ރިޕޯޓް

ކާށިދޫ މީހުން: "ތިޔަވާނީ އޮއިގަނޑަކަށް"

ކާށިދޫ އިން : މުހައްމަދު އަފްރާހު
Mar 27, 2018
8

އޮއިގަނޑަކީ ކަނޑުގައި ގަދައަށް އޮއިހުންނަ ތަންތަނެވެ. އެފަދަ ތަންތަނުގައި ގަދައަށް އޮއިވަރު ދަމާލުމަށްފަހު ފިލައިގެންދާނެ އެވެ. ކ. ކާށިދޫ މީހުން ދެކޭ ގޮތުގައި މި ރަށުގައި ޓޫރިޒަމް ތަރައްގީ ކުރަން ފަށާ މަޝްރޫއުތައް ވަނީ "އޮއިގަނޑު" ތަކަށެވެ. އެ މީހުން މިހެން ނުބުނެވޭނެ ސަބަބެއްވެސް ނެތެވެ. ދަނޑުވެރިކަމަށް މަޝްރޫއު ކާށިދޫ މީހުން ޓޫރިޒަމްގެ ހުވަފެން ދެކެމުން އަންނަތާ ލައްކަ ދުވަސް ވެއްޖެތާ އެވެ. އެކަމަކު މި ހުވަފެނުގައި ކުލަ ހާކާލައި ދެވޭނެ ބަޔަކު އަދި ނުފެނެ އެވެ.

"މަ ގަބޫލު ކުރާނީ ތިޔަ މަސައްކަތް ނިމުނީމަ. ތިތަން ހުޅުވުނީމަ މަށަށް ހީވަނީ ތިޔަ ވެސް ވާނީ އޮއިގަނޑަކަށްހެން،" ކާށިދޫ މެދުއުމުރުގެ މީހަކު ބަނދަރު މަތީގެ ހުރެ ދިނީ މި ޖަވާބެވެ.

އާބާދީގައި 2500 އެއްހާ މީހުން ދިރިއުޅޭ ކާށިދޫ ރައްޔިތުންނަކީ ހީވާގި މަސައްކަތްތެރި ބައެކެވެ. އެ މީހުންގެ މަސައްކަތުން ރާއްޖޭގެ އުފެއްދުންތެރި ކަމަށް ބޮޑު ކުރި އެރުމެއް ގެނެސްދެ އެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ރަސް ރަސްކަލުންނާއި ރާނީން ތިބޭނަމަ އެ މީހުން ނިސްބަތް ވާނެ އެއް ރަށަކަށް ވާނީ މި ރަށޭ ބުނެވިދާނެ އެވެ. އެކަމަކު މި ރަށުގެ މުޅި އިގްތިސާދު ހަމައެކަނި ދަނޑުވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި ފުދުންތެރިކަން އިތުރުވާނެ އިތުރު މަގު ތަކެއް އެ މީހުން ބޭނުންވެ އެވެ. ރަށުގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. މި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ބޭނުންވެ އެވެ.

ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވި ގޮތުގައި ކާށިދޫ އަށް ކޮންމެހެން ވެސް ޓޫރިޒަމް ބޭނުންވެ އެވެ.

"މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން އުންމީދު ކުރަނީ މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިމިގެން ދިއުން،" ސުލްތާން ވިދާޅުވި އެވެ.

މިރަށުގައި މިހާރުވެސް އަމިއްލަ ފަރާތްތަކުން ކުޑަ ގެސްޓްހައުސްއެއް ހިންގަ އެވެ. ނަމަވެސް އެރަށު މީހުން ބޭނުންވަނީ މި ވިޔަފާރި ފުޅާކޮށް ފާހަގަ ކުރެވޭ ރަށަކަށް މިރަށް ހަދާށެވެ. އުންމީދު ކުރަނީ ވެސް އެހެންވެ އެވެ.

މި ފަހަރު އުންމީދު މާ މަތި

ކުރިން އިންތިހާބުތަކާ ދިމާކޮށް ކާށިދޫގައި ގެސްޓްހައުސް އާއި ސިޓީ ހޮޓަލުގެ ވާހަކަ އަބަދު ދައްކަ އެވެ. މިހާރު ވެސް އެ ރަށުގައި ސީކްރޮސް މޯލްޑިވްސް ކިޔާ ކުންފުންޏަކުން 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ދަނީ އަޅަމުންނެވެ. ނަމަވެސް އެ މަސައްކަތް ފެށިތާ ތިން އަހަރުވީ އިރު މަސައްކަތް ނުނިމެ އެވެ. އެހެންވެ މިރަށު މީހުން މި ފިކުރުގައި ތިއްބައި އަނެއްކާ ވެސް މި ވަނީ މިފަދަ އެހެން މަޝްރޫއެއް ފަށާފަ އެވެ. ސުވާލަކީ މި މަޝްރޫ އަށް ވާނީ ކިހިނެއް ހެއްޔެވެ؟

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނު ކުރި މި މަޝްރޫއު ހިންގަނީ ސަރުކާރުން ފަންތީގެ ޓޫރިޒަމް ފައްކާ ކުރަން އުފެއްދި ކުންފުނި، އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ 250 އެނދު ތަރައްގީ ކުރާ ގޮތަށެވެ. ފަންސަ ވީސް ކޮޓަރީގެ ދިހަ ގެސްޓްހައުސް އަޅަން ފެށި މި މަޝްރޫއުގެ އެ މަޝްރޫ އަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) ހޭދަކުރާނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.

"ކާށިދޫ ޓޫރިސްޓް ވިލެޖް" ގެ ނަމުގައި އިއްޔެ ފަށާފައިވަނީ މި މަޝްރޫއުގެ ފުރަތަމަ ބައެވެ. މި ފިޔަވަހީގެ ދަށުން 60 ކޮޓަރި ފުރަތަމަ ފިޔަވަހީގައި އަޅާނެ އެވެ.

ސުލްތާން ވިދާޅުވި ގޮތުގައި މި މަޝްރޫއު ކާމިޔާބު ވެއްޖެނަމަ ރަށުގެ އިގްތިސާދަށް ބޮޑު ފައިދާ ތަކެއް ކުރާނެ އެވެ.

"މީގެ ކުރީގައި ވެސް ކުރީ ފަދަ އުންމީދު ތަކެއް މި ކުރަނީ. މީގައި ހަގީީގީ ކުލަ ޖެހިގެން ދިއުމަކީ ހަގީގީ އުންމީދަކީ. މީގެ ކުރިން ފެށިފައިވާ ކަންތައްތަކުގެ ސަބަބުން ކާށިދޫ ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑެތި ނުތަނަވަސް ކަމެއް އެބައޮތް. މި ފަދަ ޕްރޮޖެކްޓްތަކުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭ ހިސާބުގައި އޮތީ،" ސުލްތާން ވިދާޅުވި އެވެ.

މީގައި ހަގީީގީ ކުލަ ޖެހުން އުންމީދަކީ. މީގެ ކުރިން ފެށިފައިވާ ކަންތައްތަކުގެ ސަބަބުން ކާށިދޫ ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑެތި ނުތަނަވަސް ކަމެއް އެބައޮތް،
ކާށިދޫ ކައުންސިލްގެ ރައީސް

"އަޅުގަނޑު ޔަގީންކުރަން މި ޕްރޮޖެކްޓަކީ މާތްﷲގެ ވާގިފުޅާއެކު ކާމިޔާބު ވެގެންދާނެ ޕްރޮޖެކްޓަކަށް ވުން. މި މިފަދަ ޕްރޮޖެކްޓެއް ފެއްޓެވިކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު އަދާކުރަން،" ސުލްތާން ވިދާޅުވި އެވެ.

ގެނެސް ރާވާލާ އިމާރާތް ތަކެއް

"ޕްރީފެބް" ޓެކްނޮލޮޖީއަކީ އިމާރާތް ކުރުމުގެ މުސްތަގުބަލްގެ ގޮތުގައި އިންޖިނޭރުން ދެކެ އެވެ. މި ޓެކްނޮލޮޖީގެ އެހީގައި އެތަށް ބުރިއެއްގެ ބޮޑެތި އިމާރާތްތައް ދުނިޔޭގައި ހަދަމުންދެ އެވެ. ކާށިދޫ ގެސްޓްހައުސް މަޝްރޫއު ވެސް ކުރިއަށް ގެންދާނީ މި ޓެކްނޮލޮޖީ ރާއްޖެ ގެނެސްގެންނެވެ. މި އިމާރާތް ހަ މަސް ދުވަހުން ނިންމާނެ އެވެ.

ޕްރީފެބް އިމާރާތެއްގެ ވީޑިއޯއެއް

ކަށީދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިރު ވިދާޅުވީ މި މަޝްރޫއަށް އެއް މިލިއަން ޑޮލަރު ހޭދަވާއިރު މި ފައިސާ ހަމަޖައްސައި ދެނީ ސަރުކާރުން ކަމަށެވެ. އަދި މި އިމާރާތް ތަކަކީ "ޕްރީފެބް" ސާމާނުން އަޅާ ބިލްޑިންގް ތަކެއް ކަމަށެވެ.

"ބިންގާ އެޅިގެން މި ދިޔައީ. އިތުރު ފައުންޑޭޝަން މަސައްކަތް ކުރި އަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ފެށޭނެ. ފުރަތަމަ ފިޔަވަހީގައި ތިން ގެސްޓްހައުސް ހެދޭނެ. މި ތަނުގެ އިމާރާތްތައް ހަދަނީ ޕްރީފެބް މެޓީރިއަލް އިން. އެ މަސައްކަތް ކުރާނީ ބޭރުގެ ކުންފުންޏަކުން،" ޝާހިދު ވިދާޅުވި އެވެ.

ފީޒިބަލް ވާނެތަ؟

މާލެއާ ދުރުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް މިހާތަނަށް ފެށި މަޝްރޫއުތަށް ހަގީގަތަކަށްނުވެ، ވީ ބިލާހަކަށެވެ. ނުވަތަ އެ ފަދަ މަޝްރޫއުތައް މިހާތަނަށްވެފައި ވަނީ އިބިލީހުގެ ކައިވެންޏަށެވެ. އަދި އަދަދަށް ވެސް މިފަދަ މަޝްރޫއު ތަކެއް ނުނިމެ އެވެ. ހަމަ ދަނީ ކުރި އަށެވެ. އެހެންވެ ކާށިދޫގައި މި ފަށާ މަޝްރޫއު ވެސް މި ގޮތަށްވުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ތަޖުރިބާ އިން ބުނެވިދާނެ އެވެ. ސަބަބަކީ ވަކި އަތޮޅެއްގެ ގޮތުގައި ވެރިރަށް މާލެއާ ދުރުގައި ކާށިދޫ އޮތުމެވެ. އެހެންވެ ސުވާލަކީ މި މަޝްރޫއު ފީޒިބަލް ވާނެ ބާ އެވެ؟

މި ސުވާލަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މާތްﷲގެ ވާގިފުޅާއެކު މަޝްރޫއު ނިންމައި ޖުލައި މަހު ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

"މެދުފަންތީގެ ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އުފެއްދި ކުންފުނި [އެމްއައިޓީޑީސީ] އިން ފެށީމަ އަޅުގަނޑު އުންމީދު ކުރަނީ ޕްރޮޖެކްޓް ފަށާއިރު ފީޒިބަލް ނުވިނަމަވެސް ކުރި އަށް ގެންދެވޭނެ. ފަށާއިރު ފީޒިބަލް ނުވިނަމަވެސް ފަށައިގެން ކުރި އަށް ދިއުމުން ފީޒިބަލް ވާނެ. އެހެންވެ މިހާ ޝައުގުވެރިކަމާއެކު ކުރިއަށް މި ދަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެމްއައިޓީޑީސީ އިން މި މަޝްރޫއު ކުރި އަށް ގެންދާނީ ޕްރޮޖެކްޓް ފަށައިގެން މަޝްރޫއު ފީޒިބަލް ވުމުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ގޮތަށް ކަމަށެވެ.

"މިއީ އާ މޮޑެލްއެއް. ރައީސް ޔާމިން އިންޓަގްރޭޑެޓް ޓޫރިޒަމް ތަރައްގީ ކުރައްވަން މި ގެންނެވި މޮޑެލްގެ ސަބަބުން ކޮންމެ ރަށެއްގައި ވެސް ފަށާފަ ފީޒިބަލްވީމަ ޕްރޮޖެކްޓް އަމިއްލަ ފަރާތްތަކާ ހަވާލު ކުރާނީ. އިރާދުކުރެއްވިއްޔާ މިގޮތަށް އެހެން ރަށްރަށުގައި ވެސް ޕްރޮޖެކްޓް ކުރި އަށް ގެންދާނީ،" ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ބޮޑު ބިޔަ މަޝްރޫއެއް އަނެއްކާވެސް ކާށިދޫގެ ފެނުން މިވަނީ ތޮޅެލާފަ އެވެ. ނަމަވެސް އެރަށުގެ މީހުން މިފަހަރު އަދި ހުވަފެން ބަލާކަށް ނުފަށަ އެވެ. އެރަށު މީހުން ގަބޫލުކުރާ ގޮތުގައި މިކަންވެސް ވާނީ ކުރީގެ މަޝްރޫއުތައް ފަދަ އޮއެގަނޑަކަށެވެ.