- މަޝްރޫއުގެ އަގު އެއް މިލިއަން ޑޮލަރު
- މުޅި މަޝްރޫއު ހަ މަސް ދުވަހުން ނިމޭނެ
- މޫދު ކުޅިވަރުގެ ވަސީލަތް ވެސް ގާއިމްކުރާނެ
ކާށިދޫގައި 60 ކޮޓަރީގެ ގެސްޓްހައުސް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް މިއަދު ފަށައިފި އެވެ.
ކ. ކަށީދޫ ތުނޑީމަގު ކޮޅުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީސީ) އިން ތަރައްގީ ކުރާ 60 ކޮޓަރީގެ "ކާށިދޫ ޓޫރިސްޓް ވިލެޖް" މަޝްރޫއުގެ ބިންގާ އަޅުވައި ދެއްވުމަށްފަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކާށިދޫ ފަދަ ދުރު ރަށެއްގައި މި ފަދަ މަޝްރޫއެއް ހިންގުމަށް ގިނަ ގޮންޖެހުން ތަކެއް ހުރިނަމަވެސް ސަރުކާރުން އަމާޒަކީ މި މަޝްރޫއު ހަ މަސް ދުވަހުން ނިންމާލުން ކަމަށެވެ.
"މި ފަދަ މަޝްރޫއު ތަކަށް އިންވެސްޓް ކުރާ ފަރާތް ތަކުން މި ފަދަ ރަށްރަށުގައި ކުރިއަށް ނުގެދެވެނީ މީގެ މަންފާ އެ ކުންފުނިތަކަށް ނުލިބިދާނެ ކަމަށް ބަލާފަ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ކުރީގައި [ކާށިދޫ] ގައި ޓޫރިޒަމް ޕްރޮޖެކްޓެއް ފެށި. ނަމަވެސް ނުނިމި ފެއިލް ވެގެން ދިޔައީ. މިހާރު ވެސް 50 ކޮޓަރީގެ ސިޓީ ހޮޓަލެއްގެ މަސައްކަތް ކުރި އަށް އެބަދޭ. އެ ޕްރޮޖެކްޓު ވެސް އެންމެ އެކަށީގެންވާ ބާރު މިނުގައި ނުދޭ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި މި ފަދަ މަޝްރޫއުތައް "މަޑުދުވެލީގައި" ދިޔަ ނަމަވެސް ސަރުކާރުގެ ކުންފުނި އެމްއައިޓީޑީސީ އިން މި ފަށާ މަޝްރޫއު ހަލުވިކަމާއެކު ނިންމައިލުމަކީ މަގުސަދެއް ކަމަށެވެ.
"މެދުފަންތީގެ ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އުފެއްދި ކުންފުނި [އެމްއައިޓީޑީސީ] އިން ފެށީމަ އަޅުގަނޑު އުންމީދު ކުރަނީ ޕްރޮޖެކްޓް ފަށާއިރު ފީޒިބަލް ނުވިނަމަވެސް ކުރި އަށް ގެންދެވޭނެ. ފަށާއިރު ފީޒިބަލް ނުވިނަމަވެސް ފަށައިގެން ކުރި އަށް ދިއުމުން ފީޒިބަލް ވާނެ. އެހެންވެ މިހާ ޝައުގުވެރިކަމާއެކު ކުރިއަށް މި ދަނީ،" ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުން އުފެއްދި ކުންފުނި [އެމްއައިޓީޑީސީ] އިން މި މަޝްރޫއު ފެށީމަ އަޅުގަނޑު އުންމީދު ކުރަނީ ޕްރޮޖެކްޓް ފަށާއިރު ފީޒިބަލް ނުވިނަމަވެސް ކުރި އަށް ގެންދެވޭނެ. ފަށާއިރު ފީޒިބަލް ނުވިނަމަވެސް ފަށައިގެން ކުރި އަށް ދިއުމުން ފީޒިބަލް ވާނެޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
އެމްއައިޓީޑީސީން ކާށިދޫގައި މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން ގެސްޓްހައުސް އަޅާ ސަރަހައްދު ސާފުކޮށް މިހާރު ވަނީ މަސައްކަތް ފަށައިގަންނަން ތައްޔާރުވެފަ އެވެ. އަދި މި މަޝްރޫއު އެ ކުންފުނިން ދެ ފިޔަވައްސަކަށް ބަހާލާފައިވާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން މަލްޓިޕާޕަސް ބިލްޑިންގް އަކާއި މޫދު ކުޅިވަރު ކުޅެވޭނެ ވަސީލަތް ގާއިމްކުރާނެ އެވެ. އަދި މި މަޝްރޫއު އެއްކޮށް ނިމޭއިރު 250 ކޮޓަރި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ ކުންފުނިން "ކާށިދޫ ޓޫރިސްޓް ވިލެޖް" މަޝްރޫއު ޕްލޭންކޮށްފައިވަނީ ބޭރުން "ޕްރީފެބް" ވިލްޑިންގްތައް ގެނެސް ރާވާލާ ގޮތަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެމްއައިޓީޑީސީ އިން މި މަޝްރޫއު ކުރި އަށް ގެންދާނީ ޕްރޮޖެކްޓް ފަށައިގެން މަޝްރޫއު ފީޒިބަލް ވުމުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ގޮތަށް ކަމަށެވެ.
"މިއީ އާ މޮޑެލްއެއް. ރައީސް ޔާމިން އިންޓަގްރޭޑެޓް ޓޫރިޒަމް ތަރައްގީ ކުރައްވަން މި ގެންނެވި މޮޑެލްގެ ސަބަބުން ކޮންމެ ރަށެއްގައި ވެސް ފަށާފަ ފީޒިބަލްވީމަ ޕްރޮޖެކްޓް އަމިއްލަ ފަރާތްތަކާ ހަވާލު ކުރާނީ. އިރާދުކުރެއްވިއްޔާ މިގޮތަށް އެހެން ރަށްރަށުގައި ވެސް ޕްރޮޖެކްޓް ކުރި އަށް ގެންދާނީ،" ޒަމީރު ވިދާޅުވި އެވެ.
ކަށީދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިރު ވިދާޅުވީ މި މަޝްރޫއަށް އެއް މިލިއަން ޑޮލަރު ހޭދަވާއިރު މި ފައިސާ ހަމަޖައްސައި ދެނީ ސަރުކާރުން ކަމަށެވެ. އަދި މި އިމާރާތް ތަކަކީ "ޕްރީފެބް" ސާމާނުން އަޅާ ބިލްޑިންގް ތަކެއް ކަމަށެވެ.
"ބިންގާ އެޅިގެން މި ދިޔައީ. އިތުރު ފައުންޑޭޝަން މަސައްކަތް ކުރި އަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ފެށޭނެ. ފުރަތަމަ ފިޔަވަހީގައި ތިން ގެސްޓްހައުސް ހެދޭނެ. މި ތަނުގެ އިމާރާތްތައް ހަދަނީ ޕްރީފެބް މެޓީރިއަލް އިން. އެ މަސައްކަތް ކުރާނީ ބޭރުގެ ކުންފުންޏަކުން،" ޝާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަރައްގީ ކުރާ އިމާރާތްތައް އެއްލައްކަ ޑޮލަރު ވަރަށް ވިއްކާލެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
"މިހާރު އަގުތައް ހަދަމުން މިދަނީ. އަޅުގަނޑުމެން ޓާގެޓް ކޮށްފައި މިވަނީ ތިންލައްކަ ޑޮލަރު ވަރަށް ވިއްކާލެވޭނެ ކަމަށް. މަލްޓިޕާޕަސް ބިލްޑިންގްގައި ހުންނާނެ ޑައިވިން އާއި ގޭމް ސެންޓަރު ފަދަ ތަންތަން،" ޝާހިރު ވިދާޅުވި އެވެ.
ސަރުކާރުން މެދުފަންތީގެ ޓޫރިޒަމް ތަރައްގީ ކުރަން އުފައްދާފައިވާ އެމްއައިޓީޑީސީއިން މިހާރު އެންމެ ބޮޑަށް ކުރިއަށް ގެންދާ މަޝްރޫއަކީ ލ. އަތޮޅު ބަރެސްދޫ ގެސްޓްހައުސް އައިލެންޑް މަޝްރޫ އެވެ.