ރާއްޖޭގެ 55 ރަށެއްގައި 500 މީހުން ހަމަނުވާ ކަމަށާއި އެ ރައްރަށުގެ މީހުން ތަރައްގީ ބޭނުންވާނަމަ އެހެން ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި އެއްފަސްކުރުމުގެ ޕްރޮގްރާމެއް ހިންގަންޖެހޭ ކަމަށެވެ. އެހެންވެ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ އަމާޒަކީ އާބަން ސެންޓަރުތަކެއް ގާއިމުކުރުން ކަމުގައި ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ ރާއްޖެގައި މީހުން ދިރިއުޅޭ 186 ރަށުގެ ތެރެއިން 55 ރަށަކީ 500 މީހުންވެސް ހަމަނުވާ ކުދި އާބާދީތަކަކަށް ވުމުން އަސާސީގޮތުން ރައްޔިތުންނަށް ދޭންޖެހޭ އެތައް ހިދުމަތްތަކެއް އެރަށްތަކަށްވެސް ދޭންޖެހޭ ކަމަށެވެ. އެއީ ކުދި އާބާދީތަކަކަށް ވިޔަސް އެ ރަށްތަކަށް ބޮޑެތި ހޭދަތަކެއް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ރަށްތަކަށް ގެނެވޭނީ މަދު ރަށްތަކަކަށް އަމާޒުކޮށްގެން ތަރައްގީގެ މަޝްރޫއުތަކެއް ހިންގައިގެން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްގެން ކަމަށެވެ. އޭރުން އެކަމުގެ ފައިދާ މުޅި މުޖުތަމައަށް ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
"ރަނގަޅު ހިދުމަތެއް ދިނުމަށް އެ ރަށްރަށަށް މީހުން ގެނެސް އާބާދު ކުރަންޖެހޭނެ،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އުތުރުގައި ތަަރައްގީކުރަން ނިންމާފައިވާ ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނާއި ދެކުނުގައި ގާއިމުކުރާ ސަދަން އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގައި 55،000 މީހުންގެ އާބާދީއެއް އެބައޮތް ކަމަށެވެ. އެ ތަންތަން މާލެއާއި އެއް ފެންވަރުގެ ހިދުމަތްތައް ލިބޭ ގޮތަށް ތަރައްގީކުރަންޖެހޭ ކަމަށެވެ.
އާބަން ސެެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި ފާސްކޮށްފަ އެވެ. އަދި މިހާރު ވަނީ އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރާނެ ހަތް ސަރަހައްދު އިއުލާންކޮށްފަ އެވެ.