ދުނިޔެ

ހަމާސްގެ ލީޑަރުން ބޭރުކުރުމަށް އެމެރިކާއިން ގަތަރަށް އަންގައިފި

ގަތަރުން ހިޔާވަހިކަން ހޯދައިގެން ތިބި ހަމާސްގެ ލީޑަރުންނާއި މަދަދުގާރުން އެ ގައުމުން ފޭބުމަށް ގަތަރު ސަރުކާރުން އަންގައިފި އެވެ.

މިއީ އެ މީހުން ބޭލުމަށް އެމެެރިކާއިން ގަތަރަށް ކުރާ ޕްރެޝަރާ ހެދި އެ ގައުމުން ނިންމި ނިންމުމެކެވެ.

ހަމާސްގެ ސިޔާސީ އޮފީސްތައް މިހާރު ހިންގަނީ ގަތަރު ގައެވެ. ގަތަރުގައި ތިބެވޭ ގޮތް ނުވެއްޖެނަމަ ހަމާސްގެ ހެޑްކުއާޓަރު ތުރުކީއަށް ބަދަލުކުރަން އޮތީ ވިސްނާފަ އެވެ.

އެމެރިކާގެ ނުފޫޒަށް ގަތަރުން ހަމާސް ބޭރުކުރަނީ ޣައްޒާގައި ހިފަހައްޓާފައި ތިބި ޔަހޫދީ އަސީރުން ދޫކުރަން ހަމާސްއިން ބޭނުން ނުވާތީ އެވެ.

ޣައްޒާޣައި އިޒުރޭލުން މިހާރު ހިންގަމުންދާ ޖަރީމާތައް ފެށިގެން އައީ ފާއިތުވި އަހަރު އޮކްޓޯބަރު ހަތެއްގައި، ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ކުއްލި ގޮތަކަށް ވަދެގަތުމާ އެކު އެވެ.

އިޒުރޭލުގެ ބާރުގަދަ ހަމަލާތަކުގައި މުޅި ޣައްޒާ ސުންނާފަތިކުރަމުންދާއިރު ހަމާސްގެ ލީޑަރުންވެސް ބައެއް ކަންކަމުގައި ދޫނުދެއްވަ އެވެ.

ޣައްޒާ ހަނގުރާމަ އަކީ އީރާންގެ މަދަކާ އެކު ހަމާސްއިން ކުރާ ސިޔާސީ ހަނގުރާމައެއް ކަަމަށް ބައެއް މުރާސިލުން ދެކެ އެވެ.

އީރާންގެ ޕްރޮކީސީތަކުން މެދުއިރުމަތީގައި ކުރާ އެއްވެސް ހަނގުރާމައެއްގައި ކާމިޔާބު ލިބިފައެއް ނުވެ އެވެ. މިއަދުގެ ހާލަތަށް ބެލި ނަމަވެސް ޣައްޒާއިން ބޮޑު ބައެއް މިހާރު އޮތީ ޔަހޫދީންގެ އަތްދަށުގަ އެވެ.

ޣައްޒާ ހަނގުރާމައަށްފަހު ވެސް ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތައް ދޫނުކުރާނެ ކަމަށް އިޒުރޭލުން އޮތީ އަންގާފަ އެވެ. އަދި ނުވީތާކަށް އެއިން ސަރަހައްދަކަށް ވަނުމަށް އިޒުރޭލުގެ ހުއްދަ ހޯދަން ޖެހޭ ހިސާބަށްވެސް އޮތީ ގޮސްފަ އެވެ.