ސްރީލަންކަން އެއާލައިންސް

ތިން އަހަރަށްފަހު ސްރީލަންކަން ޔޫރަޕާއި އައްޑޫ ގުޅާލައިފި

Dec 4, 2021

ތިން އަހަރުގެ މެދުކަނޑުމަކަށް ފަހު ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް އައްޑޫ ސިޓީ އަށް އަލުން ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާ / އައްޑޫ ސިޓީގެ ދަތުރުތައް މެދުކަނޑާލުމަށް ފަހު ފެށި ފުރަތަމަ ޝެޑިއުލް ފްލައިޓް ގަން އިންޓަނޭޝަނަލް އެއާޕޯޓް (ގީއައިއޭ) ގައި ޖެއްސީ މިއަދު މެންދުރު އެވެ.

މި ދަތުރުތައް ފެށުން ފާހަގަ ކުރަން ގަން އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި ބައެއް ވުޒާރާތަކުގެ ވެރިން ބައިވެވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތް އެ މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު ވިދާޅުވީ ސްރީލަންކަން އައްޑުއަށް ފެށުމަކީ އައްޑޫގެ އެނދުތައް އޮޕަރޭޝަނަށް ގެންނަން ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

"އެންމެ އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މި ބަލަނީ ހެރެތެރެ. މަސައްކަތް ކުރަނީ މިމަހު 24 ގައި ހުޅުވަން. އެތަން އިންސްޕެކްޝަން ނިމި މިހާރު ރިޕޯޓު ވެސް ވާނީ ހިއްސާކޮށްފަ. އެހެންވެ މި ދަތުރުތައް ފެށުމުން ބެޑް ފިލް ކުރަން އިތުރު ހިތް ވަރަކަށް ވާނެ،" ފަރުހާދު ވިދާޅުވި އެވެ.

ގުޅާލީ ގަމާއި މެދުއިރުމައްޗާއި ޔޫރަޕް

ސްރީލަންކަން އިން އައްޑުއަށް ފަށާފައި މިވަނީ ހަފުތާއަކު އެންމެ ފްލައިޓެކެވެ. މި ފްލައިޓް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހު އެވެ. މިއަދުގެ ފްލައިޓުން ގޮސްފައި ވަނީ 35 ޓޫރިސްޓުންނެވެ. އޭގެތެރޭގައި ޔޫރަޕުން ދިޔަ މީހުން ވެސް ހިމެނެ އެވެ.

މި އެއާލައިން ރާއްޖެ ގެންނަ އެޖެންޓް އޭސް އޭވިއޭޝަންގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ މިއީ ފެށުމެއްގެ ގޮތުގައި ބަލާ ކަމަށާ ޑިމާންޑަށް ބަލައި ފްލައިޓް އިތުރު ކުރާނެ ކަމަށެވެ.

"މި ފްލައިޓް މި ގުޅާލަނީ ޔޫއޭއީ އާއި ޔޫރަޕު މާކެޓު. އެހެންވެ ޑިމާންޑަށް ބެލުމަށް ފަހު ފްލައިޓް އިތުރުވާނީ،" ފިރާގު ވިދާޅުވި އެވެ.

ހުވަދޫ ކަނެކްޓިވިޓީ އުންމީދުގައި

ސްރީލަންކަން އެއާލައިންސްގެ އައްޑޫ ދަތުރުތައް ފަށާފައިވަނީ ސަރުކާރާއެކު ގިނަ މަޝްވަރާ ތަކެއް ވެސް ކުރުމަށްފަހު އެވެ. މިގޮތުން ގަން އެއާޕޯޓުގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށް މި ފްލައިޓާ ދިމާކޮށް

މޯލްޑިވިއަންގެ ފްލައިޓް ތަކުން ޑޮމެސްޓިކް ކަނެކްޓިވީ ދިނުމަށް ވެސް ކުރިން ސްރީލަންކަން އިން އެދިފައިވެ އެވެ. ގަން- ހުވަދޫ ކަނެކްޓިވީ ނެތުމުގެ ސަބަބުން އެކަށީގެންވާ ބެޑް ނުލިބުމުގެ މައްސަލަ މީގެ ކުރިން ވެސް ނުކުމެފައިވެ އެވެ.

އެނގިފައިވާ ގޮތުން މޯލްޑިވިއަން އިން ފުވައްމުލަކާއި ހުވަދޫ އަދި އައްޑޫ ގަން ހުޅާލަން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިކަން ރަސްމީކޮށް އަދި ހަމަޖެހިފައެއް ނުވެ އެވެ.

ކުރިން ވާހަކަ ދެއްކެވި، ފިރާގު ވިދާޅުވީ ގަން- ހުވަދޫ ކަނެކްޓިވިޓީގެ މަސައްކަތުގައި މާބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ނުފެންނަ ކަމަށެވެ.

"އެކަމަކު [ސްރީލަންކަން] ފްލައިޓް މި ފެށީ ރިސޯޓުތަކާ ވާހަކަ ދައްކައިގެން، އެ މީހުންގެ ކަސްޓަމަރުން [ގެސްޓުން] އަމިއްލަ އަށް އެއާލައިނާ ވެސް ވާހަކަ ދައްކައިގެން ކަނެކްޓިވިޓީ ހޯދާނެ ކަމަށް ބަލައިގެން،" އޭނާ ވިދާޅުވި އެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަންގެ އޮފީހެއް އައްޑޫގައި ހުޅުވީ ނޮވެމްބަރު 1، 2016 ގައެވެ. ދަތުރުތައް ގަމަށް ފަށާފައިވަނީ ޑިސެމްބަރު 19، 2016 ގައެވެ.