ވަކިން ރަށެއް ތަރައްގީކޮށް، މެދުފަންތީގެ އެނދުތަކެއް އެޅުމަކީ ރާއްޖޭގެ ޓޫރިޒަމަށް އާ ކަމެކެވެ. ނަމަވެސް ދުނިޔޭގައި ތަޖުރިބާ ކުރާ އާ ކަމެކެވެ. "ބަރެސްދޫ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު" ގެ މަގުސަދަކީ ކުދި އަދި މެދުފަންތީގެ އެނދުތަކެއް ބާޒާރަށް ނެރުމެވެ. މި މަގުސަދުގައި މަސައްކަތް ފެށިފައިވާއިރު، ސުވާލަކީ މި މަސައްކަތް ވާނީ ރާއްޖޭގެ ޓޫރިޒަމަށް ކޮން ކަހަލަ ރަހައަކަށް ބާއެވެ؟
"އަޅުގަނޑުމެންގެ މަގުސަދަކީ ޓޫރިޒަމަށް މެދު ފަންތީގެ އެނދުތަކެއް ގެނައުން. އެކަމަށްޓަކައި މި މަޝްރޫއު ޕްރޮމޯޓް ކުރުމަށްވެސް މަސައްކަތް ތަކެއް ކުރެވޭނެ،" މަޝްރޫއު ކުރިއަށް ގެންދަން ހަވާލުވެފައިވާ، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހިދު ވިދާޅުވި އެވެ.
އެމްއައިޓީޑީސީ އިން މި މަޝްރޫއު ކުރިއަށް ގެންދަނީ ކުރިން މަޝްރޫއާ ހަވާލު ވެގެން އުޅުނު، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ މުޅިން ތަފާތު ކޮންސެޕްޓަރަކަށެވެ. އެމްއެމްޕީއާރުސީ އިން މި މަޝްރޫއު ކުރިއަށް ގެންދިޔައީ ބިންތައް ވިއްކައި ބިން ގަންނަ ފަރާތުން އަމިއްލަ އަށް ތަރައްގީ ކުރާ މޮޑެލް އަށެވެ. ނަމަވެސް އެމްއައިޓީޑީސީގެ މަގުސަދަކީ އެ ކުންފުނިން އަމިއްލަ އަށް މި ތަންތަން ތަރައްގީކޮށް ކުރިމަތިލާ ފަރާތްތަކަށް ބައި ގަރުނަށް ކުއްޔަށް ދިނުމެވެ.
ޝާހިދު ވިދާޅުވީ މީގެ ބޭނުނަކީ މިތަން އަވަހަށް ނިންމައި މާކެޓަށް ނެރުމެވެ.
"އަވަހަށް ނިންމައި މާކެޓަށް ނެރުމަށް މަސައްކަތް ކުރަނީ. އަށާރަ މަސް ދުވަހުގެ ތެރޭގައި ނިންމަން މިދަނީ މަސައްކަތް ކުރަމުން. އެހެންވެ އަޅުގަނޑުމެން ތަރައްގީ ކުރަނީ. ނަމަވެސް ތަން ހިފާ ފަރާތްތައް ބޭނުންވާ ގޮތަށް ތަރައްގީ ކުރާނީ،" ޝާހިދު ވިދާޅުވި އެވެ.
ބަރެސްދޫ ތަރައްގީ ކުރަނީ 30 އަށް ވުރެ ގިނަ ގެސްޓްހައުސް އާއި މޫދު ކޮޓަރި ނުވަތަ ވިލާތައް ހުންނަ ގޮތަށް ތަރައްގީ ކުރާ ތިން ހޮޓާ ހުންނަ ގޮތަށެވެ. ރަށުގައި ހުންނަ ކޮންމެ ހޮޓަލެއްގައި 100 އެނދު ހުރެ އެވެ. އަދި ގެސްޓްހައުސްތަކަކީ 25 ކޮޓަރި އާއި 50 ކޮޓަރީގެ ތަންތަނެވެ. މިގޮތުން މި ރަށުގައި ޖުމްލަ 3،000 އެނދު ހުންނާނެ އެވެ. ގާތްގަނޑަކަށް 5،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ. ގާތްގަނޑަކަށް 75 ހެކްޓަރުގެ ބަރެސްދޫގައި ގެސްޓްހައުސް/ ހޮޓާތަކުގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓާއި ސްޕާ އަދި ބާގެ އިތުރުން ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހުންނާނެ އެވެ.
މަޝްރޫއު ފަރުމާކޮށްފައިވަނީ މުނިސިޕަލް ހިދުމަތްތައް ވަކިން ދެވޭ ގޮތަށެވެ. ކަރަންޓާއި ފެން އަދި ލޯންޑްރީ ފަދަ ހިދުމަތް ދޭނީ ވަކިން ފާލަމަކުން ގުޅާލާފައިވާ މާކަންފުށީގަ އެވެ. މިގޮތުން މި ރަށުގެ ބަނދަރު ހަދައި ވަނީ ގުޅުވާލާފަ އެވެ.
އާ ކޮންސެޕްޓަށް، މަސްހުރި ހިޔާލުތަކެއް
ރާއްޖޭގެ ޓޫރިޒަމް ދުނިޔެއަށް މަގުބޫލުވެފައި މިހާތަނަށް އޮތީ "ވަން އައިލެންޑް ވަން ރިސޯޓު" ގެ ގޮތުގަ އެވެ. އެހެންވެ ރަލާއި އޫރުމަސް އަދި ވިއްކޭ ގޮތަށް ވަކިން ރަށެއްގައި ހުރިހާ ހިދުމަތެއް ތައާރަފު ކުރުމަކީ މި ކޮންސެޕްޓާ ފުށޫއަރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. ހާއްސަކޮށް މި މަޝްރޫއުގެ ސަބަބުން އަލަށް ތަރައްގީވެ ފުޅާވަމުންދާ ގެސްޓްހައުސް ވިޔަފާރި އަށް ގެއްލުންވާނެ ކަމަށް ބުނާ މީހުން ގިނަ އެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް މުހައްމަދު ކަރަމް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިއަށް އަސަރު ކުރާނެ އެވެ.
"ގެސްޓްހައުސް އައިލެންޑް މަޝްރޫއުން، ލޯކަލް ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ވެސް ގެއްލުން ވާނެ،" ކަރަމް ވިދާޅުވި އެވެ.
އަވަހަށް ނިންމައި މާކެޓަށް ނެރުމަށް މަސައްކަތް ކުރަނީ. އަށާރަ މަސް ދުވަހުގެ ތެރޭގައި ނިންމަން މިދަނީ މަސައްކަތް ކުރަނީ. އެހެންވެ އަޅުގަނޑުމެން ތަރައްގީ ކުރަނީ ވެސް. ނަމަވެސް ތަން ހިފާ ފަރާތްތައް ބޭނުންވާ ގޮތަށް ތަރައްގީ ކުރާނީއަހުމަދު ޝާހިދު، އެމްއައިޓީޑީސީ ގެ އެމްޑީ
ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށް އަންނަ މީހުންގެ އަދަދު މަދުވުމުގެ ފުރުސަތު ބޮޑެވެ.
"ގާތްގަނޑަކަށް 100 ޑޮލަރަށް ކޮޓަރި ވިއްކާފައި ރަލާއި އޫރުމަސް އެތަނެއްގައި ލިބޭނަމަ، ލޯކަލް ގެސްޓްހައުސްތަކަށް އަސަރު ކުރާނެ،" ގެސްޓްހައުސްއެއްގެ އޯނަރަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.
އެމްއައިޓީޑީސީ އިން މި މަޝްރޫއު ކުރިއަށް ގެންދާއިރު، ލ. އަތޮޅަށް އަންނަ ޓޫރިސްޓުން އުފުލުމަށް ވެސް އަގު ހެޔޮ މަގެއް ވަނީ ހޯދާފަ އެވެ. މި ހިދުމަތް ދޭނީ ގައުމީ އެއާލައިން މޯލްޑިވިއަންއިން އެވެ.
ކޮންމެއަކަސް މި މަޝްރޫއު ނިމިގެން ދިއުން ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް އަނެއްކާވެސް އާ ރަހައެއް އައުމަށެވެ.