ޓޫރިޒަމް

ބަންގްލަދޭޝްއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ: ޝިއުރީ

ބަންގްލަދޭޝްއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

ޝިއުރީ ވިދާޅުވީ އާ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ކުރީގައި ބަންގްލަދޭޝްއިން އަހަރަކު އެވްރެޖްކޮށް 2،000 ނުވަތަ 3،000 ފަތުރުވެރިން ރާއްޖެއަށް އައި ނަމަވެސް މިދިޔަ އަހަރު އެ ގައުމުން 22،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް، ކާމިޔާބެއް،" އޭނާ ވިދާޅުވި އެވެ.

ޝިއުރީ ވިދާޅުވީ ބަންގްލަދޭޝް މާކެޓަށް އަމާޒުކޮށްގެން، ގެސްޓްހައުސް އެސޯސިއޭޝަނާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ރޯޑް ޝޯ އެއްވެސް ބާއްވާފައިވާ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ބަންގްލަދޭޝްއިން ރާއްޖެއަށް 20،840 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 29 ޕަސަންޓުގެ އިތުރުވުމެކެވެ. މިހާރު ބަންގްލަދޭޝް އަކީ ރާއްޖެއަށް 16 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

އިތުރު މާކެޓްތަކުގެ ތެރެއިން ޕޮލެންޑްވެސް މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރެއަށް ވަދެފަ އެވެ.

ކުރިއަށް އޮތް ތަނުގައި މާކެޓިން ހަރަކާތްތައް އިތުރުކޮށް ރާއްޖެ މާކެޓްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.