ވިޔަފާރި

ސައުތު އެފްރިކަން އެއާވޭސް އިން ސީދާ ދަތުރުތައް ނޮވެމްބަރު މަހު އައްޑު އަށް

ސައުތު އެފްރިކަން އެއާވޭސް އިން، ދެކުނު އެފްރިކާގެ ޖޮހަނަސްބާގުން ނޮވެމްބަރު މަހު ސީދާ ދަތުރުތައް އައްޑު އަށް ފަށަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސައުތު އެފްރިކާ އިން ސީދާ ދަތުރުތައް ފެށުމަކީ އައްޑު އަތޮޅުގެ ޓޫރިޒަމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

"އެފްރިކާ އިން މި ދަތުރު ފެށުމަކީ އައްޑޫގެ ވިޔަފާރި އާއި ޓޫރިޒަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް. މީގެ ސަބަބުން އައްޑޫގައި އިތުރު އެނދު ތަކެއް އުފެއްދުމަށް ވެސް ބާރަކަށް ވެގެންދާނެ. އެއާ ސާވިސަސް އެގްރީމެންޓްތައް ވެސް މިހާރު ވަނީ ކުރެވިފައި. ކުރިން ވަރަށް މަތި ނަމަވެސް ދަށްވެފައި މިހާރުވަނީ. ނަމަވެސް މި ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ރަނގަޅުވެފައި. އެހެންވެ މި މާކެޓުގެ އެންމެ ރަނގަޅު ބެނިފިޓްތަކެއް ލިބިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

ސައުތު އެފްރިކަން އެއާވޭސް އިން އައްޑޫއަށް ސީދާ ދަތުރުތައް ފަށަނީ، ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މި ދަތުރުގައި ބޭނުންކުރަނީ އެއާބަސް 340 ގެ ފްލައިޓް އެވެ. މި ދަތުރުތައް ފެށުމާއެކު ހަފުތާއަކު 300 ޓޫރިސްޓުން އައްޑު އަށް ގެންވޭނެ އެވެ. މި ދަތުރުތައް ރާއްޖެއަށް ކުރަނީ ދެކުނު އެފްރިކާގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އެއާ ޓުއާ އޮޕަރޭޓަރު (އޭޓީއޯ) އާ ގުޅިގެންނެވެ.

އެފްރިކާ އިން މި ދަތުރު ފެށުމަކީ އައްޑޫގެ ވިޔަފާރި އާއި ޓޫރިޒަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް. މީގެ ސަބަބުން އައްޑޫގައި އިތުރު އެނދު ތަކެއް އުފެއްދުމަށް ވެސް ބާރަކަށް ވެގެންދާނެ. އެއާ ސާވިސަސް އެގްރީމެންޓްތައް ވެސް މިހާރު ވަނީ ކުރެވިފައި
މޫސާ ޒަމީރު | ޓޫރިޒަމް މިނިސްޓަރު

އޭޓީއޯގެ މެނޭޖިން ޑިރެކްޓަރު ކީތް އެޗް.އެފް ގޯ ވިދާޅުވީ ޖޮހަނަސްބާގުން ސީދާ ދަތުރުތައް ފެށުމަކީ އެފްރިކާ ބައްރުން އަންނަ ޓޫރިސްޓުން އިތުރު ކުރަން ލިބިގެންދާނެ އިތުރު ފުރުސަތެއް ކަމަށެވެ.

"މީގެ ސަބަބުން ހަމައެކަނި ޓޫރިސްޓުން އުފުލަން އެކަންޏެއްނޫން ފުރުސަތު ހުޅުވޭނީ. އެފްރިކާއަކީ އަކީ ދަނޑުވެރިކަމުގެ ސާމާނު އުފައްދާ ގައުމެއް. މި އެއާލައިނުން 20 ޓަނުގެ ކާގޯ ގެނެވޭނެ. އެހެންވެ އައްޑޫގެ ވިޔަފާރިތަކަށް ވެސް މިއީ ހުޅުވިގެންދާނެ ރަނުގެ ފުރުސަތެއް،" ކީތް ވިދާޅުވި އެވެ.

އެފްރިކާ އިން އަންނަ ފްލައިޓް ޖައްސާނީ 2016 ވަނަ އަހަރު ބޮޑު ބަދަލެއް ގެނެސް އިންޓަނޭޝަނަލް ފްލައިޓްތަކަށް ހުޅުވާލި، ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) އަށެވެ. ޖީއައިއޭ ތަރައްގީކޮށްފައިވަނީ ދިވެހި ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ކާސާ ހޯލްޑިންގެ 30 ޕަސެންޓް ހިއްސާ އާއި ސަރުކާރުގެ 50 ޕަސެންޓް އަދި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 10 ޕަސެންޓް ހިއްސާއާ އެކުގަ އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވީ ދެކުނު އެފްރިކާއިން ރާއްޖެއަށް މިހާރު ކުރާ ދަތުރަށް ހަމައެކަނި ފްލައިޓް ޓައިމްގެ ގޮތުގައި 12 ގަޑިއިރު ކަމަށެވެ. ނަމަވެސް ގަމަށް ފަށާ ސީދާ ދަތުރުތަކާއެކު މި ވަގުތު ހަތް ގަޑިއިރަށް ކުރުވެގެންދާނެކަން އަފީފު ފާހަގަ ކުރެއްވި އެވެ.

"ދަތުރު ފެށުމުން އަޅުގަނޑު އުންމީދު ކުރަނީ އެފްރިކާ އިން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރު ވެގެންދާނެ ކަމަށް. މިހާރު އައްޑޫގައި 800 އެނދު އެބަހުރި. އެހެންވެ މިވަގުތު އެންމެ ފްލައިޓަކުން ފެށިނަމަވެސް އުންމީދަކީ އިތުރު އެނދުތަކެއް އިތުރުވެގެން ދިއުން،" އަފީފު ވިދާޅުވި އެވެ.

ގޭމް އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑު އަށް ދެ އިންޓަނޭޝަނަލް އެއާލައިނެއް ފެށުމަކީ ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ގަން އިންޓަނޭޝަނަލް އެއާޕޯޓު ފުޅާ ކުރުމަށް 600 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ވަނީ ކުރެވިފައި. އެހެންވީމަ އެއާޕޯޓު އޮތީ ތައްޔާރަށް. މިހާރު އެންމެ ބޮޑެތި އެއާލައިންތައްވެސް ޖެއްސޭނެއް. އުންމީދަކީ ތިން އަހަރު ތެރޭގައި އިތުރު އެއާލައިންތަކެއް ވެސް ގެނައުން. ގެނެސް އައްޑޫގެ ބެޑް ކެޕޭސިޓީ އިތުރު ކުރުން،" ލަތީފު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ދެކުނު އެފްރިކާ އިން 3,098 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 2،975 މީހުންނާ އަޅާބަލާއިރު 4.1 ޕަސެންޓް އިތުރު ވުމެކެވެ.