ވިޔަފާރި

އެފްރިކާ އިން ފަށާ ދަތުރުތަކުން ގަން އެއާޕޯޓް ބޮޑު ކުރުމުގެ ފައިދާ ފެންނާނެ: އަފީފް

އެފްރިކާ އިން އައްޑޫ އަށް ފަށާ ސީދާ ދަތުރުތަކާއެކު، ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ ފައިދާ ފެންނަން ފަށާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފް (ޗަމްޕާ އަފީފް) ވިދާޅުވެއްޖެ އެވެ.

އައްޑޫ، ގަމަން ނޮވެމްބަރު މަހު، ސައުތު އެފްރިކަން އެއާވޭސްގެ ދަތުރުތައް ފަށަން ނިންމުމާއެކު ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފީފު ވިދާޅުވީ ޖޮހޮނަސްބާގުން މިހާރު ރާއްޖެ އަންނަ ގިނަ މީހުން އަންނަނީ ދެކުނު އެފްރިކާ އިން ފުރައިގެން ދުބާއީގައި ޖެއްސުމަށްފަހު ކަމަށެވެ. މިހާރު ރާއްޖެ އަންނަން 12 ގަޑިއިރު ނަގާ ކަމަށް އަފީފު ވިދާޅުވި އެވެ.

"މިއީ އަދި ވެއިޓިން ޓައިމް ނުލައި. އެހެންވެ މި ދަތުރުތަކުން ހަތް ގަޑިއިރުން އާދެވޭކަމަށްވާނަމަ މިހާރު އެފްރިކާއިން އަންނަ 9،000 ޓޫރިސްޓުންގެ އަދަދު 18،000 އަށް އިތުރު ވެދާނެ ކަމަށް އުންމީދު ކުރެވޭ،" އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން އައްޑޫ އެއާޕޯޓް ބޮޑު ކުރުމުގެ މަންފާ ފެނިގެންދާނެ ކަމަށެވެ.

"މިހާރު ސްރީލަންކަން އެއާލައިންސް ވެސް ދަތުރު ކުރޭ. އެއާލަންކާއިން ވެސް ޗައިނީސް މާކެޓު އާދެ. މިހާރު މި ފަށާ ދަތުރުތަކުން 300 މީހުން އާދެ. މިހާރު އައްޑޫގައި މިއޮތީ އީކުއޭޓާ ވިލެޖާއި ޝަންގްރިއްލާގެ އިތުރުން ހެރެތެރެ. މީގެ ދެ ފްލައިޓް ލައިފިނަމަ އައްޑޫ އެއްކޮށް ފުރޭނެ. މިއީ ވަރަށް ބޮޑު ޗާންސެއް ގެސްޓްހައުސް ތަކަށް ވެސް،" އަފީފު ވިދާޅުވި އެވެ.

އެފްރިކާ އިން އަންނަ ފްލައިޓް ޖައްސާނީ 2016 ވަނަ އަހަރު ބޮޑު ބަދަލެއް ގެނެސް އިންޓަނޭޝަނަލް ފްލައިޓްތަކަށް ހުޅުވާލި، ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) އަށެވެ. ޖީއައިއޭ ތަރައްގީކޮށްފައިވަނީ ދިވެހި ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ކާސާ ހޯލްޑިންގެ 30 ޕަސެންޓް ހިއްސާ އާއި ސަރުކާރުގެ 50 ޕަސެންޓް އަދި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 10 ޕަސެންޓް ހިއްސާއާ އެކުގަ އެވެ.

އޭރު ވިސްނުނީ ބަޖެޓް ބެޑްސް ހުރި ރިސޯޓެއް ނުހަދައި އެއާޕޯޓު ކާމިޔާބު ނުވާނެކަން. އޭގެފަހުން އެއާޕޯޓު ބޮޑު ކުރީ. ފަހަރަކު ކަމެއް މި ކުރެވެނީ. ސަރުކާރު ތަކުން ވަރަށް ސަޕޯޓު ދޭ
ޗަމްޕާ ހުސެއިން އަފީފު

ޗަމްޕާ އަފީފު ވިދާޅުވީ އައްޑޫ، ހެރެތެރެ ތަރައްގީ ކުރަން އުޅުނުއިރު ގަން އެއާޕޯޓް ބޮޑު ކުރުމަށް ވިސްނުން ގެންގުޅުނު ކަމަށެވެ.

"އޭރު ވިސްނުނީ ބަޖެޓް ބެޑްސް ހުރި ރިސޯޓެއް ނުހަދައި އެއާޕޯޓު ކާމިޔާބު ނުވާނެކަން. އޭގެފަހުން އެއާޕޯޓު ބޮޑު ކުރީ. ފަހަރަކު ކަމެއް މި ކުރެވެނީ. ސަރުކާރު ތަކުން ވަރަށް ސަޕޯޓު ދޭ. އަޅުގަނޑު ދަންނަވަން އުޅެނީ އަޅުގަނޑު ހިތުގައި އައްޑޫއަށް ގެންނަން ހިތަށް އަރުވައިގެން އުޅޭ މަސައްކަތް އެބަ ކުރެވެއޭ،" އަފީފު ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ރަންވޭ 3،400 މީޓަރު (ގާތްގަނޑަކަށް 11154 ފޫޓު) ދިގުކޮށް، 60 މީޓަރަށް (ގާތްގަނޑަކަށް 196.85 ފޫޓު) ފުޅާކޮށްފައިވެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރީގައި އެއާޕޯޓުގައި ހިދުމަށް ދެނީ ބޮއިން 757 އާއި އޭ-320 އަދި އޭ-327 ގެ މަތިންދާ ބޯޓު ފަހަރެވެ. ނަމަވެސް މި މަޝްހޫއާއެކު ވައިޑް ބޮޑީ ކޯޑްއީ ގެ ފްލައިޓްތައް ޖެއްސޭނެ އެވެ. މިގޮތުން 777 ގެ ބޯޓު ފަހަރާއި އޭ-380 ގެ ބޯޓު ފަހަރު ވެސް ޖެއްސެ އެވެ.