ތޮއްޑޫ

ތޮއްޑޫ މަގުތައް ބަލަހައްޓަން އުޅަނދު ހޯދަން ހަވާލުކޮށްފި

Dec 15, 2021

އއ. ތޮއްޑޫގެ މަގުތައް ބަލަހައްޓަން ބޭނުންވާ ވެހިކަލް ތަކެއް ހޯދަން ކައުންސިލުން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ކުރާ އެއް ރަށް ކަމަށްވާ އއ. ތޮއްޑޫ މަގުތައް ބަލަހައްޓަން ބޭނުންވާ ވެހިކަލްތަށް ހޯދަން ހަވާލުކޮށްފައިވަނީ ކާޓިއުންސް އިންޓަނޭޝަނަލްއާ އެވެ.

މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހްމަދު ކަރަމް އެވެ. ހޯދާ އުޅަނދުތަކުގެ ތެރޭގައި ފޯކްލިފްޓާއި ބިންގަނޑު ހަރުކުރާ އުޅަނދު އަދި ވެލިގަނޑު އެއްވަރު ކުރަން ބޭނުން ކުރާ އުޅަނދެއް ވެސް ހިމެނެ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ކަރަމް އަވަސް އަށް ވިދާޅުވީ ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާގެ މި އުޅަނދުތަށް ހޯދަން އިއުލާނުކުރީ ރަށުގެ މަގުތައް ބެލެހެއްޓުން ހަރުދަނާ ކުރަން ކަމަށެވެ.

"މިހާރު މި އުޅަނދުތައް ކައުންސިލުން ހޯދިނަމަވެސް ފަހުން މި އުޅަނދުތައް ބަދަލު ވެގެންދާނީ ކައުންސިލް އުފައްދާ ކުންފުންޏަށް. އޭރުން އެ ކުންފުނިން އެމަސައްކަތް ކުރާނީ،" ކަރަމް ވިދާޅުވި އެވެ.

ތޮއްޑޫ ކައުންސިލުން ދަނީ ތޮއްޑޫ އަކީ ދުނިޔޭގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރަން ފަށަން ތައްޔާރު ވަމުންނެވެ.

ތޮއްޑޫ މާކެޓްކޮށް އިޝްތިހާރު ކުރުމަށްޓަކައި ތޮއްޑޫ ކައުންސިލުން ރަށުގެ ކޯ ބްރޭންޑިންއެއް ވަނީ ލޯންޗުކޮށްފަ އެވެ.

އއ. ތޮއްޑޫގައި މިހާރު ޖުމްލަ 43 ގެސްޓްހައުސްގައި 279 ގެސްޓް ރޫމް އާއިއެކު 558 ޓޫރިސްޓް ބެޑް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރެވި ހިންގަމުން ދެއެވެ. އަދި މިހާރު އިމާރާތްކުރަމުން އަންނަ 24 ގެސްޓްހައުސް ކުރިއަށް އޮތް އަށް މަސް ދުވަހު ތެރޭގައި ނިމޭނެ ކަމަވެސް ކައުންސިލުން ބުނެ އެވެ. އޭރުން އިތުރު 250 ގެސްޓް ރޫމް އިތުރުވެގެންދާނެ އެވެ. މާލެ ސިޓީ ފިޔަވައި އެންމެ ގިނަ ގެސްޓްހައުސް މިވަގުތު ހިންގަމުން އަންނީ ވެސް ތޮއްޑޫގަ އެވެ.