އެމްއެމްޕީއާރްސީ

މެޑިކަލް ޓޫރިޒަމް އިޝްތިހާރުކުރަން އެމްއެމްޕީއާރްސީ އާއި އޭޑީކޭ ހޮސްޕިޓަލް އެއްބަސްވުމަކަށް

އެމްއެމްޕީއާރުސީއާއި އޭޑީކޭ ހޮސްޕިޓަލާ ދެމެދު މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝިއުރީ އަދި އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އައްފާލް އެވެ.

އިބްރާހިމް ޝިއުރީ ވިދާޅުވީ ރާއްޖެއަކީ ކުރީއްސުރެ ލަގްޒަރީ ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. އެހެންވެ މި އެއްބަސްވުމުގެ ދަށުން މެޑިކަލް ޓޫރިޒަމް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ސިއްހީ ހިދުމަތުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ މި ޕާޓްނަޝިޕްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތް ފަތުރުވެރިންނަށް އެންގުމަށް މަގުފަހިކުރުން ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އަދި މުޅި ރާއްޖޭގެ އިގްތިސާދަށްވެސް މިއީ މުހިއްމު މުއްސަނދިކަމެއް ގެނުވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.