ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރަށު ޓޫރިޒަމްގައި ދަރަނި: ރަށްތައް ފަގީރުކަމާ ދިމާލަށް!

ރާއްޖޭގެ އެންމެ ގިނަ ގެސްޓްހައުސް- ބުޓީކް ހޮޓާ - ހިންގާ ކ. މާފުށީގެ ފިހާރަތަކަށް ކުރިން ދުވާލެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 20،000ރ. އާއި 30،000ރ. ދެމެދުގެ އަދަދެއް އެވެ. ނަމަވެސް ޓޫރިޒަމް ހުއްޓުމުން މި އާމްދަނީ ވަނީ 8،000ރ. އަށް މަދުވެފަ އެވެ. މި ރަށް ފަދައިން ގެސްޓްހައުސް ވިޔަފާރީގައި ޝާމިލްވާ އެތަށް ރަށެއްގެ ބަޔަކަށް މި ގެންލުމާ ވަނީ ކުރިމަތިވެ އެވެ. މި މީހުންނަށް ބޯޑަރު ހުޅުވިނަމަވެސް ލިބޭނެ މާބޮޑު އުފަލެއް އަދިނެތެ. ސަބަބަކީ މި ވިޔަފާރިތައް ގުޅިފައިވާ ގެސްޓްހައުސް ވިޔަފާރި ބަންދުކޮށްގެން މި ވިޔަފާރި "ޕާކޮށްގެން ތިބޭތާ" ދުވަސް ގިނަވުމެވެ. ހާއްސަކޮށް ބޭންކްތަކާއި އެކި މީހުންގެ އަތުން ލޯނު ނަގައިގެން ހަދާފައިވާ ކުދި ގެސްޓްހައުސް ތަކަށް ލޯނު ދެއްކޭނެ ގޮތެއް ނެތުމުން މިހާރު ތިބީ ބޮޑު ގެއްލުމެއްގެ މެދުތެރޭގަ އެވެ. ދާނެ ކޮޅެއް ނޭނގި ހަތަރު އަނގިޅިއެއްގެ ކަންމަތީގަ އެވެ. އަދި ކޮވިޑު-19 އާ ގުޅިގެން ސަރުކާރުން ދިން އިކޮނޮމިކް ސްޓިމިއުލަސް "އެހީވެސް" ވިޔަފާރި ކުރަން ވަގުތު ނުލިބޭތީ މިހާރު ވަނީ "ދަރަނި މަޅި" އަކަށްވެފަ އެެވެ. މި ހުރިހާ ކަމަކާއެކު މި ވިޔަފާރި ކުރާ ގިނަ ބަޔަކު މިހާރު ދަނީ އިނދަޖެހުމާ ދިމާލަށް ދަތުރު ކުރަމުންނެވެ. މިކަން މިހެއްވެއްޖެނަމަ ނަތީޖާއަކަށްވާނީ ގިނަ ރަށްތަކެއްގައި ފަގީރުކަން އާއްމުވުމެވެ.

"ގިނަ ގެސްޓްހައުސްތަކުގައި ވަރަށް ދަރަނި އެބަހުރި. ކަރަންޓު ބިލް ބައެއް ތަންތަނުގައި އެބަހުރި 80،000 އާއި 100،000ރ. ގަ. ކަރަންޓު ކަނޑާލަން ފެށީމެ އެދިގެން އެކަން ހުއްޓުވިދާނެ. އެކަމަކު ހަމަ ދުވަހުން ދުވަހަށް ބިލަށް ޖޫރިމަނާ ދާނީ އަރަމުން. އެހެންވެ ގެސްޓްހައުސްތައް އަވަރަށް ހުޅުވުއި ވިޔަފާރި ފެށިގެން މީގެއް ހައްލު އޮތީ،" ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްކަން ކުރިން ކުރެއްވި އއ. ތޮއްޑޫ ސެރީނާ ގެސްޓްހައުސްގެ ވެރިޔާ އަހުމަދު ކަރަމް ވިދާޅުވި އެވެ.

ކޮވިޑުގެ ބަލި ފެތުރުމާ ހަމައަށް އައިރު މުޅި ރާއްޖޭގައި 600 ގެސްޓްހައުސް ހުރިކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި މި ދާއިރާގެ އެނދުގެ ޖުމްލަ އަދަދު އޭރުހުރީ 10،000 ފަހަނަ އަޅައި ގޮސްފައިވެ އެވެ. މިހާރުގެ ހިސާބުތައް ދައްކާ ގޮތުން 434 ގެސްޓްހައުސްގެ 7،812 އެނދު ވަނީ ހުޅުވާފަ އެވެ. ނަމަވެސް މި ބަލީގެ ސަބަބުން ބޮޑެތި ރިސޯޓުތައް ބަންދުކޮށް ގެއްލުންވެގެން ދިޔައިރު މި ގެސްޓްހައުސް ވިޔަފާރި އަށް ލިބުނު ގެއްލުން ވެސް އިންތިހާ އަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ގެސްޓްހައުސް އެސޯސިއޭޝަނުން ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި މި ބަލީގެ އެންމެ ކުރީކޮޅު ހައެއްކަ މަހުގެ ތެރޭގައި މުޅި އިންޑަސްޓްރީ އަށް ލިބުނު ގެއްލުން 30 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ) އަށްވުރެ މައްޗެވެ. އެހެންވެ މިހާރު ލިބިފައިވާ ގެއްލުން ޖެހޭނީ ވަޒަންކޮށްލާށެވެ. އެކަން ބެލޭނެ ރަސްމީ ގޮތެއް ނެތެވެ.

މި ގެއްލުން ކުޑަ ކުރަން ސަރުކާރުން އެހީވެސްވި އެވެ. ނަމަވެސް މި އެހީ ވެސް މި ވިޔަފާރި ހިންގަން ފަށަން ލަސްވަމުންދާ ވަރަށް ވެގެން ދަނީ އިތުރު ގެއްލުމަކަށެވެ. ހަމަ ބޮޑު ދަރަންޏަކަށެވެ. ކޮވިޑުގެ މިހާލަތުން އަރައި ގަންނަން ގެސްޓްހައުސް ހިމެނޭ ގޮތަށް ލޯނުތަކަށް މޮރިޓޯރިއަމް ނުވަތަ ފަސްކޮށްދިނުމެއް ގެނެސްދި އެވެ. އަދި ސަރުކާރުގެ ފައިނޭންޝަލް ބޭންކް، އެސްޑީއެފްސީ މެދުވެރިކޮށް ޓޫރިޒަމް ސިނާއަތުގެ 238 އެސްއެމްއީ އަކަށް 55.3 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. ނަމަވެސް މި ލޯނު ވެސް ދައްކަން ޖެހިފައިވާއިރު، ވިޔަފާރި ހިންގަން ފުރުސަތު ނުލިބި ލަސްވާނަމަ މި ވިޔަފާރިތަކަކުގެ އޯނަރުންގެ ބޮލުގެ ރިހުމަށް ލުޔެއް ނުލިބޭނެ އެވެ.

ތާރީހު ނޭނގޭތީ ބުކިންތައް ނަގާކަށް ނުކެރެ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި މިމަހުގެ 30 ގައި މި ސިނާއަތް ހުޅުވަން ކިޔާތީ އުންމީދުގައި ތިބި ނަމަވެސް ބުކިންއެއްގައި އަތްލާން އެ މީހުންނަށް ލާހިކެއް ނޫނެވެ. ސަބަބަކީ ބުކިންތައް ކޮންފޯމް ކުރާ ތަނުން ތާރީހު ބަދަލު ވެއްޖެނަމަ އަމިއްލަ ޖީބުން ޓޫރިސްޓު މީހާ އަށް ރިފަންޑު ދޭން ޖެހުމެވެ.

"ބުކިންތައް އެބައާދެ. އެކަމަކު އެ މީހުން ކައިރީ އަންނަން ޓިކެޓު ކޮންފޯމް ކުރާށޭ ބުނަން ނުކެރިގެން މި އުޅެނީ. މިހާރު މި ކިޔަނީ 30 ގައި ހުޅުވަން ރިވިއު ކުރާނެ ކަމަށް. އެކަމަކު ޔަގީންކަމެއް ނެތް. އަވަރަށް ނުހުޅުވުމަކީ މިއީ ލިބޭނެ ބޮޑު ގެއްލުމެއް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީން ވެސް އެބަޖެހޭ މިކަމަށް ޕްރެޝަރު ކުރަން. މަސައްކަތް ކޮށްދޭން އެހެންނޫނީ މުޅި މި ސިނާއަތުގެ ބޮޑުބައި ހަލާކު ވެދާނެ. ކުރިން މަސްވެރިކަން އޮތްގޮތަށް ރަށްރަށުގެ ދިރުމާ މި ސިނާއަތް މިހާރު ވަނީ ބޮޑަށް ގުޅިފަ."

ގެސްޓްހައުސްތައް 30 ގައި ހުޅުވަން ތާރީހެއް ލިބޭނެ ކަމަށް މި ސިނާއަތުގެ ވިޔަފާރިވެރިން އުންމީދު ކުރެ އެވެ. ސަބަބަކީ އަވަހަށް ހުޅުވައިގެން ނޫނީ މި ވަގުތަށް އޮތް "ކަރަންޓީން ޓޫރިޒަމް މާކެޓު" ވެސް ހޯދެން ނެތުމެވެ. ލަސް ކުރަމުންދާ ވަރަކަށް މެދުއިރުމައްޗަށް ދަތުރު ކުރާ މި މާކެޓު އެހެން ދިމަދިމާލަށް ޑައިވާޓުވާން ފަށާނެ އެވެ. އަދި އިތުުުރު ލުއިތަކާއެކު މި މާކެޓު އެނބުރޭނެ އެވެ. އެހެންވެއްޖެނަމަ މިއީ ރަނުގެ ފުރުސަތެއް ގެއްލުމެވެ.

ކ. މާފުށީގައި ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރިކުރާ އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި ކަރަންޓީން ޓޫރިޒަމް މާކެޓު ރައްކާތެރިކަން ކަށަވަރުކޮށް ހުޅުވިއްޖެނަމަ އުންމީދު ބޮޑު އަދި ހާއްސަކޮށް ކުދި ގެސްޓްހައުސްތަކަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މާކެޓެކެވެ. ނަމަވެސް އެކަން ވާނީ އަވަހަށް ހުޅުވިގެންކަން އޭނާ ވެސް ފާހަގަ ކުރެއްވި އެވެ.

"އެންމެ ރައްކާތެރި ފިޔަވަޅު އަޅައިގެން މި މާކެޓު ހުޅުވަންވާނީ. އެންމެ ރައްކާތެރި ފިޔަވަޅަކަށްވާނީ އެ މީހުން އައުމުގެ ކުރިން ހަދާ ޕީސީއާރުއަކީ ވެލިޑް އެއްޗެއްކަން ޔަގީންވުން،" އަބްދުﷲ ވިދާޅުވި އެވެ.

މި މާކެޓު ގެސްޓްހައުސްތަކަށް މުހިންމު

މި މާކެޓަކީ ލައްކައިން މީހުން ލިބެން އޮތް ބޮޑު މާކެޓެކެވެ. އަދި މި މާކެޓުން ލިބޭ އާމްދަނީ ވެސް ކުޑައެއް ނުވާނެ އެވެ. އެވްރެޖުކޮށް ކޮޓަރިއެއްގައި ދެ މީހުން ނުވަތަ ތިން މީހުން ބޭތިއްބިނަމަވެސް ބޮލަކަށް 600 ޑޮލަރާއި 1000 ޑޮލަރު ވަރު، 14 ދުވަހަށް އެ މީހުން ދައްކާނެ އެވެ. އަދި މި މާކެޓު ހިންގަން ހަރަދުވާނެ "އޮޕަރޭޝަން ކޮސްޓް" ކުޑަވާނެ އެވެ. އެހެންވެ މިއީ އާމްދަނީ ބޮޑު މަގެކެވެ. މި މާކެޓު ދެ މަހެއްހާ ދުވަހު ހިފެހެއްޓިއްޖެނަމަ މިހާރު ގެސްޓްހައުސްތަކުގައި އޮތް ދަރަނި އެއްކޮށް ހަލާސް ވެގެން ދާނެ އެވެ. އެކަމަކު، މި މާކެޓަކީ ގެސްޓްހައުސް ތަކަށް "ތެޔޮވަޅެއް" ގެ ގޮތުގައި ފެނުނު ނަމަވެސް ކޮވިޑު ބަލީގެ ގޮތުން މި ތެޔޮ ވަޅުގައި "ރޯވުން" ވެސް ވަރަށް ގާތެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ބޮޑު ކޮންސާންއަކީ މި އަންނަ މީހުންގެ ފަރާތުން ރަށަށް ބަލި ފެތުރުމުގެ ބިރު އޮތުމެވެ. އެހެންވީމަ އެއް ގޮތަކީ ރަަށަށް ދިއުމުގެ ކުރީގައި މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބޭނެ އަވަސް ގޮތެއް ސަރުކާރުން އިންތިޒާމު ކުރުމެވެ. އެކަން ވެދާނެ ހެއްޔެވެ؟ އަނެއް ގޮތަކީ "ކަރަންޓީން ގެސްޓުން" އަށް އާއްމު ގެސްޓުންގެ ގައިޑްލައިން ފޮލޯ ކުރުމުގެ ބަދަލުގައި އާ ގައިޑްލައިނެއް ހަދައި އެކަން ރަނގަޅަށް ބެލެހެއްޓުމެވެ. އަދި މިކަން ކުރަން ކައުންސިލްތަކަށް މަޖުބޫރުކޮށް، ޓޫރިޒަމް މިނިސްޓްރީން ރެންޑަމްކޮށް ބެލުމެވެ. މިކަން ކުރެވިދާނެ ހެއްޔެވެ؟

ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާރްތަކުން ބުނާ ގޮތުގައި ކަރަންޓީން ޓޫރިސްޓުން ގެސްޓްހައުސް މާކެޓަށް ހުޅުވާއިރު އާއްމު ގެސްޓުންނަށްވުރެ ހަރުކަށި އުސޫލުތަކެއް ގެންގުޅެވިދާނެ އެވެ.

"މި މީހުންނަކީ ރިވިއު ކުރާނެ ބައެއް ނޫން. އެހެންވީމަ މާސް އަޅަން ސީދާ އޯނަރު ބުނުމާއި އެ މީހުން އާއްމުންގެ ތެރޭގައި އުޅޭނަމަ އެކަން ހަމަ ހުއްޓުވުން މުހިންމު. ގެސްޓްހައުސްގެ ތެރޭގައި ނޫނީ އެ ސަރަހައްދުގައި އެ މީހުން ތިބެން ބާރު އެޅުމަކީ މުހިންމުކަމެއް،" ގެސްޓްހައުސްއެއްގެ ވެރިއަކު ބުންޏެވެ.

މިހާރު ގެސްޓްހައުސް ހުޅުވައި މި މާކެޓު ރައްކާތެރި ފިޔަވަޅުތަކާއެކު އަތުލެވިއްޖެނަމަ ޔޫރަޕުން ލިބޭ ބުކިންތަކުގެ ރޭޓު މަތި ކުރުމުގެ ފުރުސަތު ވެސް ލިބި މި ދާއިރާއަށް ލިބޭ އާމްދަނީ މަތިވެގެންދާނެ އެވެ. ރަށުގެ އެނދުތަކުގެ ބޮޑުބައި ފުރި ބުކިން ސައިޓްތަކުން "ތަޅު އެޅުވުމުން" ނުފުރި ހުރި ކޮޓަރިތަކުގެ އަގު މަތި ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މިކަން ވެގެންދާއިރު ގެސްޓްހައުސްތަކަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށެވެ. އަނެއްކާ އެޕްރީލުން ފެށިގެން ޓޫރިޒަމް ހައި ސީޒަން ފެށޭނެ އެވެ. އެހެންވެ އަވަހަށް ހުޅުވައި މާކެޓުކޮށްގެން ނޫނީ މި މާކެޓު ހޯދަން ދަތިވާނެ އެވެ.

ގެސްޓްހައުސްތަކުން މިހާރު ބޭނުންވަނީ ހުޅުވޭނެ ތާރީހެކެވެ. އެ ތާރީހު އެނގިގެން ނޫނީ މިހާރު ހުރި ދަރަނިތައް ހަލާސް ކުރެވޭނެ ވިސްނުމެއް ގެނެވޭކަށް ނެތެވެ. އެ ދަރަނި އެގޮތުގައި ހުރެ ހުޅުވުން ލަސްވާނަމަ ދަރަނި މައްޗަށް ދަރަނި ގިނަ ރަށްތަކެއް ފަގީރުވުމުގެ ފުރުސަތު އޮންނާނެ އެވެ.