ދުނިޔެ

ސެންސަރުކުރާ ވަރުން ތުރުކީގައި އިންސްޓާގްރާމް ބްލޮކްކޮށްފި

ތުރުކީގައި އިންސްޓާގްރާމް ބްލޮކްކޮށް ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.

އެ ގައުމުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީޒް އޮތޯރިޓީ (ޓީކޭއެމް) އިން ވަނީ މިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

ތުރުކީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީޒް އޮތޯރިޓީން ނެރުނު ބަޔާނުގައި އިންސްޓާގްރާމް ބަންދުކުރި ސަބަބެއް ނެތެވެ. ނަމަވެސް ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ވަނީ އެ ސަބަބު ސާފުކޮށްދެއްވާފަ އެވެ.

ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ފަހުރޭތިން އަލްތުން ވިދާޅުވި ގޮތުގައި އިންސްޓާގްރާމް ބަންދުކުރަން ޖެހުނީ އިންސްޓާގްރާމްގެ މެނޭޖްމަންޓުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުގެ ސަބަބުން ކަމަށެވެ.

އިންސްޓާގްރާމްގައި ޕޯސްޓްކުރާ މެސެޖްތަކުގައިވެސް ހުންނަ ޖެހެނީ އެ މީހުން ބޭނުންވާ އިބާރާތްތަކާއި މަންޒަރުތައް ކަމަށް ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތުރުކީން އިންސްޓާގްރާމް ބްލޮކްކުރީ ފަލަސްތީން އަދި ހަމާސްއާ ގުޅުން ހުރި މެސެޖްތައް ފޮހޭވަރުންނެވެ.

އިންސްޓާގްރާމް އަކީ ފޭސްބުކު ވެސް ހިންގާ މެޓާއިން ކޮންޓްރޯލްކުރާ ޕްލެޓްފޯމެކެވެ. ފޭސްބުކަކީ ވެސް ކޮންޓެންޓް ސެންސަރުކުުމުގައި، ހުޅަނގުގެ މަސްލަހަތަށް ވަރަށް ބޮޑަށް ބަލާ ކުންފުންޏެކެވެ.

މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގައި އިޒުރޭލަށް ބަދުބަސް ބުނެ ފޭސްބުކްގައި ޝާއިއުކުރާ މެސެޖްތައްވެސް މެނޭޖްމަންޓުން ފޮހެ އެވެ. އަދި ހަމާސްއަށް ހެޔޮ ބަހެއް ބުނެފިނަމަ ވަކިން އަވަހަށް ފޮހެލަ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިދާކަށް ދުވަހު ފޭސްބުކުގައި ލިޔުއްވި މެސެޖެއްވެސް ވަނީ ފޭސްބުކުން ފޮހެލާފަ އެވެ. މިގޮތަށް މެސެޖްތައް ފޮހެލުމަށްފަހު ބުނަން އޮންނަ އެއްޗަކީ ފޭސްބުކްގެ ގަވާއިދާ ހިލާފު ލިޔުމެއް ކަމަށެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް އަރައި 39،000 މީހުން މަރާފައި ވާއިރުވެސް އިޒުރޭލަކީ ޓެރަރިސްޓް ގައުމެއް ނޫނެވެ. އެއްވެސް ހަތިޔާރެއް -- ކަނޑިއެއް ބަޑިއެއް ނެތް ޣައްޒާގެ ރައްޔިތުންނަކީ ހުޅަނގުން ދެކޭ ގޮތުގައި ޓެރަރިސްޓުންނެވެ.

މިހެން ކަން އޮތުމުން ޓެރަރިސްޓުންނާ ގުޅުން ހުރި ކޮންޓެންޓައް ފޭސްބުކްގައި އަދި އިންސްޓާގްރާމްގައިވެސް ޝާއިއު ނުކުރެވެނީ އެވެ.