ޓްރީޓޮޕް ރެސްޓޯރެންޓަކާއި މިއުޒިއަމެއް ހިމެނޭ ތޮއްޑޫ އިންޓަގްރޭޓެޑް ނޭޗާ ޕާކުގެ ފަރުމާކޮށް ބީއޯކިޔު ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ތޮއްޑޫ އިންޓަގްރޭޑެޓް ނޭޗާ ޕާކާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މި މަސައްކަތަކީ އެ ރަށުގެ ތާރީހު އަންނަން އޮތް ޖީލަށް ރައްކާކޮށް ރަށަށް މަންފާ ހޯދައިދޭން ފަށާ މުހިންމު މަޝްރޫއެއް ކަމަށެވެ.
"ނޭޗާ ޕާކުގައި ބޮޓޭނިކަލް ގާޑަންއެއް [ގަސްތަކުގެ ލޭބަލް ކުރެވިފައިވާ] ބައެއްގެ އިތުރުން ނާސަރީއެއް ވެސް ހިމެނޭ. މި ތަނުގައި ރަށުގައި ހެދޭ ހުރިހާ ގަހެއް ހުންނާނެ. މީގެ އިތުރުން މި ތަނުގައި ދާރުލްއާސާރެއް ހުންނާނެ. މި ދާރުލްއާސާރުގައި ރަށުގެ ދުވަސްވީ ހިސްޓީ ފެންނަން ހުންނާނެ،" ތޮއްޑޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަންނަ ކުރި ކެމްޕޭންގެ މެނިފެސްޓޯގައި ހިމެނުނު މަޝްރޫއާ ބެހޭ ގޮތުން ކަރަމް ވިދާޅުވި އެވެ.
"މި ތަނަން ހަދަނީ ވަރަށް ވައިޑްކޮށް. މި ސަރަހައްދުގައި އުޅޭ ދޫނިފަދަ ތަކެތި ދިރުންތަކަށް ވެސް ހިމާޔަތްކޮށް މިނިވަންކަމާއެކު އުޅެނޭ ގޮތަށް."
އޭނާ ވިދާޅުވީ ދާރުލްއާސާރަކީ އެ ރަށުގެ އިކޮނޮމީއަށް މުހިންމު ތަނަކަށްވުމުގެ އިތުރުން ކައުންސިލަށް އާމްދަނީ ވެސް ލިބޭނެ ތަނެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
"މި ރަށަށް އެންމެ ގިނައިން ޓޫރިސްޓުން މި އަންނަނީ ރަޝިއާ އިން. އެ ގައުމުގައި ވެސް ހުރޭ މިފަދަ ކުދިކުދި ދާރުލްއާސާރުތައް. ސްކޫލް ކުދިންނާއި އާއްމުން ވެސް ވަރަށް ގިނައިން އެ ތަންތަނަށް ދޭ. އެހެންވެ ބެލެވެނީ މި ރަށަށް އަންނަ ޓޫރިސްޓުގެ ޝައުގުވެރިކަން ވެސް ހުންނާނެ ކަމަށް. މި ޕާކު ހަދާ ސަރަހައްދުގައި އެބަހުރި ދާގަބާއެއް ވެސް. އެތަން ވެސް ޓޫރިސްޓުންނަށް ފެންނާނެ ގޮތަށް ހުންނާނީ،" ކަރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދާރުލްއާސާރުގެ މަސައްކަތްތަކަށް ހެރިޖޭޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އެހެނިހެން ވުޒާރާތަކުން ވެސް އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ މި ރަށުގެ ޑެސްޓިނޭޝަން މެނޭޖު ކުރުން. މިތަން ނިމޭއިރު މި ޕާކުން ތޮއްޑޫގެ ގިނަ މައުލޫމާތު ލިބެން ހުންނާނެ،" ކަރަމް ވިދާޅުވި އެވެ.
ތޮއްޑޫ އިންޓަގްރޭޓެޑް ނޭޗާ ޕާކުގެ ބީލަން ރަޖިސްޓްރީ ކުރުމުގެ މުއްދަތަކީ މިމަހުގެ 28 ވަނަ ދުވަހެވެ. އަދި ބީލަށް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިންނެވެ.
އއ. ތޮއްޑޫގައި މިހާރު ޖުމްލަ 43 ގެސްޓްހައުސްގައި 279 ގެސްޓް ރޫމް އާއިއެކު 558 ޓޫރިސްޓް ބެޑް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރެވި ހިންގަމުން ދެއެވެ. އަދި މިހާރު އިމާރާތްކުރަމުން އަންނަ 24 ގެސްޓްހައުސް ކުރިއަށް އޮތް އަށް މަސް ދުވަހު ތެރޭގައި ނިމޭނެ ކަމަވެސް ކައުންސިލުން ބުނެ އެވެ. އޭރުން އިތުރު 250 ގެސްޓް ރޫމް އިތުރުވެގެންދާނެ އެވެ. މާލެ ސިޓީ ފިޔަވައި އެންމެ ގިނަ ގެސްޓްހައުސް މިވަގުތު ހިންގަމުން އަންނީ ވެސް ތޮއްޑޫގަ އެވެ.