ވިޔަފާރި

އެމްއައިޓީސީއިން ކާށިދޫގައި އެއް މިލިއަން ޑޮލަރުން ހެދީ އޮނިގަނޑެއް އެކަނި

ގެސްޓްހައުސް ތަރައްގީ ކުރުމަށްޓަކައި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަސް 15 މިލިއަން ރުފިޔާ) އިން ކ. ކާށިދޫގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ހަދާފައިވަނީ ހަމައެކަނި އިމާރާތުގެ އޮނިގަނޑު އެކަނި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކ. ކަށީދޫ ތުނޑީމަގު ކޮޅުގައި އެމްއައިޓީޑީސީ އިން 60 ކޮޓަރީގެ ކާށިދޫ ޓޫރިސްޓް ވިލެޖް މަޝްރޫއުގެ ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. މި މަޝްރޫއުގެ ބިންގާ އަޅުވައި ދެއްވުމަށްފަހު އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކާށިދޫ ފަދަ ދުރު ރަށެއްގައި މި ފަދަ މަޝްރޫއެއް ހިންގުމަށް ގިނަ ގޮންޖެހުން ތަކެއް ހުރިނަމަވެސް ސަރުކާރުން އަމާޒަކީ މި މަޝްރޫއު ހަ މަސް ދުވަހުން ނިންމާލުން ކަމަށެވެ. މި މަޝްރޫއު އެއްކޮށް ނިމޭއިރު 250 ކޮޓަރި ހުންނާނެ ކަމަށް އެ ދުވަހު އެމްއައިޓީޑީސީއިން ބުނެފައިވެ އެވެ.

އެމްއައިޓީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރުގެ އެމްޑީ މުހައްމަދު ރާއިދު ވިދާޅުވީ ކާށިދޫ ހިންގާފައިވަނީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އެއްވެސް ފީޒިބިލީޓީ ސްޓަޑީއެއްވެސް ނުހިންގާ ކަމަށެވެ. އަދި އެ މަޝްރޫއަށް ސަރުކާރުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފައިވާ ކަމަށެވެ. ނަމަވެސް މި މަޝްރޫއުގެ ދަށުން ހަމައެކަނި ކާށިދޫގައި ހަދާފައިވަނީ އިމާރާތުގެ އޮނިގަނޑު އެކަނި ކަމަށެވެ.

"މި މަސައްކަތް ކޮށްފައިވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން. އެކަން ކޮށްފައިވަނީ ބިޑްކޮށްގެނެއް ނޫން. އެ ގައުމަށް ތިން ފަހަރަކު ދަތުރުކޮށް ކުންފުންޏެއް ހޯދައިގެން. އެ ކުންފުނީގެ މައުލޫމާތު ވެސް ރަނގަޅަށް ނެތް. އެ މަސައްކަތް އެ ކުންފުނިން ކޮށްދީފައިވަނީ ތިން ބުރީގެ އިމާރާތަށް ފަސް ލައްކަ ޑޮލަރަށް،" ރާއިދު ވިދާޅުވި އެވެ.

ނޫސް ކޮންފަރެންސުގައި އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާއިދު ވިދާޅުވީ ހަދާފައިވަނީ ޕްރީ-ފެބް އިމާރާތެއްގެ އޮނިގަނޑު ކަމަށާއި، އެ މަސައްކަތް އެއްކޮށް ހުރީ ނުނިމި ކަމަށެވެ.

"އެކަމުގައި ޗައިނާ ކުންފުންޏާ ސުވާލު ކުރުމުން ބުނަނީ އިތުރު ފައިސާ ފޮނުވީމައޭ ބާކީ ހުރި ބައި ނިންމޭނީ. އަދި ލާރި ފޮނުވާށޭ. އެހެންވެ އެމީހުންނާއެކު ކުރި އަށް ނުދާން މިހާރު ނިންމާފައިވާނީ،" ރާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަށް ޕަސެންޓުގެ އިންޓްރެސްޓުގައި ސަރުކާރުން ނަގާފައިވާ ލޯނުގެ ބުރަ އެ ކުންފުނީގެ ބޮލުގައި އެޅިފައިވާ ކަމަށެވެ.

"އެއް އަހަރުން ދައްކަން ލޯނު ދީފައިވަނީ. މިއީ ހަގީގަތުގައި ކުންފުންޏަށް އޮތް ވަރަށް ބޮޑު ބުރައެއް. މިއީ ހަމައެކަނި ފެންނަން ހުރި އިމާރާތަކީ،" ރާއިދު ވިދާޅުވި އެވެ.