މި އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ފުލް ރިކަވަރީ އަކަށްދާނެ ކަމަށް ބެލެވޭ ކަމަށް ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ރަން ޔޫބިލް އަހަރުގެ ލޯގޯ ލޯންޗް ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފީފު ވިދާޅުވީ މިހާރު ދުނިޔެ އޮތް ގޮތުން ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ހަމައަކަށް އެޅޭނެ ކަމަށް ބެލެވެނީ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހު ކަމަށެވެ.
"މާޗް ހިސާބު ވެސް އަޅުގަނޑު ބުނި ގޮތަށް ގާތްގަނޑަކަށް ކުރިއަށް މިދަނީ. މިހާރު ވެކްސިން ޖަހަމުންދާތީ ބެލެވެނީ ނޮވެމްބަރު ނޫނީ ޑިސެމްބަރު މަހު ހިސާބު ފުލް ރިކަވަރީ އަކަށްދާނެ ކަމަށް،" އަފީފު ވިދާޅުވި އެވެ.
ޓޫރިޒަމް އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓީގެ ވައިސް ޗެއާގެ މަގާމު ވެސް ފުރުއްވާ އަފީފު ވިދާޅުވީ ޔޫރަޕު އަދިވެސް ނުހުޅުވޭ ކަމަށާ ނަމަވެސް ޔޫރަޕު މީހުން ތިބީ ދަތުރު ކުރަން ބޭނުންވެފައި ކަމަށެވެ.
"ޔޫރަޕުގެ އެންމެން ވެސް ތިބީ ބޭރަށް ދާހިތުން. ހުޅުވާލާއިރަށް ދަތުރު ކުރަން ފަށާނެ،" އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އެއްކޮށް ފުލް ރިކަވަރީއަކަށް ދާނީ ޔޫރަޕު ރަނގަޅުވުމުން ކަމަށެވެ.
"މިހާރު މި އަންނަނީ އީސްޓަން ޔޫރަޕުގެ ގައުމުތަކުން. މިއީ އަޅުގަނޑުމެންނަށް ލިބޭ ބޯނަހެއް،" އަފީފު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ އަފީފު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެގެންދާއިރު، ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ ނަމްބަރު ވަންގައި އޮތް ނަމަވެސް އެއް ނަމްބަރުގައި ދެމެހެއްޓުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.
"އެންމެ އުނދަގޫ ކަމަކީ ނަމްބަރު ވަންގެ ގޮތުގައި ދެމިތިބުން. އެކަމަށް މަސައްކަތް ކުރަން ޖެހޭ. އެހެން ނޫނީ ފަހަތުން އައިސް ކޮންމެ ވެސް މީހަކު އަތުލާނެ،" އަފީފު ވިދާޅުވި އެވެ.