ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

މަތީ ފަންތީގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ރަނގަޅުވަނީ

ބޯޑަރު ހުޅުވުމަށް ފަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ކުރިން އަންދާޒާ ކުރި ވަރާ ކައިރިވެސް ނުވެ އެވެ. ނަމަވެސް މަތީ ފަންތީގެ ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކުގެ އޮކިއުޕެންސީ ވަނީ ރަނގަޅު ވާން ފަށާފަ އެވެ. މިހާރު ވެސް މަތީ ފަންތީގެ ގިނަ ބަޔަކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

އަވަސް އެނގިފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ މިހާރު ހުރީ 20 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ އަދަދެއްގެ އެވެ. އަދި މި މަހުވެސް މި ރިސޯޓުތަކަށް ގިނަ ބަޔަކު އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެވްރެޖު އޮކިއުޕެންސީ 20-25 ޕަސެންޓުގައި

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރެއިން ބ. އަތޮޅުގައި ހިންގާ ސޮނޭވާ ފުށީގެ އޮކިއުޕެންސީ މިހާރު ހުރީ ގާތްގަނޑަކަށް 35 ޕަސެންޓުގަ އެވެ. އަދި ރޫމްތައް މަދު ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ހިންގާ ރަށްރަށުގެ އޮކިއުޕެންސީ އެވްރެޖު ގޮތެއްގައި ހުރީ 30 ޕަސެންޓުގަ އެވެ. މިހާރު ސޮނޭވާ ފުށީގައި ވެސް ގާތްގަނޑަކަށް 60 ޓޫރިސްޓުން ވަރު ޗުއްޓީ ހޭދަ ކުރަމުން ގެންދެ އެވެ.

ގާތްގަނޑަކަށް 40 ކޮޓަރީގެ ވެލާ ޕްރައިވެޓް އައިލެންޑުގައި ވެސް މިވަގުތު ރަނގަޅު އޮކިއުޕެންސީއެއް އެބައޮތެވެ.

ޕްރައިވެޓް ޖެޓް އޮޕަރޭޝަން ރަނގަޅުވަނީ

ބޯޑަރު ހުޅުވުމާއެކު މިހާތަނަށް ރާއްޖެއަށް އޮޕަރޭޓް ކުރަމުން ގެންދަނީ އެމިރޭޓްސް އާއި އިއްތިހާދު އަދި ގަތަރު އެއާވޭސްގެ އިތުރުން ސްރީލަންކަން އެވެ. ގަތަރު އެއާވޭސް ފަދަ ޔޫރަޕުން މީހުން ގެންނަ އެއާލައިންތަކުން އަންނަ ގިނަ ޓޫރިސްޓުން ވެސް ގޮސްފައި ވަނީ މަތީ ފަންތީގެ ރިސޯޓުތަކަށެވެ. އަދި މިހާރު ރާއްޖޭގައި ޕްރައިވެޓް ޖެޓް އޮޕަރޭޝަން ވެސް ވަނީ ރަނގަޅުވާން ފަށާފަ އެވެ. ރާއްޖެއަށް ޕްރައިވެޓް ޖެޓް ގެންނަ ކުންފުންޏަކުން ބުނި ގޮތުގައި ބޯޑަރު ހުޅުވުމާއެކު 15 އިން ފެށިގެން އެ ކުންފުނިން ފަސް ޖެޓަކަށް ވަނީ ހިދުމަތް ދީފަ އެވެ. އަދި މި މަހުން ފެށިގެން ޖެޓް އޮޕަރޭޝަން ރަނގަޅުވާނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެ އެވެ.

ހައި ޕްރޮފައިލް މީހުން ރާއްޖޭގައި

އަވަސް އެނގިފައިވާ ގޮތުގައި މިހާރު ރާއްޖޭގައި ހައި ޕްރޮފައިލް ގިނަ ބަޔަކު ދަނީ ޗުއްޓީ ހޭދަ ކުރަމުންނެވެ. މިގޮތުން މާލެ އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓަކަށް މިއަދު ވެސް އެ ފަދަ ބޭފުޅަކު ވަޑައިގަންނަވާނެ އެވެ.

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް އޯނަރަކު ނަން ނުޖެހުމަށް އެދި އަވަސް އަށް އިއްޔެ ވިދާޅުވި ގޮތުގައި އެ ރިސޯޓުގެ އޮކިއުޕެންސީ ކުރިއަށްއޮތް ދުވަސްތަކުގައި ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވެއެވެ.

"ލޮކްޑައުންގައި ގިނަ ބަޔަކު ގޭގައި ތާށިވެފައި ތިބީމަ އެމީހުން ވެސް ބޭނުންވޭ ޗުއްޓީ. އެހެންވެ ފުރުސަތު ލިބުމާއެކު ގިނަ ބަޔަކު ވަނީ ރާއްޖެ އަންނަން ފަށާފައި،" ނަން ނުޖެހުމަށް ޝަތުރުކޮށް ވިދާޅުވި އެވެ.

ރަޝިއާ ހުޅުވުމުން ރަނގަޅުވާނެ

އެހެން ރިިސޯޓެއްގެ އޯނަރަކު ވިދާޅުވި ގޮތުގައި ހައި ޕްރޮފައިލް މީހުން އައުން އިތުރުވި ނަމަވެސް އެކަށީގެންވާ ވަރަށް މީހުން އިތުރު ނުވަނީ ބައެއް ގައުމުތަކުގެ ބޯޑަރު ނުހުޅުވޭތީ އެވެ.

"ސްޕެއިން ވެސް އޮތީ އެހާ ރަނގަޅަކަށް ނޫން ކޮވިޑް-19 ގެ ހާލަތު. ހައިއެންޑް މާކެޓުގައި ރަޝިއާ މީހުން މުހިންމު ދައުރެއް އަދާ ކުރޭ. އެ ގައުމުގެ ބޯޑަރު ވެސް ނުހުޅުވާ. އެހެންވެ މި ބޯޑަރުތައް ހުޅުވުމުން އިތުރު މީހުން އަންނަން ފަށާނެ،" ރާއްޖޭގައި ހަތަރު ރިސޯޓު ހިންގާ އޯނަރު ވިދާޅުވި އެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވިފަހުން 15 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޖުމްލަ 1،769 ޓޫރިސްޓުންނެވެ. އެގޮތުން، މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އެގައުމުން މިހާތަނަށް 258 ޓޫރިސްޓުން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޗުއްޓީއަށް އައިސްފައިވަނީ 189 މީހުނާއެކު އެމެރިކާ އެވެ. ތިންވަނައަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް ހިމެނޭއިރު، ޔޫރަޕުގެ ހަތަރު ގައުމަކުން މިހާތަނަށް 370 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ މިދިއަ މަހުގެ ނިޔަލަށް ޒިޔާރަތްކޮށްފަ އެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ނޮވެމްބަރު ޑިސެމްބަރުގަ އެވެ. މި އަހަރު ޖުމްލަ 800،000 މީހުން އަންނާނެ ކަމަށް ސަރުކާރުން ލަފާ ކުރެވެ އެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިއަ މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގާ 150 އަށް ވުރެ ގިނަ ރިސޯޓުގެ ތެރެއިން، 61 ރިސޯޓެއް މިހާރު ވެސް ވަނީ އޮޕަޜޭޝަން ފަށައިގެން ޓޫރިސްޓުންނަށް ހިދުމަތް ދޭން ފަށައިފަ އެވެ.