ތޮއްޑޫ

ތޮއްޑޫ ކައުންސިލުން މަގުތައް ބަލަހައްޓަން އަމިއްލަ ވެހިކަލް ހޯދައިފި

Jul 4, 2022

އއ. ތޮއްޑޫގެ މަގުތައް އަމިއްލަ އަށް ބަލަހައްޓަން ބޭނުންވާ އުޅަނދު ކައުންސިލުން ގަނެގެން ގެނެސްފި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މިހާރު އެ ރަަށަށް ގެނެސްފައިވާ ތަކެއްޗާއެކު ރަށުގެ މަގުތައް ރީތިކޮށް ބަލަހައްޓަން ކައުންސިލުން ކުރާ މަސައްކަތަށް ހަލުވިކަމެއް ލިބިގެންދާނެ އެވެ. އަދި މީގެ އިތުރުން ކައުންސިލަށް އާމްދަނީ ވަންނަ ދޮރެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.

"މި ތަކެއްޗަކީ މައިގަނޑު ގޮތެއްގައި މަގުތައް ހަދަން ބޭނުން ކުރާ ތަކެތި. ނަމަވެސް މި ތަކެތި ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ. މި ތަކެތި ރަށުގެ އެކި މަސައްކަތްތަކަަށް ކުއްޔަށް ދިނުމުން އާމްދަނީ ލިބޭނެ. މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މި ބަލަނީ،" ކަރަމް ވިދާޅުވި އެވެ.

ކާޓިއުންސް އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގެނައި އުޅަނދުގެ ތެރޭގައި ހިމެނެނީ ފޯކްލިފްޓާއި ބިންގަނޑު ހަރުކުރާ އުޅަނދު އަދި ވެލިގަނޑު އެއްވަރު ކުރަން ބޭނުން ކުރާ އުޅަނދެކެވެ.

ކަރަމް ވިދާޅުވީ މި ތަކެތި ބޭނުން ކުރާނެ މުވައްޒަފުން ހޯދަން އަންނަ ހަފުތާގައި އިއުލާނު ކުރާނެ ކަމަށާ މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ތަކެތިން މަސައްކަތް ފެށުމަށް ކަމަށެވެ.

"މިހާރު ވެސް ރަށުގައި މި ތަކެތި ދުއްވަން އެނގޭ މީހުން ތިބި ކަމަށް ވަނީ. އެހެންވެ ބަލަނީ ވީހާވެސް އަވަހަށް މަސައްކަތް ފަށަން،" ކަރަމް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ތަރައްގީ ވަމުންދާ ތޮއްޑޫއަކީ ހަލުވިކަމާއެކު ކުރިއަރަމުންދާ ކޮންސްޓްރަކްޝަން މަސައްކަތް ގިނަ ރަށެކެވެ. އެހެންވެ ކައުންސިލުގެ މިހާރުގެ މަގުސަދަކީ އިތުރު އުޅަނދުތައް ހޯދައި މި މަސައްކަތް ހަލުވިކުރެވޭނެ މަގު ރައްޔިތުންނަށް ދެއްކުމެވެ.

ކަރަމް ވިދާޅުވީ މި ތަކެއްޗަަށް ލިބޭ ތަރުހީބަށް ބަލާފައި ބޮޑު ހައިމާކް އަކާއި ކްރޭން އަދި ސިމެންތި އަޅާ ޕަންޕް ފަދަ ހެވީ ވެހިކަލް ފަދަ ތަކެތި ގެނައުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

"މި ތަކެތި ބެލެހެއްޓުން ކުރިއަށް އޮތްތަނުގައި ދާނީ އަލަަށް ހަދާ ކުންފުނި ދަށަން. އޭރުން ކައުންސިލަށް މި ތަކެތި ރެންޓްކޮށްގެން އާމްދަނީ ހޯދޭނެ،" ކަރަމް ވިދާޅުވި އެވެ.

އއ. ތޮއްޑޫގައި މިހާރު ޖުމްލަ 53 ގެސްޓްހައުސް ހުރިއިރު 700 އަށްވުރެ ގިނަ ޓޫރިސްޓު އެނދު އެތަންތަނުގައި އެބަހުއްޓެވެ. އަދި މިހާރު އެ ރަށުގައި އިމާރާތްކުރަމުން އަންނަ 24 ގެސްޓްހައުސް ކުރިއަށް އޮތް އަށް މަސް ދުވަހު ތެރޭގައި ނިމޭނެ ކަމަށްވެސް ކައުންސިލުން ބުނެ އެވެ.