ވިޔަފާރި

އެމްއައިޓީޑީސީގެ އާ އަމާޒު ގެސްޓްހައުސް ވިޔަފާރި އަށް އެހީވުން

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މިހާރުގެ އަމާޒަކީ ގެސްޓްހައުސްތަކަށް ބޭނުންވާ އިތުރު ވަސީލަތްތަށް ގާއިމްކޮށްދިނުން ކަމަށް ބުނެފި އެވެ.

ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ އެމްއައިޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު ވިދާޅުވީ މި ސަރުކާރުން އިސްކަމެއްދޭ ގެސްޓްހައުސް ވިޔަފާރި އަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމް ކުރުމަކީ އެ ކުންފުނިން ނުކުންނަން ބޭނުންވާ ވިޔަފާރިއެއް ކަމަށެވެ. އަދި އެ ކުންފުންޏަށް މިލިއަނުން ފައިދާ ނުވިނަމަވެސް މި މަސައްކަތް ކޮށްދޭން އެ ކުންފުނި ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ކައިރީގައި ވެސް އެބަހުރި ގެސްޓްހައުސް. އެކަމަކު އެބަހުރި ޖެޓްސްކީއެއް ނެތް. ޑައިވިން ނެތް. އެހެންވެ އިތުރު ސާވިސް ދޭން ޝައުގުވެރިވަނީ. އެއާ ގުޅިގެން އަންނަން ޖެހޭ އިތުރު ފެސިލިޓީސް ނެތް. ބައެއް ރަށްރަށް އެބަހުރި ގިނަ ގެސްޓްހައުސް. އެކަމަކު އެހެން ވަސީލަތްތަކެއް ނެތް. އެހެންވެ، އަޅުގަނޑުމެންގެ ޝައުގުވެރިކަން އެބަހުރި އެފަދަ ވަސީލަތްތައް ގާއިމް ކުރަން،" ރާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއައިޓީސީގެ މިހާރުގެ ވިސްނުމަކީ ކުންފުނިން ރަށްރަށުގައި ހަދާ އެފަދަ ތަންތަން ހިންގުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ކުންފުނި އަދާކުރާނީ ޑިވްލޮޕަރެއްގެ ރޯލު ކަމަށް ރާއިދު ވިދާޅުވި އެވެ.

"ރަށުގައި ސްޕާ އާއި އެ ފަދަ ވަސީލަތް ހެދިދާނެ. އެކަމަށްޓަކައި އަޅުގަނޑުމެން ވާނީ ގެސްޓްހައުސް އެސޯސިއޭޝަންއާ ވެސް މަޝްވަރާކޮށްފަ. އެބޭފުޅުންވެސް ވިދާޅުވި އެއީ ބޮޑު އެހީތެރިކަމެކޭ ގެސްޓްހައުސްތަކަށް ފޯރުކޮށްދެވޭނެ. އެކަމަކު މި މަސައްކަތް ކުރެވޭނީ ބިން ބޮޑެތި ރަށްރަށުގައި. އޭރުން އެ ރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް އިތުރު ނަފާ ލިބޭނެ އެ ތަންތަން ހިމައިގެން ކޮޓަރި ވިއްކީމަ،" ރާއިދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު 500 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަ އެވެ.ނަމަވެސް ގެސްޓްހައުސް ހުންނަ ގިނަ ރަށްރަށުގައި ޓޫރިސްޓުން ބޭނުންވާ އިތުރު ގިނަ ހިދުމަތްތަކެއް ލިބޭކަށް ނުހުރެ އެވެ.