ވިޔަފާރި

ފުވައްމުލަކުގައި 500 ކޮޓަރިއާއެކު ޓޫރިޒަމް ތަރައްގީ ކުރަނީ

ޏ. ފުވައްމުލަކުގައި 500 ކޮޓަރިއާއެކު ކޮންފަރެންސް ފެސިލިޓީއެއް ހަދަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ފުވައްމުލަކުގައި 1000 އެނދު ގާއިމްކުރާއިރު 25 ކޮޓަރީގެ ކޮޓަރިތަކެއް އެ ރަށުގައި ހަދާނެ ކަމަށެވެ.

"މީގެ ޕައިލޮޓް ޕްރޮޖެކްޓެއް އެބަ ހިންގަން ކާށިދޫގައި. އެފަދަ މޮޑެލްއަކަށް މި ގާއިމް ކުރަނީ. މުވައްމުލަކުގައި މިހާރު އެބައޮތް އެވަރަށް ޑިމާންޑް. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ވެގެން ދާއިރު އެބައޮތް ފުރުސަތު ގއ. ގދ. ގެ އިތުރުން ފުވައްމުލަކަށް ވެސް،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްހޫރު ފެށުމުން ވަޒީފާ ތަކެއް ވެސް އުފެދިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން ބަނދަރު ބޮޑު ކުރުމާއި ސުވިމިން އޭރިއާގެ އިތުރުން ގިނަ ވަސީލަތްތަކެއްވެސް ގާއިމްކުރާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"މި މަސައްކަތް ފަށާތާ ފަސް މަސް ތެރޭގައި ނިންމާލެވޭނެ. މިއާއެކު މަސައްކަތް ފެށުމުން އިމާރާތް ކުރުމުގެ ދާއިރާގެ ތެރެއިން ވެސް ވަޒީފާތަކެއް އުފެދިގެންދާނެ. ކުރިން މި ހަދާ ގޮތަކީ ބޮޑު އިންވެސްޓަރެއް ގޮސް ގިނަ ވަސީލަތްތައް މި ހަދަނީ. ނަމަވެސް ރައީސް ނިންމަވާފައި ވަނީ އިންޓަގްރޭޑެޓް ޓޫރިޒަމް ތަރައްގީ ކުރަން. މީގެ ސަބަބުން ބައިވަރު ޕްލޮޓްތަކެއްގައި ތަރައްގީ ކުރެވިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

ސަރުކާރުން ދަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ހަވާލުކޮށްގެން ކާށިދޫގައިވެސް 250 އެނދު ހިމެނޭ 25 ރޫމްގެ 10 ގެސްޓް ހައުސްގެ މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ.