތަކީ ސަރުކާރުން އެ ޕައުންޑު އައްޑޫގެ ގޮނޑުދޮށާ ހަމައަށް ގެންނަން އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމެވެ. ހަގީގަތުގައި އައްޑޫ ރައްޔިތުންގެ ޖީބަށް "ޕައުންޑް" ވެއްދޭނެ ގޮތަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށިގެންނެވެ. އެކަން ކުރާނަމަ ހުވަދޫ އާއި އައްޑޫއާ ދެމެދު އެއާ ޓެކްސީ ވިއުގައެއް ބޭނުންވާނެ އެވެ. އެކަން ކުރަން މޯލްޑިވިއަންއާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. އެ ދަތުރުތައް ވީހާ އަވަހަކަށް ފަށަން ޖެހެ އެވެ.