ވިޔަފާރި

ކާށިދޫގައި ގެސްޓްހައުސްގެ ބޮޑު މަޝްރޫއެއް ފަށަނީ

ދަނޑުވެރިކަމަށް މަޝްހޫރުވެފައިވާ ކ. ކާށިދޫގައި ގެސްޓްހައުސް ތަރައްގީ ކުރަން ބިޔަ މަޝްރޫއެއްގެ ބިންގާ މިއަދު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ. މިއީ އެ ރަށަށް ބޮޑު ބަދަލެއް ގެންނާނެ މަޝްރޫއެކެވެ. މީގެ ކުރިން ވެސް އެ ރަށުގައި މި ފަދަ މަޝްރޫއެއް ހިންގުމަށް އަމާޒު ކުރި ނަމަވެސް އެކަން ހަގީގަތަށް ވެފައެއް ނުވެ އެވެ.

ކުރި އަދި މެދުފަންތީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޑީސީ) އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބިންގާ އަޅައި ދެއްވުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

ނަމަވެސް، މި މަޝްރޫއުގެ އިތުރު ތަފުސީލެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެމްއައިޓީޑީސީން ކާށިދޫގައި ގެސްޓްހައުސް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފަށާއިރު، އެ ކުންފުނިން ދަނީ ލ. އަތޮޅުގައި ތަރައްގީ ކުރާ ގެސްޓް ހައުސް އައިލެންޑް "ބަރެސްދޫ" މަޝްރޫއުވެސް ކުރިއަށް ގެންދަމުންނެވެ. ބަރެސްދޫ ތަރައްގީ ކުރަނީ 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ ތިން ހޮޓާ ހުންނަ ގޮތަށެވެ. ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުރެ އެވެ. އަދި ގެސްޓްހައުސްތަކަކީ 25 ކޮޓަރި އާއި 50 ކޮޓަރީގެ ތަންތަނެވެ. މިގޮތުން މި ރަށުގައި ޖުމްލަ 3،000 އެނދު ހުންނާނެ އެވެ. ގާތްގަނޑަކަށް 5،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ.

ކާށިދޫގައި ޓޫރިޒަމް ފައްކާ ކުރަން ފަށާއިރު، އެ ރަށުގައި އަމިއްލަ ބައެއް ފަރާތްތަކުން މިހާރުވެސް ގެސްޓްހައުސް ކޮންމެވެސް ވަރަކަށް ހިންގަ އެވެ. އަދި އަމިއްލަ ކުންފުންޏަކުން އެރަށުގައި ސިޓީ ހޮޓަލެއް ހަދަން ކައުންސިލުން ބިން ދޫކޮށް، އެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.